ހަބަރު

ނާޒިމްގެ ބަންދުގެ މައްސަލަ މާދަމާ އިސްތިއުނާފު ކުރަނީ

Feb 10, 2015

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކުރި މައްސަލަ އިސްތިއުނާފު ކުރަން މަސައްކަތް ކުރައްވާ ކަމަށް ނާޒިމްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

މައުމޫން ވިދާޅުވީ ނާޒިމްގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން މާދަމާވެސް ކުރެއްވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޯޓް އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ބަންދަށް ކްރިމިނިލް ކޯޓުން 15 ދުވަސް ޖަހައިދީފައި ވަނީ މިއަދު ހަވީރު އެވެ.

މިއަދު ބަންދުގެ މުއްދަތުގެ މަޖިލިސް ނިންމާލުމަށްފަހު ވަަކީލު މައުމޫން ހަމީދު ވިދާޅުވީ މިއަދުގެ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތު މިރޭ 9:00 ޖަހާއިރު ނޫސްވެރިންނަށް ދެއްވާނެ ކަމަށާއި ނާޒިމަށް ކުރަނީ ނާޒިމާއި އިތުރު ބަޔަކު ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތު ކަމަށެވެ.

ނާޒިމް ހައްޔަރު ކުރި އިރު އޭނާގެ މައްޗަށް ތުހުމަތު ކުރި ހަނގުރާމަރިވެރި ހަތިޔާރު ގެންގުޅުއްވި ކަމަށް ބުނާ މައްސަލައިގައި ތަހުގީގު ނިންމުމަށްފަހު އިއްޔެ ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. ހައްޔަރު ކުރީ އޭނާގެ ބަލައި ފާސްކުރިތާ 23 ދުވަސް ފަހުންނެވެ.

މިދިއަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވާން ދަނިކޮށް ކުއްލި ގޮތަކަށް ނާޒިމްގެ ދިރިއުޅުއްވާ ގެއަށް ފުލުުހުން ވަދެ ރޭޑެއްޖަހައި އެގެއިން 9 އެމްއެމްގެ ފިސްތޯލައަކާއި އޭގެ މެގަޒިނަކާއި ތިން ވަޒަނުގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް އެއް ގެންދިޔައެވެ.

ނާޒިމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މައްސަލަ ނިންމާ ޕީޖީއަށް ފޮނުވާފައި ވަނިކޮށް ހައްޔަރުކޮށްފައވާތީ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި ތަހުގީގު ނިމިފައިވާނަމަ ހެއްކާ ގަރީނާ ހަމަ ކުރަންވާނެ ކަމަށާއި ތުހުމަތު ކުރާ ތަކެއްޗާ ނާޒިމާއި އާއިލާއަށް އެނގުމާކަ ނުލައި އެ ޕާޓްމަޓަށް ވަދެފައިވާ ތަކެތި ނޫން ކަމަށެވެ. އަދިވިދާޅުވީ ނާޒިމް ގެންދެވީ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ ކަމަށާއި މިހާރު ތަހުގީގު ނިމިފައިވާތީ ފުލުހުން ވެސް ނާޒިމާ ސުވާލު ނުކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ނާޒިމް މިއަދު ކޯޓަށް ހާޒިރު ކޮށް ބަންދުގެ މުއްދަތު ޖެހި އިރު މިއަދު 2:00 ޖެހީއްސުރެ ނާޒިމް ކްރިމިނަލް ކޯޓްގައި ހުންނެވި އިރު ކޯޓް ހިމެނޭ ސަރަހައްދަށް ގިނަ އަދެއްގެ މީހުން ޖަމާވި އެވެ. އަދި ފުލުހުން ވެސް އެ ސަރަހައްދުގައި ފޯރި މަރަމުން ގެންދިޔައެވެ.