އެސްޓީއޯ

ރެކޯޑް އަދަދަކަށް ހިއްސާދާރުން ގެންގޮސް އެސްޓީއޯ ރެކޯޑް ހަދައިފި

  • ޖުމްލަ 390 ހިއްސާދާރުން ދިޔަ
  • ފަހުގެ ތާރީހެއްގައި މިވަރަށް ޖަލްސާއަކަށް ނުދޭ
  • ހިއްސާއަކަށް ޖެހުނީ 57ރ.

ކުރުނބާ މޯލްޑިވްސްއިން: މުހައްމަދު އަފްރާހު

ފަހަކަށް އައިސް ސަރުކާރު ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާތައް ފެނުނީ ވަރަށް ފަޅު ކޮށެވެ. ހުސްގޮނޑި ގިނަ ޖަލްސާތަކެއްގެ ގޮތުގަ އެވެ. ނަމަވެސް އެސްޓީއޯ އިން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އިން މި ފަޅުކަން ފިލުވައިދީފަ އެވެ. ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އާއްމު ޖަލްސާއަކީ ފަހުގެ ތާރީހުގައި ކުންފުންޏެއްގެ އަހަރީ އާއްމު ޖަލްސާއަކަށް އެންމެ ގިނަ ހިއްސާދާރުން ހާޒިރުވި ޖަލްސާ އެވެ. މިއާއެކު އެ ކުންފުނިން މިވަނީ ރެކޯޑެއް ހަދާފަ އެވެ.

"މިއީ އެސްޓީއޯގެ ތާރީހުގައި ވެސް އެންމެ ގިނައިން ހިއްސާދާރުން ހާޒިރުވި އަހަރު. ވަރަށް އުފަލާއެކު އެކަން ފާހަގަ ކުރަން،" ޖަލްސާ ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން އެސްޓީއޯ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވި އެވެ.

އެސްޓީއޯ އިން ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 390 ހިއްސާދާރުން ހާޒިރުވެފައިވެ އެވެ. ރޯދަ މަސް ބޯމަތިވެ، ގޭގައި ކުރާނެ ކަންތައްތައް ފުނިޖެހިފައި ވަނިކޮށް މިހާ ގިނަ ހިއްސާދާރުން މި ޖަލްސާ އަށް ހާޒިރުވީ ކީއްވެގެން ހެއްޔެވެ؟ ކުންފުންޏާމެދު ހިއްސާދާރުންގެ ތަސައްވުރަކީ ކޮބައި ހެއްޔެވެ؟

އެސްޓީއޯ އިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް ދިޔަ ހިއްސާދާރެއް ބުނި ގޮތުގައި ކުންފުނީގެ ކުރިމަގު ރަނގަޅުވުމަކީ ހިއްސާދާރުން ދިޔަ އެއް ސަބަބު ކަމަށެވެ.

"މީގައި ލިބޭ އެތިކޮޅު ރަނގަޅުވުން މިއީ އެއް ސަަބަބު. އަނެއް ސަބަބަކީ އެސްޓީއޯއިން ކަންތައްތަކެއް ކުރަމުންދާކަން ރައްޔިތުންނަށް އިހުސާސްވުން،" ހިއްސާދާރެއް ބުންޏެވެ. އޭނަ ސިފަކުރާ އެއް ކަމަކީ މިދިޔަ އަހަރު އެސްޓީއޯ އިން ކާމިޔާބުކަމާއެކު ނިންމައިލި، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހެދުމުގެ މަޝްރޫއެވެ.

ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް ކުރިން ރަޖިސްޓްރީ ކުރުމަށް ހުޅުވައިލި ފުރުސަތައް ހިއްސާދާރުންގެ ފަރާތުން މިވަނީ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ވިދާޅުވީ މީގެ އިތުރުން މި ޖަލްސާއަކީ ވެގެން މިދަނީ މިހާތަނަށް އެއްވެސް ޕަބްލިކް ކުންފުންޏަކަށް އެންމެ ގިނަ ހިއްސާދާރުން ހާޒިރުވި ޖަލްސާއަށް ކަމަށެވެ.

"ލިސްޓެޑް ޕަބްލިކް ކުންފުންޏަކުން އެންމެގިނަ ހިއްސާދާރުން ނެވުނު ޖަލްސާ މިއީ. އެކަން ވަރަށް ފަހުރުވެރިކަމާއެކު ފާހަގަ ކުރަން. މި އެއްބާރުލުމަށް ހިއްސާދާރުންނަށް ޝުކުރު އަދާކުރަން. މިއީ ކުންފުނި މިގޮތަށް ހިއްސާދާރުން ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރަތަމަ ފަހަރު،" ނިޔާޒު ވިދާޅުވި އެވެ.

އެސްޓީއޯ އިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 57ރ. ބަހަން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބަހާފައިވަނީ 76ރ. އެވެ. އެގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 7.1 ބިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 435 މިލިއަން ރުފިޔާ އެވެ.