ޖެނުއަރީ މަހުގެ އާމްދަނީގެ ގޮތުގައި 1.55 ބިލިއަން ރުފިޔާ މީރާއަށް ލިބިއްޖެ އެވެ.
މިރާއިން ބުނީ މިދިއަ ޖެނުއަރީ މަހުގެ އާމްދަނީގެ ގޮތުގައި މީރާއިން އިން 1.55 ބިލިއަން ރުފިޔާ ބަލައިގަތް ކަމަށާއި މި އަދަދަކީ 2014 ވަނަ އަހަރު ޖެނުއަރީ މަހުގައި ބަލައިގަނެފައިވާ އަދަދަށްވުރެ 18 ޕަސެންޓް އިތުރު އަދަދެކެވެ. ޖެނުއަރީ މަހު ބަލައިގަނެފައިވާ އާމްދަނީ އިތުރުވީ މިދިއަ ނޮވެންބަރު މަހު ޓޫރިޒަމް ޖީއެސްޓީ ރޭޓު 12 ޕަސެންޓަށް އިތުރުވުމުން ޓޫރިޒަމް ޖީއެސްޓީ ބަލައިގަނެފައިވާ އަދަދު 62.7 ޕަސެންޓަށް އިތުރުވުމާއި، ޓޫރިޒަމް ނޫން ދާއިރާގެ ޖީއެސްޓީ ބަލައިގަނެފައިވާ މިންވަރު 17.3 ޕަސެންޓަށް އިތުރުވުމާއި، ޖަނަވަރީ 2014 އާ އަޅާބަލާއިރު ބަލައިގަނެފައިވާ ބީޕީޓީގެ އަދަދު 13.2 ޕަސެންޓަށް އިތުރުވުމާއި، ޖަނަވަރީ 2014 ގައި ބަލައިގަނެފައި ނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ޖަނަވަރީ 2015 ގައި ބަލައިގަނެފައިވާތީ އެވެ.
ފާހަގަކުރެވޭ އެހެނިހެން ބަދަލުތަކުގެ ތެރޭގައި ޖަނަވަރީ 2015 ގައި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ 4.1 ޕަސެންޓް ދަށްވެފައިވާއިރު ނޮވެންބަރު 2014 ނިމުމާއެކު ޓޫރިޒަމް ޓެކްސް ނެގުން ހުއްޓާލުމާ ގުޅިގެން، ޖަނަވަރީ 2015 ގައި ޓޫރިޒަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ވަރަށް ކުޑަ އަދަދެކެވެ.
ޖެނުއަރީ 2015 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 48.8 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. ޖަނަވަރީ 2015 ގައި ލިބިފައިވާ އާމްދަނީއަކީ މި މަހުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ 3.8 ޕަސެންޓް ދަށް އަދެދެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ޑިސެންބަރު 2014 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވުނު އަދަދަށް ފަތުރުވެރިން އައިސްފައިނުވުމުގެ ސަބަބުން ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވެފައި ވުން ހިމެނެއެވެ. އަދި ބީ.ޕީ.ޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑިކަމަށްވާ 31 ޖަނަވަރީ، ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން 1 ފެބުރުވަރީއަށް ސުންގަޑި ބަދަލުވުމުގެ ސަބަބުން ޖަނަވަރީ މަހުގައި ލިބެންޖެހޭ ބީ.ޕީ.ޓީގެ އާމްދަނީން ބައެއް ފެބުރުވަރީ މަހުގައި ލިބިފައިވުން ވެސް ހިމެނެއެވެ.
ވޭތުވެދިޔަ ޖަނަވަރީ މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީއިންނެވެ. ބީ.ޕީ.ޓީގެ ގޮތުގައި ޖަނަވަރީ މަހުގެ ޖުމްލަ އާމްދަނީގެ 48.2 ޕަސެންޓް (744.4 މިލިއަން ރުފިޔާ) ލިބިފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީގެ ގޮތުގައި، ޖުމްލަ އާމްދަނީގެ 38.7 ޕަސެންޓް (597.9 މިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވަނީ ޖަނަވަރީ މަހުގެ ޖުމްލަ އާމްދަނީގެ 5.2 ޕަސެންޓް (80.4 މިލިއަން ރުފިޔާ) އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 2.6 ޕަސެންޓް (40.9 މިލިއަން ރުފިޔާ) އަދި ރެޒިޑެންޓް ޕާމިޓުގެ ގޮތުގައި 1.2 ޕަސެންޓް (18.2 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.