ރޯދަ މަސް

"ރަމަޟާން ފްރެޝް މާކެޓް"ގެ ސްޓޯލްތައް ދޫކޮށްފި

Jun 5, 2016

އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މި އަހަރު ބާއްވާ "ރަމަޟާން ޕްރެޝް މާކެޓް" ގެ ސްޓޯލްތައް މިއަދު ދޫކޮށްފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެ މިނިސްޓްރީންގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ 30 ސްޓޯލާއި ދެ ރެސްޓޯރެންޓް ރަމަޟާން ފްރެޝް މާކެޓުގައި ހުންނާނެ ކަމަށެވެ.

"މި އަހަރުގެ މާކެޓުގެ ސްޓޯލްތައް ދޫކޮށްފައިވަނީ ރައްޔިތުންނަށް ވީހާވެސް އަގުހެޔޮކޮށް މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް،" އާދަމް ވިދާޅުވި އެވެ.

މި އަހަރުގެ ރަމަޟާން ފްރެޝް މާކެޓު އިންތިޒާމު ކުރަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މާވީ އިންވެސްޓްމަންޓުންނެވެ.

މި އަހަރުގެ ރަމަޟާން ފްރެޝް މާކެޓު ވެސް ކުރިއަށްދާނީ އާއްމުކޮށް މި ބާޒާރު އޮންނަ އަލިމަސް ކާނިވާ ސަރަހައްދުގެ ޕާކިން ސްލޮޓްގަ އެވެ. މި އަހަރުގެ ސްޓޯލްތައް ވިއްކާފައިވަނީ ސްޓޯލެއް 7،000ރ. އަށެވެ. މި ގޮތުން މި ބާޒާރު ރޯދަ މަސް ނިމިގެން ހަ ރޯދައިގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ރަމަޟާން ޕްރެޝް މާކެޓުގައި ހުންނާނެ ސްޓޯލްތައް

  • ފަސް މޭވާ ސްޓޯލް
  • ފަސް ތަރުކާރީ ސްޓޯލް
  • ކަދުރު ސްޓޯލެއް
  • ފިޔާ އަލުވި ވިއްކާ ދެ ސްޓޯލް
  • ފަރުމަހާއި ކަނޑުމަސް ވިއްކާ ތިން ސްޓޯލް
  • ކުކުޅާއި ފްރޯޒަން މީޓް ވިއްކާ ތިން ސްޓޯލް
  • ވަގުތުން ހެދިކާ ހަދާލެވޭ ތިން ސްޓޯލް
  • ޖޫސް ގިރައިދޭ ދެ ސްޓޯލް
  • ޖޫސް ދަޅުތަކާއި ޕެކެޓް ވިއްކާ ދެ ސްޓޯލް
  • ރަށްތަކަށް ހާއްސަ ދެ ސްޓޯލް
  • ދެ ރެސްޓޯރެންޓް

ރަމަޟާން ޕްރެޝް މާކެޓު ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.