ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް ކްރިމިނަލް ކޯޓަށް އެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.
މިއަދު އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ މިފަދަ މޭރުމަކުން ވާހަކަ ދެކެވޭ ކަމަށާއި އެއީ އެއްވެސް ސާބިތު ނުހިފޭ ވާހަކަ އެއް ކަމަށެވެ.
"އެއްވެސް އިރެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފެއް މަސައްކަތް ކުރައްވާފައެއްނުވާ،" ކަމަށް ނަވާޒް ވިދާޅުވި އެވެ.
ނަވާޒް މިހެން ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް ކްރިމިނަލް ކޯޓުގައި މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އެދެނު ކަމަށް ކުރީގެ ޕީޖީ މުހުތާޒު މުހުސިން ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ. ފޭކް ކޯޓު އަމުރެއް ނެރެ ރައީސް ހައްޔަރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހުތާޒު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ސީޕީ އަރީފް، ރައީސް ހައްޔަރުކުރުމަށް އެދި ކޯޓު އަމުރަކަށް އެދިފައިވާ ކަމަށެވެ. އެއީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހުންނެވިއިރު ކަމަށް މުހުތާޒު ވިދާޅުވި އެވެ.
މުހުތާޒު ވިދާޅުވީ، އެ އަމުރަށް އެދިފައިވަނީ ވެސް އަދި އަމުރު އަނބުރާ ގެންދިޔުމަށް އެދިފައިވަނީ ވެސް އަބްދުﷲ ގާޒީއަށް ސީޕީ އަރީފް ގުޅުއްވައިގެން ކަމަށެވެ. އޭރު އަރީފް ހުންނެވީ ޑެޕިއުޓީ ސީޕީގެ މަގާމުގަ އެވެ.
މުހުތާޒު ވިދާޅުވީ، ކުރިން އެނގިފައި އޮތް ގޮތުގައި އެ އަމުރު ނެރުމަށް މަސައްކަތްކުރީ ޑެޕިއުޓީ ސީޕީ އަހުމަދު ސައުދީ ކަމަށެވެ. އެކަން ސާފުކުރުމަށް ސައުދީގެ ނަން ހެއްކެއްގެ ގޮތުގައި ވެސް މުހުތާޒު ހުށަހަޅާފައިވެ އެވެ. ނަމަވެސް ސައުދީ ވަނީ ހެކި ބަސް ދިނުމަށް އިންކާރުކޮށްފަ އެވެ.