ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ފްރާންސް ކުންފުންޏަކުން ރާއްޖެއަށް އުފެއްދި ސެންޓު ނެރެފި

Jun 6, 2016
  • ނެރެފައިވަނީ "ކޮކެށި" ސެންޓް
  • ތިން ވައްތަރެއްގެ ސެންޓު ނެރެފައިވޭ
  • ސެންޓު ވިއްކަނީ ވީއައިޕީ ލައުންޖުން

ފްރާންސްގެ ކުންފުންޏަކުން ރާއްޖެއަށް ހާއްސަކޮށްގެން އުފައްދާފައިވާ ސެންޓު ފުޅި. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ނެރެފި އެވެ.

އައިއެންއައިއޭގެ ޑިއުޓީ ފްރީ އާއި އެއާޕޯޓް ވީއައިޕީ ލައުންޖުގައި ވިއްކަން ހާއްސަކޮށްގެން މި ސެންޓު ފުޅި އުފައްދާފައިވަނީ "ކޮކެށި ލައިސަންސް ބައި އެމްއީސީ" ކުންފުނިންނެވެ.

"ކޮކެށި" ގެ ނަމުގައި ނެރެފައިވަނީ މި ސެންޓުގެ ލިމިޑެޓް އެޑިޝަނެކެވެ. އައިއެންއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި މި ސެންޓު ތައާރަފު ކޮށްދީފައި ވަނީ ލަވަކިޔުންތެރިޔާ މަރިޔަަމް އުނޫޝާ (ކިޑީ) އެވެ.

މި ސެންޓު ފުޅި ފަރުމާ ކޮށްފައިވަނީ ދިވެހި ސަގާފީ ހެދުމުގައި ހުންނަ އަންހެން ކުއްޖެއް ރަމްޒުކޮށްދޭ ގޮތަށެވެ. މި ފުޅި ފަރުމާކޮށްފައިވަނީ ހަނދާނީ ހަދިޔާއެއްގެ ގެ ގޮތުގައި ވެސް ބޭނުންކުރެވޭ ގޮތަށެވެ. މި ތިން ސެންޓުގައި ފިނިފެންމަލާއި ހުވަނދުމާ އަދި އެމްބާގެ ވަސް ހިމަނާފައިވެ އެވެ.

އައިއެންއައޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ޕްރޮމޯޝަނެއް ވެސް ފަށާފައިވެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އެމްއޭސީއެލްގެ ފިހާރަތަކުން ލިބެން ހުންނަ ބައެއް މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.