ރޯދަ މަހާ ރޯއްޖާ

އެ ހަނދާނުގައި: ހައްވާ ރިޔާޒާ

Jun 6, 2016
4

ވަރަށް މަޝްހޫރު ވަރަށް ހިދުމަތްތެރި، އަޅުގަނޑުގެ ވަރަށް ގާތް މީހުން މި ދުނިޔެއާ ވަކިވެގެން ހިނގައްޖެ އެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނާއި މީހުންގެ އޮބިޗުއަރީ އަޅުގަނޑުގެ އަތުން ލިޔެފައިވާނެ އެވެ. އެފަދަ އެއްވެސް ބޭފުޅަކު އަވަަހާރަވެގެން އަދި ނިޔާވެގެން ވެސް ހިމޭން ވަގުތުކޮޅެއް ހިޔާރު ކުރުން ފިޔަވައި އަޅުގަނޑުގެ ލޮލުން ކަރުނަ ތިއްކެއް ވެސް ވައްޓާލާފައެއް ނުވާނެ އެވެ.

އެހެން ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެހާ މަޝްހޫރުވި ފިލްމް "ދެރިޔާ" ގެ އެއް ބަތަލާ، ހައްވާ ރިޔާޒާ (ހައްވަ)، މީގެ ހަމަސް ކުރިން ނިޔާވި ހަބަރަކީ އަޅުގަނޑުގެ "ބަޑި ފަޅައިގެންދިޔަ" ދުވަހަކެވެ. ކުއްލިއަކަށް އަޅުގަނޑުގެ ލޮލުން ކަރުނަ ނިރާލުމުން އޮފީސް ދޫކޮށް ގޮސް އިރުގަނޑެއް ވަންދެން ރޯންޖެހުނު ދުވަހަކަށް އެދުވަސް ވިއެވެ. އެއީ އަޅުގަނޑަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ދުވަހެކެވެ. އެއީ އެންމެންގެ ހައްވާ ރިޔާޒާ އެވެ. ބައެއް މީހުންގެ ހައްވަ މިސް އެވެ. އެކަމަކު އަޅުގަނޑުގެ "ހައްވަ ދައްތަ" އެވެ.

މަޑުމައިިތިރި ކަމާއި ހިތްހެޔޮ ކަމުގައި އަޖައިބެއްކަހަލަ ހައްވާ ރިޔާޒާގެ އެ ހިތް ގައިމު އަޑާއި އެ ޝަހުސިއްޔަތާއި ހިދުމަތްތައް ދިވެހިންނާއި ދިވެހި ފަސްގަނޑުން ފިލައި ނުގޮސް އާވެ އާވެ ހުންނާނެ އެވެ. އަޅުގަނޑާއި އަޅުގަނޑުގެ ހައްވަ ދައްތައާ ގުޅިފައިވާ ދެތިން ހަނދާނެއް ވެސް އޭގެ ތެރެއަށް ދޫކޮށްލާނަމެވެ.

ސްކޫލްގެ ކުދިންގެ ލަވަ މުބާރާތުގައި ތަރިއަކަށްވެގެން ރާއްޖެ އާއި ދިވެހިންގެ މަގުބޫލްކަން ހައްވައަށް ލިބުމުގެ ތަންކޮޅެއް ކުރިން އަޅުގަނޑުގެ "ހައްވަ ދައްތަ" އަޅުގަނޑުގެ ތަރިއަކަށް ވެއްޖެ އެވެ. މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) އަށް އަޅުގަނޑު ކިޔަވާން ދާން ފެށުމާއެކު ކިޔެވުމަށްވުރެ ބޮޑަށް ކުރެވުނު ކަމަކީ ކްލާހުގައި ކޮންމެ ދުވަހަކު ނޫހެއް ނެރުމެވެ.

ނޫހުގެ ފޯރިގަދަވެ ސްކޫލްގެ އިން ފަހަނަޅާއި ބޭރަށް ނުކުމެ އޭރުގެ އެޑިއުކޭޝަން މިނިސްޓްރާއި އެ މިނިސްޓްރީގެ ވެރިންނަށް ފާޑު ކިޔާން ފެށުމާއެކު އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިވެއްޖެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ސްކޫލަށް ހާޒިރުވުމާއެކު މިނިސްޓްރީގެ ޓީމާއި ސްކޫލްގެ ވެރިންގެ ކުރި މައްޗަށް އަޅުގަނޑު ހާޒިރުކޮށް ކުރިމަތީގައި ދެގަނޑުގެ ނޫސް ބާއްވައިގެން ތަހުގީގެއް ފަށައިފި އެވެ.

"ނުބައި ނުލަފާކަމުން ގޮސް މީއްޗަކު ކަތީބުގެ އަގު ވައްޓާފިޔޭ!" ޕްރިންސްޕަލް ވިދާޅުވި އަޑާއެކު އަޅުގަނޑުގެ ފުއްކިބައިގައި ތިން ހަތަރު ބޮނޑި އަޅާލައިފި އެވެ. ތިޔަހެން ނުހަދާށޭ ވެސް، ހަދާށޭ ވެސް އެޑިއުކޭޝަންގެ ޓީމަކުން ނުބުންޏެވެ. -- މިހާރު ނަމަ ހިއުމަން ރައިޓް އައިސް އަޅުގަނޑުގެ ނުހުނު ލޯބިވާ ޕްރިންސިޕަލް، އަލިބެ "ހޭއަރުވާލީ" ހެވެ.

ނޫސް ނެރޭ މައްސަލައިގެ ތަހުގީގު ހިނގައިގެންފި އެވެ. އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެމެވެ. ސްކޫލުގެ ވެރިން ބޭނުން ވަނީ އަޅުގަނޑު ސަސްޕެންޑް ކުރާށެވެ. އެޑިއުކޭޝަނުން ބޭނުން ވަނީ އަޅުގަނޑުގެ "އެ ކުޅިވަރު" ހުއްޓުވާށެވެ. އަޅުގަނޑު ބަހަކުން ބަހެއް ނުބުނަމެވެ. ކުޑަކުޑަ އަޅުގަނޑު ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟

ދެގަޑި އިރުގެ އެ ސަރަކާތުގެ ތެރޭގައި ދިޔަފަހުން ސްކޫލްގެ އިސް ތިން ދަރިވަރަކު އައިސް އޮފީހަށް ވަދެއްޖެ އެވެ. އޭގެ ތެރެއިން އެކަކީ ހައްވާ ރިޔާޒާ އެވެ. ދެން އަމީން އިބްރާހިމާއި އަހުމަދު ނިޔާޒެވެ. (ނިޔާޒުބޭ) އެވެ. ތިން ޕްރިފެކްޓަރުން ސްކޫލްގެ އޮފީސްތެރެއަށް ވަން ވަގުތަކީ، އަޅުގަނޑު ސްކޫލުން ވަކިކުރާން ނިންމި ވަގުތެވެ. އަދި އެއީ ސްކޫލްގެ އެންމެ ނަން ހިނގާ، އެންމެ ނުފޫޒު ގަދަ ތިން ދަރިވަރުންނެވެ. އުމުރުގެ ގޮތުން އެ މީހުން އަޅުގަނޑަށްވުރެ އަށެއްކަ އަހަރު ދޮށިވާނެ އެވެ.

"ޕްރިންސްޕަލް، އޭނާ ކަނޑައިލުމުގެ ބަދަލުގައި އަޅުގަނޑުމެނާ ހަވާލު ކުރަންވީނު! އޭނާގެ އެ މަސައްކަތުން އަޅުގަނޑަށް ފެންނަނީ ހުނަރެއް، އެ ހުނަރުން ކޮންމެވެސް ފައިދާއެއް މުސްތަގުބަލުގައި ކުރުމުގެ ފުރުސަތު އެބައޮތް،" ހައްވާ ރިޔާޒާ ބުންޏެވެ. އަހުމަދު ނިޔާޒް (ނިޔާޒުބޭބެ) އާއި އަމީން އިބްރާހިމް ވެސް ހަމަ އެހެން ބުންޏެވެ. އެކަމަކު "ފެތެމުން" ދިޔަ އަޅުގަނޑު ސަލާމަތް ކުރަން އިސް ނެގީ ހައްވާ ރިޔާޒާ އެވެ. ދެން އަމީނެވެ. ނިޔާޒުބެ މާ ބޮޑަކަށް އަޅައެއް ނުލި އެވެ. އެކަމަކު ފަހުން ވެސް އަދި މިހާރުވެސް އަޅުގަނޑާ ގާތް ކަމެއް އޮންނަނީ ނިޔާޒުބެ އެވެ.

"ހައްވަ ދައްތަ ބުނާ ބަސް އަހައިގެން މިއަދު ގެއަށްދޭ! ދެން ވެސް ވެރިންނަށް އިހްތިރާމް ކުރަން އާދަކުރޭ. އެކަމަކު ތި ކުރާ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދަންވާނެ،" ރަހިމްގެ ކެންސަރު ބައްޔަށް ސްރީ ލަންކާގެ އާސިރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހައްވާ ރިޔާޒާ އަޅުގަނޑުގެ ހައްވަ ދައްތައަކަށްވީ ހަމަ އެވަގުތު އެވެ. އޭގެ ފަހުން ވެސް އަޅުގަނޑަކީ ހަމަ އަޅުގަނޑެވެ. އުޅުމަކަށް ހަމަ ބަދަލެއް ނާދެ އެވެ. އެކަމަކު ހައްވާ ރިޔާޒާ ފެނުމާއެކު ފުށްގަނޑަކަށްވެ އިސް ދަށަށްޖެހެ އެވެ.

އަޅުގަނޑުގެ ބޯ ދިގު ކުރުމާއި ޔުނީފޯމާއެކު ޖީންސް ލައިގެން ސްކޫލް ދިއުން ވެސް އަޅުގަނޑުގެ ޕްރިންސްޕަކަށް ނުހުއްޓުވުނެވެ. އެކަމަކު އަޅުގަނޑުގެ ހައްވަ ދައްތަ އަޅުގަނޑު ހުއްޓުވައި ބޯ ކޮށުވާލި އެވެ. ޖީންސް ލައިގެން ސްކޫލަށް ދިއުން ހުއްޓުވައިލި އެވެ. ހަމަ އެންމެ ޖުމްލައަކުންނެވެ. "ސްކޫލުން ކަނޑާލާ ދުވަހު ހައްވަ ދައްތަ މަތިން ހަނދާ ނުކުރާތި!" ހައްވާ ރިޔާޒާގެ އެ ޖުމްލައަށް ފަހު ދުވަހަކު ވެސް އެ ގޮތަކަށް ހަސް ކުޑަކޮށްލައިގެން ސްކޫލަކަށް ނުދަމެވެ.

ހައްވާ ރިޔާޒާމެން މަޝްހޫރުވެ ސްކޫލް ނިމިގެން ދިއުމަށްފަހު ވެސް އެއީ އެމްއީއެސްގެ ތެރޭގައި އުޅޭ ބައެކެވެ. ދަރިވަރުންގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑު ބާރެއް ހައްވާ ރިޔާޒާމެނަށް އޮވެއެވެ. އެ ދުވަސްތަކުގައި ވެސް އެ ނެރުނު ނޫޙެއްގެ ސަބަބުން އަޅުގަނޑު އަނދާ ހުލިވާންދިޔަ ކޮންމެ ތަނެއްގައި އަޅުގަނޑު ސަލާމަތް ކޮށްދިނީ އަޅުގަނޑުގެ ހައްވަ ދައްތަ އެވެ. އެކަމަކު ދުވަހަކުވެސް ހައްވައަށް އިސް އުފުލައި ބަހެއް ނުބުނަމެވެ. ހައްވަ ދައްތާއޭ ވެސް ނުބުނަމެވެ. ހަމަ އެކަނި ގެން ގުޅުނީ ކަށިބޮނޑުގެ ބަހުރުވަ އެވެ.

ސްކޫލަށް ފަހު އަޅުގަނޑުގެ ކަންފަތް ތޮރުފާލައި ކުޑަކުޑަ ރިހި ބޮޅެއް އަޅުވައިފީމެވެ. މި ބޮޅު ނައްޓާލައިމުގެ ކުޅަދާނަކަށް އަޅުގަނޑުގެ މަންމަ އަށް ވެސް ބައްޕަ އަށް ވެސް ނުލިބުނެވެ. އެ ބޮޅަކާ ހުރެ އަޅުގަނޑުގެ އާއިލީ ބޮޅުފަތީގެ ގެތުން ވެސް ވަރަށް ބޮޑަށް ފޭވި އެވެ. އޭރު އަޅުގަނޑު އަދި ބަނޑޮސް ރިސޯޓްގެ ވަޒީފާއަކަށް ނުދަމެވެ. އެއް ދުވަހަކު މަޖީދީ މަގުގެ ފޮތި ފިހާރައަކަށް ވަންތަނުން ކުއްލިއަކަށް ފަހަތުން މީހަކު އަޅުގަނޑުގެ ކަންފަތުގެ ފޫޅާއެކު ބޮޅުގެ މަތިން ހިފުމުން ސިހިފައި ބަލައިލި އިރު ހައްވާ ރިޔާޒާ އެވެ. ގަތް ލަދުންނާއި ގަންނާކުރެއްވި ބިރުން ފިހާރައިގެ ތެރޭގައި ހުރެ ބޮޅު ނައްޓާލީ އެެވެ. އެ ބޮޅު ނައްޓަމުން ދިޔައިރު "މިހާރު ނުވެ އޮތް ކަމަކީ ތިއީ ހެއްޔޭ" ބުންޏެވެ. އެފަހުން ބޮޅެއް ނާޅުވަމަވެ. އެގޮތަށް ހުރެ އެ ލޯވަޅަށް މަސް އަރައި ބެދިގެން ދިޔައީ އެވެ.

ހައްވާ ރިޔާޒާ މަގުމަތިން ފެނުނަސް އަޅުގަނޑަށް އިސް ދަށަށް ޖެހެ އެވެ. ފަހަކަށް އައިސް އަޅުގަނޑަށް ފެންނަނީ ކަލާފާން ސްކޫލް ކައިރިންނެވެ. އަޅުގަނޑު ހަދާ ގޮތަކީ ފެނުމާއެކު އެހެން ގޯޅިއެއް އަޅަނީ އެވެ. ހަގީގަތުގައި އަޅުގަނޑު ލަދު ގަންނަނީ އެވެ. އެކަމަކު ހައްވާ ރިޔާޒާއަކީ އަޅުގަނޑު ބަދަލުކޮށްލި އަޅުގަނޑުގެ "ހައްވަ ދައްތަ" އެވެ. އަޅުގަނޑު ފުރަތަމަ ވަޒީފާ، ބަނޑޮހުގެ ސްޓާފް ބަދިގޭގެ ކައްކާއެއްގެ ހިތް ދަތި ދުވަސްތަކުން މިންޖުވެ އަޅުގަނޑު މުންޑޫ އާދަމް ހަލީމަކަށް ވުމުގެ ދަތުރު ފެށުމުގެ އިންސްޕިރޭޝަން އައީ ހައްވާ ރިޔާޒާގެ ލޮލަށް ފެނުގެ އަޅުގަނޑު ހުނަރު އަނބުރާ ގެނައުމަށް ބަނޑޮހުގ ބަދިގޭގައި ހުރެގެން ތައްޔާރު ކުރި ނޫހުންނެވެ. އޭގެ ފަހުން އަޅުގަނޑު ދުށް އިލްމީ ކޯރުގައި ފަތާލެވިގެނެވެ. ހައްވާ ރިޔާޒާ ނިޔާވުމުގެ ދުވަސްތަކެއް ކުރިން ދިމާވި އެވެ. އެ ދުވަހު އެހެން ބަޔަކާއެކު ހުރީ އާޓިފިޝަލް ބީޗް ކައިރީގައެވެ. ހަމައެކަނި ހިނިތުންވުމެއް ދީގެން ހުއްޓެވެ. ހަގީގަތުގައި ހައްވާ ރިޔާޒާ ނިޔާވުމުން އަޅުގަނޑަށް އެހާ ބޮޑު އަސަރެއް ކުރީ އެހެންވެގެނެވެ. އެ ހަނދާންތަކާ އަޅުގަނޑާ ވަކިވުމެއް ނެތެވެ. އެއީ އަޅުގަނޑުގެ ހައްވަ ދައްތަ އެވެ.