ރޯދަ މަހާ ރޯއްޖާ

ރޯދަ ބާޒާރަށް ރޭ ނުކުތް މީހުން މިލިއަނުން ވިޔަފާރިކޮށްފި

Jun 6, 2016
  • ރޭ ފިހާރަތަކުގެ ވިޔަފާރި އަރައިގެން ދިޔަ
  • ބޮޑެތި ފިހާރަތައް ފެނުނީ ތޮއްޖެހިފައިވަނިކޮށް
  • އެންމެ ބާރު ބޮޑުވީ ރެޑްވޭވްގެ ފިހާރަތަކަށް

ރޯދަ ވެއްޖެކަން އިއުލާން ކުރުމާއެކު ކުއްލިއަކަށް ގިނަ ފިހާރަތަކުން ރޭ ފެނުނީ ހަލަބޮލި ކަމާއި ބިޒީ ކަމެވެ. ފިހާރައަކަށް ވަންނަން ގޮސް ނުވަދެވި އެތައް އިރަކު ތިބެން ޖެހުނެވެ. ފައިސާ ދައްކާ ކައުންޓަރުގެ ކިޔޫގައި އެތައް އިރަކު މަޑުކުރަން ޖެހުނެވެ. ރޯދަވެއްޖެކަން ޔަގީން ވުމުން ގިނަ ފިހާރަތަކުގެ ވިޔަފާރި އިރުކޮޅެއްގެ ތެރޭގައި ރޭ ޓަސްލާފައި އަރައިގެން ދިޔައީ ބަޑިއެއް ޖެހިހެނެވެ.

"ރޭ އެއީ އެންމެ ބުރަ އެއްރޭ. ހަމަ އެއްގޮތަކަށް ވެސް ނޭވާލާނެ ތަންވަޅެއް ނުވޭ،" މާލޭގެ އެންމެ ބޮޑު އެއް ފިހާރަ ކަމަށްވާ "ރެޑްވޭވް" ގެ ކޭޝިއަރަކު ބުންޏެވެ.

މާލޭގެ ބޮޑެތި ފިހާރަތަކަށް ބަލާއިރު ހުރިހާ ފިހާރައެއް ވެސް ރޭ އޮތީ ގާތްގަނޑަކަށް ފުރިފަ އެވެ. ނަމަވެސް ރެޑްވޭވް އިން މާލޭގައި ހިންގާ ގިނަ ފިހާރަތަކުގެ ތޮއްޖެހުން ބޮޑުކަން ފާހަގަ ކުރެވެ އެވެ. މަޖީދީމަގު ރެޑްވޭވާއި މާފަންނު ރެޑްވޭވްގެ ފިހާރަތަކުގެ ބާރު ބޮޑެވެ. އަދި އެސްޓީއޯ ސުޕަމާޓާއި އަގޯރާގެ ފިހާރަތައްވެސް އޮތީ ފުރިފަ އެވެ.

ރެޑްވޭވް ފިހާރައިގެ މެނޭޖަރު އަލީ ޝަހީމް (އައްޔަ) ވިދާޅުވީ އެ ފިހާރައަށް މީހުން ވަދެ ބާރުވީ އަގު ވެސް ހެޔޮވުމުން ކަމަށެވެ.

"އާއްމު ގޮތެއްގައި ބަލާއިރު ޖުމްލަ ގިނަ އެއްޗިހީގެ އަގުތައް ހެޔޮވާނެ. ޖުމްލަ ގޮތެއްގައި ބަލާނަމަ އަގުތައް ތަފާތު ވާނެ،" އައްޔަ ވިދާޅުވި އެވެ.

ވިޔަފާރިކުރަން ގިނަ ބަޔަކު ބޮޑެތި ފިހާރަތަކަށް ގޮސްފައިވާއިރު، ރެކޯޑު އަދަދަށް ވަނީ ވިޔަފާރިކޮށްފަ އެވެ. މިގޮތުން ފިހާރަތަކުން ވަނީ މިލިއަނުން ވިޔަފާރިކޮށްފަ އެވެ. ރޭ ގިނަ ފިހާރަތަކުން އެންމެ އާއްމުކޮށް ވިކިފައިވަނީ ކުކުޅާއި ތަރުކާރީގެ ބާވަތްތަކެވެ. ސަބަބަކީ ހާރު ކެއުމަށް ބޭނުންވާ އެއްޗިހި ތައްޔާރު ކުރުމަށެވެ.

"ކޮންމެހެން ވެސް އެއްޗެއް އެބަޖެހޭ ހަދަން،. ކުކުޅު ހިކިކޮށް އާއްމުކޮށް ހާރު ގަޑީގައި ހުންނާނެ. އެހެންވެ މި ގަންނަނީ،" ރެޑްވޭވްގެ ފިހާރައެއްގައި ހުރި އައިމިނަތު އަލީ ބުންޏެވެ.