ދީން

އެންމެ ބަރަކާތްތެރި ލިޔުންތެރިޔާ!

އެމީހެއްގެ ރީތި އަތު ލިޔުމުން ލިޔެ ނިންމާލައިވާ ފޮތެއްގެ 300 މިލިއަނަށް ވުރެ ގިނަ ކޮޕީ ދުނިޔޭގެ އެތަން މިތަނަށް ބަހައިލެވިފައިވާ ނަމަ، އެއީ އަތުލިޔުމުގެ ރޮނގުގައި ވަރަށް މަޝްހޫރު ހުނަރުވެރިއަކަށް ވާނެ ނޫންތޯ އެވެ؟ މި ފަޚުރު މިހާތަނަށް ޙާޞިލްކޮށްފައިވާ ހަމައެކަނި ޝަޚްޞިއްޔަތަކީ، މާތްވެގެންވާ މަދީނާގެ މަޖްމަޢުލް މަލިކު ފަހުދުގައި ޗާޕްކުރެވޭ ކީރިތި ޤުރުއާނުގެ އަޞްލު ލިޔުނު އަތުލިޔުމުގެ ވެރިޔާ، ޢުޘްމާން ޠާހާ އެވެ.

ޢުޘްމާން ޠާހާއަކީ ސޫރިޔާއަށް ނިސްބަތްވާ މުސްލިމެކެވެ. އުފަންވީ 1934 ވަނަ އަހަރުއެވެ. އެންމެ ކުޑައިރުއްސުރެވެސް ރީތި އެކި ގޮތްގޮތަށް ޢަރަބި ލިޔުމަކީ ޠާހާގެ ޝައުގެކެވެ. އެކި ވައްތަރުގެ އަދި އެކި ފޮންޓުގެ ޢަރަބި ލިޔުމުގެ ހުނަރު އުނގެނުމަށް ދުނިޔޭގައި އެދުވަސްވަރު ތިބި އެންމެ ކުޅަދާނަ އަތުލިޔުންތެރީންގެ ކިބައިން ޠާހާވަނީ ދަރިވަރުވެފަ އެވެ.

ރީތި އަތުލިޔުމަކުން ކީރިތި ޤުރުއާން އެކީގައި ލިޔެދިނުމުގެ މަސައްކަތް ޠާހާ ފުރަތަމަ ކޮށްދިނީ ސޫރިޔާގެ ސަރުކާރަށެވެ. އެއީ 1970 ވަނަ އަހަރުއެވެ. އެއަށްފަހު މިއަދާ ހަމަޔަށް ޠާހާގެ އަތުލިޔުމުން އެކި ފޮންޓްތަކުގައި ކީރިތި ޤުރުއާން އެކީގައި 10 ފަހަރަށް ލިޔެފިއެވެ.

1988 ވަނަ އަހަރުން ފެށިގެން ޠާހާ ދިރިއުޅުން ސަޢޫދީޢަރަބިއްޔާއަށް ބަދަލުކުރިއެވެ. އެއީ ކީރިތި ޤުރުއާން ރީތި އަތުލިޔުމުން ލިޔެ ގިނަ ޢަދަދަކަށް ޗާޕުކޮށް މުޅި ދުނިޔެއަށް ބެހުމަށް ސަޢޫދީ ރަސްގެފާނު ފަހްދު ބިން ޢަބްދުއްޢަޒީޒް ރަޙިމަހުﷲ ޚާއްޞަ އެކުވެންޏެއް (ކޮމްޕްލެކްސް އެއް) އުފެއްދެވުމާ ގުޅިގެންނެވެ.

ދިވެހިރާއްޖެއިން ޢާއްމުކޮށް މި ފެންނަ ސަޢޫދީއިން ޗާޕްކޮށްފައިވާ އަތުލިޔުން ނުހަނު ރީތި އެކިވަރުގެ ކީރިތި ޤުރުއާނުގެ ކޮޕީތަކަކީ ޠާހާގެ ރީތި އަތުލިޔުންތަކެވެ. އެއީ ކޮމްޕިއުޓަރުން ކޮށްފައިވާ މަސައްކަތެއް ނޫނެވެ. ސަޢޫދީގެ ކީރިތި ޤުރުއާން ލިޔެ ޗާޕްކުރާ މި ކޮމްޕްލެކްސްއަށް ތަފާތު ރީތި އަތުލިޔުންތަކުން މުޅި ޤުރުއާން އެކީގައި 4 ފަހަރަށް ޠާހާ މިހާރު ލިޔެދީފިއެވެ. މި އަޞްލުތަކުން 300 މިލިއަނަށް ވުރެ ގިނަ ކޮޕީ ޗާޕްކޮށް މިހާތަނަށް މުޅި ދުނިޔެއަށް ވަނީ ބަހައިފައެވެ. އަދި މި އަޞްލުތަކުގެ އީ-ވާޝަންވެސް ވަނީ އިލެކްޓްރޯނިކް އާލާތްތަކުގައި ޢާއްމުވެ މަޤްބޫލުވެފައެވެ.

ޠާހާގެ އަތުލިޔުމުގެ ރީތިކަމުގެ އިތުރަށް ކޮންމެ ޞަފްޙާއެއްގައި އާޔަތެއްގެ ނިމުން އޮންނަ ގޮތަށް، އަދި ޤުރުއާނުގެ 114 ސޫރަތާ، 30 ފޮތާ، ކޮންމެ ފޮތެއްގެ ހަތަރުބައިކުޅަ ބަޔެއްގެ ނިމުން ފަސޭހައިން ފާހަގަކުރެވޭ ގޮތަށް، ސަޖިދަވަޅުތައް ފަސޭހައިން ވަކިވާގޮތަށް، ލޮލަށް ފަސޭހަ ކިޔާލަންވެސް ފަސޭހަގޮތަށް ޢަރަބިބަހުގެ އަކުރުތައް ގުޅުވައި ކަލިމަތަކާ އާޔަތްތައް ވަކިކޮށްފައިވާ އަތުލިޔުމުގެ ކަވި މަސައްކަތަކީ ތަޢުރީފް ޙައްޤު މަސައްކަތެކެވެ. ޠާހާގެ ލިޔުމުން އޮތް މުޞްޙަފެއްގެ ލިޔުމުގެ ތަރުތީބުކަން ވިސްނައިލުމުން މި މަސައްކަތުގެ ބުރަކަމާ މޮޅުކަން ވަޒަން ކުރެވެއެވެ.

މުޅި ޤުރުއާނުގެ އަތުލިޔުމުގެ އަޞްލެއް އެކީގައި ލިޔެ ކުށްފިލުވައި އެކަށައަޅަން ދެއަހަރުބައި ނަގާކަމަށް ޠާހާ ބުނެއެވެ. އެއީ ރެއާ ދުވާލުގެ ގިނަ ވަގުތުތައް އެކަމަށް ޚާއްޞަކޮށްގެންނެވެ.

"އަހަރެން ޤުރުއާން ލިޔަން އަބަދުމެ އިންނަނީ ވުޟޫ މަތީގައި. އެކި ޚިޔާލާ ފިކުރުތަކުން ވީހައިވެސް ބޮޑަކަށް ދުރުވުމަށް އަހަރެން މީހުންނާ އެކަހެރިވެ އުޅުން އާދަކުރިން. ފާފައަކަށް ދުވަހަކުވެސް އަރައެއް ނުގަންނަން. ޤުރުއާން ލިޔަމުންދާއިރު އަހަރެންނަށް ކުރެވެނީ އާދަޔާ ޚިލާފު އިޙްސާސްތަކެއް. ﷲގެ އާޔަތްތަކުގައި އަންނަ އުފާވެރި ޚަބަރުތަކާ، އިންޒާރުތަކާ، އެކި ކަންކަމުގެ ޙަޤީޤަތްތަކާ، މާޒީގެ ޢިބްރަތްތެރި ވާހަކަތަކާ މިހުރިހާ އިޙްސާސެއްގެ ތެރޭގައި ވަގުތުތައް ދާގޮތެއްވެސް ނޭނގެ. އަހަރެންގެ މުޅި އުންމީދަކީ ﷲގެ އަހަރެންނަށް ސުވަރުގެ ދެއްވުން. ނަރަކައާ ﷲގެ ޢަޛާބުން ސަލާމަތްކުރެއްވުން. މި އިޚްލާޞްތެރި މަސައްކަތް ﷲ ޤަބޫލުކުރެއްވުން." ޠާހާގެ ޕްރޮފައިލް ލިޔާ ކޮންމެ މީހަކު އޭނާގެ އެ ބަރަކާތްތެރި މަސައްކަތާމެދު ސުވާލުކުރުމުންވެސް ޠާހާގެ ޖަވާބަކީ މިއީއެވެ.