މީހުން

ފަރީހާ އެނގިއްޖެ! މިއީވާ އަންހެނެއް!

ގިނަ ބަޔަކަށް ފެންނަ މޫނަކަށް ނުވާތީ ނަން ބުނެލާއިރަށް އެކަތިފަހަރުން ކާކުކަން އެނގޭހާ މައްޝޫރެއް ނޫނަސް ރަނގަޅަށް އޭނާ ދަންނަމީހެއްގެ ގާތުގައި އެއީ ކާކުހެއްޔޭ އަހާލައިފި ނަމަ ބުންނާީ އެއީ "ފިސާރި ކުޅަދާނަ އަންހެނެކޭ" އެވެ. އެހާވަރަށް ތައުރީފު ވެސް ކޮށްފާނެ އެވެ. މިއީ ފަރީހާ ޝަރީފެވެ. ދިވެހި ބޭންކް، ބީއެމްއެލްގެ ޗެއާމަނެވެ. އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓަޑްގެ ފައުންޑާ އެވެ.

ގައުމީ ބޭންކްގެ ޗެއާމަނޭ ބުނުމުން އެއީ އިސް އުފުލައި ބަލަން ޖެހޭ ވަރަށް އުދުހިފައި އުޅުއްވާނެ ބޭފުޅެއްގެ ގޮތުގައި ސިފަ ވިޔަސް ފަރީހާގެ ވާހަކަ މުޅިން ތަފާތުވެފައި އަންނަނީ ހަމަ ބިމަށެވެ. އެހާ ތަނަވަސް ނޫން އާއިލާއަކަށް އުފަންވި ފަރީހާ މިހާރު ހުންނެވި މަގާމަށް ވަޑައިގަތީ މީހަކަށް މަސައްކަތް ކުރެވޭނެ އެންމެ ދަށުގައި ވެސް ބުރަކޮށް މަސައްކަތް ކުރައްވައިގެނެވެ. "އަންހެނަކަށް ވީތީ ނުވާނެ" އެއީ ފަރީހާ ޑިކްޝަނަރީގައި އޮންނަ ލަފުޒުތަކެއް ނޫނެވެ. އެބަސްތައް ބޭނުން ކުރާ މީހުން ބަލަބަލާ ތިއްވާ ފަރީހާ ދިޔައީ ކުރިޔަށެވެ. ދެން މައްޗަށެވެ. މިހާރު އެއީ ދިވެހިން ރާއްޖެ އާއި ދިވެހިން ފަހަރުވެރިވާ ދިވެހި ބޭންކުގެ ޗެއާމަނެވެ.

މާލީ ދާއިރާއިން ރާއްޖޭގެ އެންމެ މަތީ ފަންތީގައި މިހާރު ހުންނެވި އެއް ބޭފުޅަކަށް ފަރީހާ ވެވަޑައިގެންނެވި ނަމަވެސް އެއީ ފަރީހާ ކިޔަވާ ވިދާޅުވި އިރު މުސްތަގުބަލު ދެކެވަޑައިގެންނެވި ދުރުމިއަށް ދުރު ފެނުނު ގޮތެއް ނޫނެވެ. ފަރީހާ އެންމެ ފުރަތަމަ ބޭނުންފުޅުވީ ޑޮކްޓަރަކަށް ވެވަޑައިގަންނަވާށެވެ. އެހެން ނަމަވެސް ކިޔެވުން ކުރިޔަށް ގޮސް ވަކި ހިސާބަކުން ވިޔަފާރި ދާއިރާއަށް ވަދެވަޑައިގެން މާ ބޮޑަށް އެކަމަށް ޝައުގުވެރިކަން ދެއްވުނީ އެވެ.

އެވާހަކަ އޭނާ އަވަސް އަށް ވިދާޅުވެ ދެއްވަނީ މިހެނެވެ:

"އަޅުގަނޑު މި މަގާމުގައި ހުންނާނެ ކަމަކަށް އެއް އިރެއްގައި ވެސް ހީނުކުރަން. ކުޑަ އިރު ވާން ބޭނުންވީ ޑޮކްޓަރަކަށް. އެހެންވެ ކިޔެވީވެސް އެ ދާއިރާ އިން. ދެން އޭރު އިތުރު މާއްދާތައް ވަރަށް ހަދަން ފޯރި ހުރޭ. އެހެންވެ އަމިއްލައަށް ކޮމާސްގެ ހުރިހާ މާއްދާތައް ވެސް ހެދިން. ފަހުން ވިޔަފާރިއާ މާލީ ކަންކަމަށް ކޮންމެވެސް ވަރަކަށް ޝައުގުވެރިވެފައި ހުރީ. އަސްލު ބޮޑަށް އެކަމަށް ވަދެ ވުނީ ބައްޕައަކީ އަމިއްލަ ވިޔަފާރިއެއް ކުރައްވާ ބޭފުޅަކަށް ވެފައި ބައްޕައާއެކު ވަރަށް ގިނައިން ވިޔަފާރީގައި އުޅެވޭ. އެހެންވެ ކަންނޭނގެ ވަރަށް ބޮޑަށް ވިޔަފާރި ދާއިރާއަށް މި ހިތްޖެހުނީ. އެހެން ނަމަވެސް އަޅުގަނޑު ވަރަށް އޯޕަން ކޮށް އުޅުނީ. ސައިންސް ދާއިރާވެސް ދުލެއް ނުކުރަން. އެވެސް ކިޔވަމުން ދިޔައީ. އެއީ ސައިންސްގައި މަތިން ފާސްވީމަ ޗާންސް ބޮޑުވާނެ ކަމަސް ބަލައިގެން،"

މާލެއިން ކިޔަވާ ވިދާޅުވުމަށްފަހު ލިބި ވަޑައިގެންނެވި ސްކޮލާޝިޕެއްގައި ކިޔަވާ ވިދާޅުވާން ފަރީހާއަށް ފުރުސަތު ލިބި ވަޑައިގެންނެވީ މެލޭޝިއާ އާއި ނިއުޒިލެންޑުންނެވެ. އެ ގައުމު ތަކުގައި ކިޔެވުން ފުރިހަމަ ކުރެއްވި އިރުވެސް އިތުރުވަގުތު ހޯއްދަަވައިގެން މަސައްކަތް ކުރެއްވި އެވެ. އެގޮތުން ލައިބްރަރީއެއްގައި މަސައްކަތް ކުރައްވަމުން ރީސާޗް އެސިސްޓަންޓަކަށް ވެވަޑައިގެންނެވި އެވެ.

އެހާ ބުރަކޮށް އުޅުއްވަމުން ލިބޭ ހުސް ދުވަސްތަކުގައި ފަރީހާގެ ޝައުގުވެރިކަން ދޫކޮށްލެވީ ދުނިޔެ ވަށައި އުދުހުމަށެވެ. ދަތުރު ކުރެއްވި ގައުމުތަކުގައި ދެ ވަޒީފާއެއް އަދާ ކުރައްވާ ލިބި ވަޑައިގެންނެވި އާމްދަނީން ވެސް ގައުމުތަކަށް ދަތުރު ކުރެއްވި އެވެ. ދިގު ދަތުރުގެ ތެރޭގައި ޑިގްރީއަށް ކިޔަވާ ވިދާޅުވި ފަހު އަހަރުގައި މާސްޓާސް ހަދަން ފުރުސަތު ލިބި ވަޑައިގެންނެވި އެވެ. އެއީ 2002 ވަނަ އަހަރުގަ އެވެ. އަދި 2004 ގައި މާސްޓާސް ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގެންނެވި އެވެ.

ފަރީހާ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީގައި ހުންނަވައިގެން ވެސް އެކި ފަރާތްތަކުގެ ވިޔަފާރިތަކަށް ކޮންސަލްޓެންސީ ދެއްވައި ލިބި ވަޑައިގަންނަވާ ހުސް ވަގުތުގައި އެކަން ކަމަށް ވަގުތު ދެއްވި އެވެ.

"އޮފީސް ނިންމާގޮތަށް އަޅުގަނޑުދަނީ އިތުރު މަސައްކަތްތައް ކުރަން. އެހެންވެ ވަރަށް ގިނަ އެއްޗެހި ދަސްވި. އަދި އަމުދުން މުސާރައަކަށް ނޭދޭތީ ބޮޑެތި މަސައްކަތްތައް ޖައްސާ، އެހެން ދޮޅުއަހަރެއްހާ ދުވަހު އުޅުނިން. އޭރު ވަރަށް ބޮޑަށް ވިޔަފާރި ދާއިރާ ދަސްވެއްޖެ އެގޮތަށް ކުއްލި އަކަށް ބޮޑެތި މަސައްކަތްތައް ކުރަން ފެށީމަ ވަރަށް ގިނަ އެއްޗެހި ވަރަށް އަވަހަށް ދަސްވި" ފަރީހާ ވިދާޅުވި އެވެ.

އެހެން އުޅުއްވި އިރު އެއް ކަމެއް ފަރީހާއަށް ފާހަގަ ކުރެއްވުނެވެ. އެއީ ބައެއް ކުންފުނިތައް ކުރިއަރައި ދުއްވައި ނުގަންނަ ސަބަބެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ކުންފުނި ތަކުގައި ދިވެހިންގެ މަސައްކަތް ކޮށްލައިފި ނަމަ ހައްލުކޮށްލެވޭނެ ބައިވަރު ކަންކަން އޭނާ އަށް ވަނީ ފާހަގަ ކުރެއްވިފައެވެ. އެކަންކަން ދިރާސާ ކުރައްވާ އެންމެ ފަހުން ފަރީހާ ނިންމެވީ އެފަދަ ފަރާތްތަކަށް ކޮންސަލްޓަންސީ ދޭ އަމިއްލަ ވިޔަފާރިއެއް އުފައްދާށެވެ. ނަމަވެސް ބައްޕައާއެކުގައި ކުރެއްވުނު ތަޖުރިބާއަށް ބަލައި ކުއްލިއަކަށް ވިޔަފާރިއެއް ފެށުމަކީ ފަސޭހަ ކަމެއް ނޫން ކަން ވެސް އޭރު އެނގިވަޑައިގެންނެވި އެވެ.

"އެހެންވެ ފަށަން ބޭނުންވާ ވިޔަފާރިތަކަށް ލަފާދޭ ކޮންސަލްޓެންސީ މަސައްކަތައް ތަޖުރިބާ ހުރި ބަޔަކާއެކީ ކޮށްލަން ސްރީލަންކާއަށް ދިޔައީ އެ ގައުމުގައި އެދާއިރާއިން ކިޔަވަމުން ކޮންސަލްޓަންސީ ދާއިރާއިން ބައިނަލްލަގުވާމީ ފެންވަރުގެ ކުންފުންޏެއް ކަމަށްވާ ކޭޕީއެމްޖީ ގައި މަސައްކަތް ކުރީ. އެނބުރި މާލެ އައީ އެ ތަޖުރިބާތަކާއެކު،" އޭނާ ވިދާޅުވި އެވެ.

ފަރީހާގެ ދިގު ދަތުރުގައި އަމިއްލަ ވިޔަފާރިއެއް ފެއްޓެވީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ވިޔަފާރި ފަށަން ޖެހުނީ ސުމަކުންނެވެ. އިންވެސްޓު ކުރާނެ ފައިސާތަކެއް ނެތި އެވެ. ފުރަތަމަ އޮފީހެއް ގޮތުގައި ބޭނުން ކުރީ ސީލިންގުވެސް ނުކުރާ ކުލީ ކޮޓަރިއެކެވެ. އެއީ ފަރީހާ ފަހަތަށް ޖެހިވަޑައިގަންނަ ޖެހޭ ސަބަބަކަށް ނުހައްދަވާ ދެ ޕާޓްނަރުންނާއެކު ވަޑައިގެންނެވީ ބާރަށް ކުރިޔަށެވެ. ފުރަތަމަ ޕްރޮޖެކްޓްގައި ލިބުނު ފައިސާއިން އޮފީސް ހަދާފައި ބެލި އިރު ގޮނޑިއާ މޭޒު ގަންނާނެ ފައިސާއެއް ނެތެވެ. ދެ ވަޑައިގެންނެވީ ނީލަން ފިހާރައަށެވެ. އެތަނުން ގޮނޑި މޭޒު ހޯއްދަވައިގެން ގަނެ ސައިކަލުގައި ބޯމަތިން އުފުއްލެވި އެވެ. ތުރާލުގައި ކުރި އެ މަސައްކަތް ވެސް މަޑުމަޑުން އުފުލެމުން ކާމިޔާބު ވަމުން ދިޔަ އެވެ.

"އެހާލުން މީގެ 10 އަހަރު ކުރީގައި މަސައްކަތް ފެށީ. އެއީ ދެރަވާ ކަމެއް ނޫން. ފަހުރުވެރިކަމާއެކު އަޅުގަނޑުމެން ދައްކާ ވާހަކައެއް އެއީ. އަޅުގަނޑަށް ފުރަތަމަ ލެޕްޓޮޕެއް ލިބުނީވެސް ކްލައިންޓެއް ދިނީމަ. އެވެސް އަހަރެއް ވަންދެއް ބޭނުން ކުރިން. އަދި ނީލަން ފިހާރައިން ތަކެތި ނަގައިގެން މީހެއްގެ ގެޔެއްގެ ބިއްދޮށުން ކޮޓަރިއެއް ހިފައިގެން. ބައެއް މަސް މަހު ޕާޓްނަރުންނަށް ސެލަރީވެސް ނުލިބޭ. ސްޓާފުންނަށް ސެލަރީ ދީފައި ބިލްތައް ދައްކާފަ ނުކުންނަން ޖެހެނީ ހުސްއަތާ. އެހެން ވިޔަސް އެއްފަހަރުވެސް ހިއްވަރު ދެރައެއް ނުކުރަން،" ފަރީހާ ވިދާޅުވެ ދެއްވި އެވެ.

އޭރުވެސް ފަރީހާ ގެންދެވީ ގައުމުގެ ބޮޑެތި ކުންފުނިތަކުގެ ހިނގުން ހަރުދަނާ ކުރަން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެތައް ކުންފުންޏެއްގެ ބޯޑު ތަމްސީލް ކުރެއްވި އެވެ. އޭގެ ތެރޭގައި އެމްއެންއެސްއެލްގެ ބޯޑާއި އެޗްޑީއެފްސީ ބޯޑާއި ޕެންޝަން އޮފީހުގެ ބޯޑް ހިމެނެ އެވެ. ދިވެހި ބޭންކުގެ ޗެއާ ފަރީހާއަށް ލިބި ވަޑައިގެންނެވީ އެހެން އުޅުއްވުމުގެ ތެރޭގަ އެވެ. މި ހުރިހާ ކަމެއް ކުރެއްވީ ފަރީހާގެ އަމިއްލަ ވިޔަފާރީގައި ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.

ވަޒީފާގެ ދާއިރާގައި ފަރީހާ ވަނީ ތަފާތު ތަޖުރިބާތައް ކުރައްވާފަ އެވެ. އެހުރިހާ ވާހަކައިން ފަރީހާގެ ދަތުރު ނިންމާލެވޭކަށް ނެތެވެ. މިހާރުވެސް ލިބި ވަޑައިގަންނަވާ ޗުއްޓީތަކުގައި ފަރީހާ ކުރައްވާ ކަންކަން އާދަޔާ ހިލާފެވެ. ޗުއްޓީގައި ކަނޑުގެ އަޑިއަށް ނޫނީ ވައިގެ ތެރެއަށް ދާން މީހުން ދެކޭ ހުވަފެން ދުށުމުގައި ފަރީ މަޑެއް ނުކުރެއްވަ އެވެ. އޭނާ އޯސަން ޑައިވް ކުރައްވަ އެވެ. ސްކައި ޑައިވް ކުރައްވަ އެވެ. ލަންޑަނަށް ވަޑައިގެން ވެސް ސްކައި ޑައިވް ކުރައްވައިފި އެވެ.

"އަޅުގަނޑު އަބަދުވެސް އެކްސްޓްރީމް ސްޕޯޓްސް ކުރާ ހިތްވޭ. އެހެންވެ ޑައިވް ކުރަން ފެށީ. އަސް ދުއްވުން ފަދަ ކަންތައްވެސް ވަރަށް ގިނައިން ކުރިން. ތައިލެންޑަށް ގޮސް ފަރުބަދައަށް ވެސް އެރިން. ދެން މިކޮޅުގައި ކުރި ކަމަކީ ސްކޫބާ ޑައިވިން. އެންމެ ފުރަތަމަ ސްކޫބާ ޑައިވިން ލައިސެންސް ނެގީ. ދެން އެއަށް ފަހު ނެގީ ފްރީ ޑައިވިން ލައިސެންސް. ދެން އިތުރަށް ތަފާތު ތަޖުރިބާއެއް ކުރަން ލަންޑަނަށް ދިޔައީ ސްކައިޑައިވް ކުރަން . އެކަމަކު އެމީހުން ބުނީ އަޅުގަނޑު ފަލަ ވީމަ ނުކުރެވޭނޭ. އެހެންވެ އަނބުރާ ރާއްޖެ އައިސް 20 ކިލޯ ހިކިގެން އަނެއްކާ ގޮސް މި އައީ ސްކައިޑަވް ކޮށްލައިގެން،"

އާންމު މީހެއްގެ ހަޔާތުގައި ގިނަ ފަހަރަށް ތަޖުރިބާ ކުރެވޭނެ ކަމަށް ހުވަފެނުން ވެސް ނުދެކޭ ފަދަ ކަންތައް ފަރީހާ ކުރައްވައިފި އެވެ. ހިތްވަރާއި ތަޖުރިބާއިންނެވެ. ފިސާރި އަންހެނުންނަކީ މިއީ ނޫން ހެއްޔެވެ؟ މުޖުތަމައަށް ނުކުންނަ އަންހެން ކުދިންނަށް ފަރީހާ ދެއްވާ މެސެޖަކީ މީހަކު ތިކަމެއް ނުވާނޭ ބުންޏަސް އެއީ ވާނެ ކަމެކެވެ. މަސައްކަތުން ހާސިލް ކުރާށެވެ. އަދި އެކަމެއް ކޮށްފައި ނޫނީ ހުއްޓާ ނުލާށެވެ.