ބޮލީވުޑް

ޝާހިދުގެ ބަދަލުގައި ޖަލަކްއަށް ޖެކްލީން

Jun 7, 2016

ކަލާސް ޗެނަލުން ދައްކަމުން އަންނަ ސެލެބްރިޓީ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ" ގެ ނުވަ ވަނަ ސީޒަންގެ ޖަޖަކަށް ބޮލީވުޑްގެ ބަތަލާ ޖެކްލީން ފާނެންޑޭޒް ހަމަޖައްސައިފި އެވެ.

ޖެކްއަލީން މިއަހަރުގެ ސީޒަންގެ ޝޯގެ ޖަޖެއްގެ ގޮތުގައި ފެނިގެންދަނީ މިދިޔަ އަހަރު ޖަޖެއްގެ ގޮތުގައި ފެނިގެންދިޔަ އެކްޓަރު ޝާހިދު ކަޕޫރުގެ ބަދަލުގަ އެވެ.

ޝާހިދު ފާއިތުވި އަހަރު ޖަޖެއްގެ ގޮތުގައި ބޭނުން ކުރި ނަމަވެސް މިޝޯއަށް އެކަށީގެންވާ ޓީއާރްޕީ ލިބިފައިނުވާތީ ޝޯ އުފައްދާ ފަރާތުން ބޭނުންވަނީ މިއަހަރުގެ ސީޒަން ގައި ޝާހިދުގެ ބަދަލުގައި "ކިކް" ގެ ބަތަލާ ޖެކްއަލީން ގެންނާށެވެ.

މިއަހަރުގެ ސީޒަންގައި ޖެކްއަލީން އާއެކު ޖަޖިން ޕެނަލުން ފެނިގެންދާނީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު އާއި މަޝްހޫރު ކޮރިއޮގްރާފާ ގަނޭޝް ހެޖް އެވެ.

ޖެކްއަލީން ވަނީ މިދިޔަ ހުކުރު ދުވަހު މިއަހަރުގެ ސީޒަންގެ ފުރަތަމަ ޕްރޮމޯ ޝޫޓްކޮށްފަ އެވެ. ބުނެވޭ ގޮތުގައި ފުރަތަމަ ޕްރޮމޯ އާއެކު ޖެކްއަލީން ޝޯގެ ނުވަ ވަނަ ސީޒަންގެ ޖަޖެއްގެ ގޮތުގައި ފެނިގެންދާނެކަން އިއުލާން ކުރާނެ އެވެ.

ކުރިއަށް ދެހަފްތާއެއްހާ ދުވަހުގެތެރޭގައި މި ޕްރޮމޯ ކަލާސްއިން ދެއްކުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ޖަލަކް ދިކްލާޖާ އަކީ ޖެކްއަލީން ޓީވީ ޝޯއެއްގެ ޖަޖެއްގެ ގޮތުން ފެނިގެންދާ ފުރަތަމަ ޝޯ އެވެ.

"ޖަލަކް ދިކްލާޖާ" އަކީ ޓީވީ ތަރިންނާއި ބޮލީވުޑްގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން އެމީހުންގެ ނެށުމުގެ ހުނަރު ދައްކާލާ ޝޯ އެކެވެ. ކޮންމެ ފަންނާނަކަށް ވެސް މޮޅު ކޯރިއޯގްރާފަރެއް ޕާޓްނަރެއްގެ ގޮތުގައި ލިބޭއިރު އެ ފަންނާނަކާއެކު ނެށުމުގެ އިތުރުން މޮޅު ޕާފޯމަންސެއް ހުށަހަޅައިދިނުމުގެ ޒިންމާ ނަގަނީ ވެސް އެ ކޯރިއޯގްރާފަރެކެވެ.

ސްރީލަންކާއަށް އުފަން ޖެކުއަލީން އެންމެފަހުން ފެނިގެން ގޮސްފައިވަނީ ހުކުރު ދުވަހު ރިލީޒްކުރި "ހައުސްފުލް 3" އިންނެވެ. ކުރިއަށް އޭނާގެ ފިލްމު "ޑިޝޫމް" ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، ޖަލަކްގެ މިއަހަރުގެ ސީޒަން ފެށުމުގެ ކުރިން ސިދާތް މަލްހޯތުރާ އާއެކު ކުޅޭ "ބޭންގް ބޭންގް" ގެ ދެވަނަ ފިލްމުގެ މަންޒަރުތައް ނަގާނެ އެވެ.