ރޯދަ މަހާ ރޯއްޖާ

ދުނިޔޭގެ އެންމެ ބޮޑު ކަދުރުދަނޑު: މުސްލިމެއްގެ ދީލަތިކަމުގެ ނަމޫނާއެއް

ސަޢޫދީ ޢަރަބިއްޔާގެ ޤަޞީމްގައި އޮންނަ އެ ކަދުރުދަނޑަކީ ބޮޑުމިނުގައި ގާތްގަނޑަކަށް 5600 ހެކްޓަރު ހުރި ބިމެއްގައި ރުކުރުވާލާފައިވާ 200 ލައްކައަށް ވުރެ ގިނަ ކަދުރު ރުކުގެ "ބަގީޗާ"އެކެވެ. -- ގިނަ ރުއްތަކެއް އެއްތަނެއްގައި ހެދިފައި ހުރުމުން "ރުއްފާ" ދިވެހި ބަހުން ކިޔައެވެ. ވީމާ މިއީ ކަދުރު ރުއްފަލެކޭވެސް ބަހުގެ ހަމަތަކުގެ މަތީން ކިޔޭނެކަމަށް ޤަބޫލުކުރެވެއެވެ.--

އެތައް ހާސް ކަދުރުރުކެއް ސަފުސަފަށް ގާތްގާތުގައި އެތުރިފައިވާ މި ތާނގެ ނަލަނަލަ މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ. އަދި ޙައިރާންކުރުވާނެއެވެ.

ދުނިޔޭގެ ރެކޯޑްފޮތުން އެންމެ ބޮޑު ކަދުރުދަނޑުގެ ރެކޯޑް ލިބިފައިވާ މިތަނުން އަހަރަކު 5000 ޓަނުގެ ކަދުރު މިހާރު އުފައްދައެވެ. ކަދުރު އުފައްދާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، މިހާރުވެސް ތަފާތު 45 ވައްތަރުގެ ކަދުރު އެތަނުން ލިބެއެވެ.

ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ މީހަކަށް މިލިއަން ޑޮލަރުގެ ނަފާ އަހަރަކު ހޯދޭނެ މި ކަދުރު ދަނޑަކުން ވިޔަފާރި އުޞޫލުން ކަދުރެއް ނުވިއްކައެވެ. މިއީ ﷲ ގެ މަގުގައި މުސްލިމުންނަށް ޞަދަޤާތް ކުރުމަށް ސަޢޫދީގެ ބިލިއަނަރެއްކަމުގައިވި ޢަބްދުލްޢަޒީޒް އައްރާޖިޙީ ރަޙިމަހުﷲ ވަޤްފު ކުރައްވާފައިވާ ކަނދުރު ދަނޑެކެވެ.

2011 ވަނަ އަހަރު ރާޖިޙީ މި ދުނިޔެ ދޫކުރެއްވި ނަމަވެސް، ކަދުރުދަނޑުގެ މި ޞަދަޤާތް ދެމިހުންނަނިވި ގޮތުގައި ހިނގަމުންދާނެ އިންތިޒާމް އޭނާ ވަނީ ރާއްވަވާފައެވެ. އެ ބިޔަ ސަރަޙައްދު ބަލަހައްޓަން އެތައް ބަޔަކަށް ވަޒީފާދެއްވައި، ކޮންމެ ދުވަހަކު ކަދުރު ރުއްތައް ބަލައި ކާނާދީ، މަރުވާ ރުއްތަކުގެ ބަދަލުގައި އައު ރުއް އިންދަމުންދާނޭ ނިޒާމު ޤާއިމުކުރައްވާފައެވެ. ރުއްތަކަށް ފެންދެވޭނެ ގޮތް ފަހިކުރައްވައި، ކަދުރު ކަނޑައި ދޮވެ ސާފުކޮށް ޕެކްކުރުމަށް ދުނިޔެ ޤަބޫލުކުރާ ފަންތީގެ ކާރުޚާނާއެއް އުފައްދަވާފައެވެ.

އަދި ސަޢޫދީގެ އެތެރެއަށާ، ވަކީން ޚާއްޞަކޮށް ޙައްޖުވެރީންނަށާ، ރޯދަމަހު ޢުމްރާއަށް އަންނަ މުސްލިމުންނަށް، އަދި ދުނިޔޭގެ އެކި އިސްލާމީ ޤައުމުތަކަށާ، އެތަންމިތާ ޙާލުގައި ޖެހިފައިވާ މުސްލިމުންނަށްވެސް ބަރާބަރަށް ކަދުރު ފޯރުކުރަމުން ގެންދެވޭނެ ނިޒާމެއް ތަރުތީބުކުރައްވާފައެވެ. އެކަން ކުރާނެ އަދި ހިސާބުކިތާބު ބަލައްޓާނެ ޚާއްޞަ އިދާރާއެއްވެސް އުފައްދަވާ މުވައްޒަފުން ލައްވާފައެވެ.

ބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުން އެނގޭގޮތުގައި، އެންމެ އޮށްޓަރެއް ޞަދަޤާތްކުރާ މީހާއަށްވެސް އެ އޮށްޓަރުގެ 700 ގުނަ ނުވަތަ އެއަށްވުރެވެސް އިތުރަށް ﷲ ޘަވާބުދެއްވައެވެ. އަދި މޭވާ އަޅާ ގަހެއް ނުވަތަ ގޮވާމެއް ޞަދަޤާތެއްގެ ގޮތުގައި އިންދައި ހައްދައިފިމީހަކަށް، އެ ގަހަކުން ނުވަތަ އެ މޭވާއަކުން ކައިބޮއިހަދާ ކޮންމެ ސޫތްޕެއް، ދޫންޏެއް، ޖަނަވާރެއް، އިންސާނެއްގެ ސަބަބުންވެސް އަބަދުމެ ޘަވާބު ލިބިލިބި ހުންނާނެކަމުގައި ކީރިތި ރަސޫލާ އުފާވެރިކަމުގެ ޚަބަރު ދެއްވަވާފައިވެއެވެ.

މިއީ އިސްލާމްދީނުގައި ދީލަތިވުމާ، ޞަދަޤާތްކުރުމުގެ މާތްކަން ދަނެ، މުސްލިމަކު އޭނާގެ އާޚުރަތް ބާއްޖަވެރިކުރުމަށްޓަކައި ކޮށްފައިވާ ދަރުމަހުރި އިންވެސްޓްމަންޓެއްގެ ދިރިހުރި ނަމޫނާއެވެ. އެ ޞަދަޤާތުގެ ސަބަބުން އެތައް ދިރޭ ފުރާނައެއް ހައިހޫނުކަން ފިލުވައި ދުނިޔެމަތީ ހިތްހަމަޖައްސަމުން ދަނީއެވެ.

އަދި ﷲ އިރާދަކުރެއްވިއްޔާ އިމެއް މިނެއް ނެތް ވަރަށް އެ ޞަދަޤާތްކުރި އިޙްސާންތެރިޔާއަށް ﷲގެ ނިޢުމަތްތައް އިތުރުވަމުން ގިނަގުނަވަމުން ދަނީ އެވެ.