ފިނިޕޭޖް

އުފާވެރި ހަބަރެއް: ގެއްލުނު ޕިންޑޭ ފެންނަނީ!

"ކަލޭ ކޮން ގައުމު ބަސް ހުންނަނީ! ކަލޭ ކޯނޗެއް ކިޔަނީ، އަހަންނަށް ނޭނގެނީނު!" މިއީ ވަރަށް ގިނަ ދިވެހިން ހެއްވާލި އަދި ދުވަހަކުވެސް ހަނދާނުން ފިލައި ނުދާނެ ޕިންޑޭގެ ޑައިލޮގް ކޮޅެކެވެ. ދިވެހިންގެ ބަނޑަށް ގޮއް އަރުވާލާފައިވާ ޕިންޑޭގެ މިފަދަ އެތައް ޑައިލޮގްކޮޅުތަކެއް އަދިވެސް ދިވެހިން ހަނދާނާ ވަކި ނުވެ އެބަހުއްޓެވެ. މިހާރު ރާއްޖެއަށް ގިނަވެގެން މިއުޅޭ ބިދޭސީން ދިވެހި ބަހުން ވާހަކަ ދައްކާ އަޑުއިވުމުން ވެސް އަހަރެމެންގެ ޕިންޑޭގެ އެ ބަސްތަކުން މާޒީގެ ރޮނގު ދައްކާލަ ދެ އެވެ.

ނަވާރަ ސަތޭކަ ނުވަ ދިހަ ހަތް ވަނަ އަހަރު ކަސްޓަމްސްގެ އަހަރީ ދުވަހާއި ޖުލައި 26 އާ ގުޅުވައިގެން ކުޅުނު "ޒަމާން" ޑްރާމާއިން ދެމިގަނެ މުޅި ރާއްޖޭގެ މަގުބޫލްކަން ހޯދި އަލީ އަބުދުﷲ ނުވަތަ "ޕިންޑޭ" ފިސާރި ޕިންޑޭއަކަށްވީ އިރު އެއީ އައްޔަގެ އެންމެ ފުރަތަމަ ޑްރާމާ އެވެ. އެފަހަރު އެ ޑްރާމާއިން އޭނާ ވަނީ ވަނަ ވެސް ކާލާފަ އެވެ.

"އަޅުގަނޑު ވަރަށް ޕްރެކްޓިސްކޮށް ވަރަށް ގިނަ މަސައްކަތް ކުރިން ޕިންޑޭގެ ޝަހުސިއްޔަތަށް ވާން،" ގިނަ ބަޔަކަށް ކަމުދާ ފެންވަރުގެ އެކްޓެއް ދައްކަން އައްޔަ ކުރި މަސައްކަތް އަވަސް އާ ހިއްސާ ކުރަމުން ބުންޏެވެ.

ލ. ގަމަށް އުފަން އައްޔަ ކުޅެފައިވަނީ ތިން ޑްރާމާ އެވެ. އެއީ އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި އެއް ޑްރާމާ އަދި ކަސްޓަމްސްގެ އަހަރީ ދުވަހާއި ޖުލައި 26 އަށް ގުޅުވައިގެން ކުޅުނު ޑްރާމާ އާއި ނޮވެމްބަރު 11 އާ ގުޅުވައިގެން ދެހާހުގެ ކުރީކޮޅު ކުޅުނު ޑްރާމާ އެކެވެ.

އެ ޑްރާމާތަކުން އައްޔައަށް މޮޅު އެކްޓެއް ދައްކައި ދެވިފައި ވިޔަސް ފިލްމެއް ކުޅުމަކީ އޭނާ މާބޮޑު ޝައުގުވެރިކަމެއް އޮތް ކަމެއް ނޫނެވެ. ޕިންޑޭގެ މޮޅު ކަމުން ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ޕިންޑޭއަށް ފާރަލި އެވެ. އޭނާ ލައްވާ ފިލްމު ކުޅުމަށް އެތައް ފުރުސަތެއް ދިނެވެ. އެކަމަކު އޭރަށް ކަންކަން ހުރިގޮތުން ކޮނޑަށް ތުވާލި އެއްލި ޕިންޑޭ އަށް އެއީ މާ ޝައުގުވެރި ކަމަކަށް ނުވި އެވެ.

އައްޔަ ބުނާ ގޮތުން އެހެން ދިމާވީ ފިލްމެއް ކުޅެން އޭނާގެ ސްޓައިލްގައި ހޭދަކުރަންޖެހޭ ވަގުތަށް ބަލާފައި އޭރު ރަނގަޅު އާމްދަނީ އެއްވެސް ނުލިބޭނެތީ އެވެ. އެހެން ނަމަވެސް އޭރު ނެރުނު ބައެއް އަލްބަމްތަކަށް އޭނާ ވަނީ ލަވަތައް ކުޅެ ދީފަ އެވެ. އަދި ޓީވީއެމް އާ ގުޅިގެން ބައެއް ޝޯ ތަކަށްވެސް ލަވަ ކުޅެދިނެވެ. އެވެސް ވަރަށް މަދު އަދަދެކެވެ. އެއާ ހިލާފަށް ކޮމާޝަލްކޮށް ވަރަށް ގިނަ އިޝްތިހާރުތަކެއްގައި ޕިންޑޭ ފެނުނެވެ. އެ އިޝްތިހާރުތަކަށް ބޮޑު މަގުބޫލުކަމެއް ލިބުނު އިރު ވިޔަފާރިތައް ވެސް ތެދުވެ ދުއްވައިގަތެވެ.

"އަސްލުގައި އެހާ ކުރާހިތްވާ ކަމެއް ނޫން ފިލްމް ކުޅުމަކީ، އޮފީހުގެ އެންޓައިންމެންޓް ބައިގައި އެހީވާންވެގެން ކުރި ކަމެއް އެއީ، އޭރު ފާޑަކަށް އެކަން ކުރަން މަޖުބޫރުވެގެން ކުޅުނީވެސް" އައްޔަ ބުންޏެވެ.

އަހަރު ތަކެއްގެ މެދު ކެނޑުނީ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮފީސްތަކުގެ ޑްރާމާ މުބާރާތް ބޭއްވުމުން ގިނަ ބަޔަކު އިންތިޒާރުކުރީ ޕިންޑޭއަށެވެ. ނަމަވެސް އަހަރު ނިމިގެން ދިޔައީ ޕިންޑޭ ދައްކާ ނުލަ އެވެ. އައްޔަ ވަޒީފާ އަދާކުރާ އޮފީސް ކަސްޓަމްސްގެ ޑްރާމާ އަކާވެސް ނުލަ އެވެ. ނަމަވެސް އޮފީސް ޑްރާމާ މުބާރާތުގައި މިއަހަރު ކަސްޓަމްސް އިން ބައިވެރިވި އެވެ. ވީމާ އުފެދޭ ސުވާލަކީ މިފަހަރު ދެން ޕިންޑޭ ފެންނާނެ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟

ޖަވާބު މިއޮތީ އެވެ: "މި އަހަރުގެ ކަސްޓަމްސްގެ ޑްރާމާއަކުން ނުފެންނާނެ. އެއީ މަސައްކަތް ހުރި ގޮތުން ވަގުތު ދެވެން ނެތީ!"

އަނެއްކާވެސް މިޖެހުނީ ޕިންޑޭ އަށް އިންތިޒާރު ކުރާށެވެ. ސަބަބަކީ ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ އައްޔަ މިހާރު ހުރީ އޭނާގެ ހުނަރު ދައްކާލައި އަނެއްކާވެސް އެންމެން ހެއްވާލާން ބޭނުންވެފައެވެ. ރުޅި އައިސް ފުއްޕި ކުކުޅެއް ހެން މޫނު ހަދައިގެން އިނަސް ހެއްވާލަން އަދިވެސް ޕިންޑޭއަށް ކުޅަދާނަވެގެން ވެއެވެ. ދެންވެސް އައްޔަ ފެންނާނީ ޕިންޑޭ ފަދަ ރޯލަކުންނެވެ. ސީރިއަސް ރޯލެއް ކުޅޭކަށް އޭނާގެ ޝައުގުވެރިކަމެއް ނެތެވެ.

"ޕިންޑޭ ކަހަލަ ރޯލަކުން ދެންވެސް ފެންނާނީ. މިސާލަކަށް ސީރިއަސް ރޯލެއް ކުޅެގެން ޕަބްލިކް ރިއެކްޓް ކުރާނީ ކިހިނެއް ކަމެއް ނޭނގޭ. އަދި އެހެން ރޯލެއް ކުޅޭކަށް އެހާ ޝައުގުވެރި ކަމެއް ވެސް ނެތް." އޭނާ ބުންޏެވެ. "ޕިންޑޭ ކަހަލަ ރޯލަކަށް މީހުން ޝައުގުވެރިކަން ހުރިއްޔާ ޕިންޑޭގެ ޒިންމާއެއް ވެސް އެބައޮތް. އެހެން ވީމަ އަދި އެއް ފަހަރު ވިޔަސް ކޮންމެވެސް ދުވަހަކުން އެކަތި ކުޅެލަން އުންމީދު ކުރަން"

އެހެން ވީމަ "ގެއްލިފައިވާ" ޕިންޑޭ ފެނުމުގެ އުންމީދު އެބަ އޮތެވެ. ނޭނގެނީ މިކަމަށް ކިހާ ދިގު އިންތިޒާރެއް ކުރަންޖެހޭނެ ކަމެވެ. ޕިންޑޭއަކީ މީހުން ހެއްވާލުމުގެ ހުރިހާ ހުނަރެއް ލިބިފައިވާ އެކްޓަރެއް ނަމަވެސް އޭނާގެ އަމިއްލަ ޝަހުސިއްޔަތާ އެކަން ކަމާ މާބޮޑު ގުޅުމެއް ނެތެވެ.

ކޮންމެއަކަސް ޕިންޑޭގެ ސަޕޯޓަރުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. "ގެއްލިފައިވާ" ޕިންޑޭ ފެންނަނީ އެވެ. ގެއްލުނު ދުވަސްތަކަށްވާ ވަރަށް ދެން ފެންނަ އިރު އެންމެން ހެއްވާ ކައްކުވާލާނެ ދޯ އެވެ. މިހާރުން ފެށިގެން ސްޓޮޕް ވޮޗް ޖައްސައި ވަގުތު ގުނަން ފަށާށެވެ.