ސިއްހަތު

ނުރައްކާތެރި ބަލިތައް: ހާޕެސް އެނގެނީ ކިހާ ވަރަކަށް؟

ސިއްހީ ބައެއް ކަހަލަ މައްސަލަތަކަކީ މީހެއްގެ ފަރާތުން ނޫނަސް، އަމިއްލަޔަށް އެކަންކަމުގެ ފުރިހަމަ މައުލޫމާތާއި ހަގީގަތް ރަނގަޅަށް އޮޅުން ފިލުވައި އެކި ގޮތްގޮތުން މަޝްވަރާކޮށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ މައްސަލަ ތަކެވެ. ރާއްޖެއަށް ބަލާއިރުވެސް، ބައެއް ކަހަލަ ސިއްހީ މައްސަލަތަކަކީ މައްސަލައިގެ ބާވަތުންނާއި ޒަމާނުއްސުރެ މުޖުތަމައުގައި އޮންނަ އަދަބުތަކާއި ސަގާފަތުގެ ސަބަބުން އެޅޭ ކުދި ހުރަސްތަކުގެ ސަބަބުން އެކަށީގެންވާ ވަރަށް ރަނގަޅު މައުލޫމާތު ނުލިބި ހުންނަ މައްސަލަތަކެވެ. ނަމަވެސް އެއީ ދެރަ މައްސަލައެކެވެ. ސިއްހީ ކަންކަން ދިރާސާ ކުރުމާއި ބަލިތަކާއި ބެހޭ ގޮތުން ވާހަކަދައްކަން ލަދުވެތިވެ ދިމާވާ ސިއްހީ މައްސަލަތައް ފޮރުވައިގެން ތިބުމަކީ އަމިއްލަ ނަފުސުގެ އިތުރުން މުޖުތަމައަށްވެސް އޭގެ ސަބަބުން ނުބައި އަސަރު ކުރާނެ ކަމެކެވެ. ބަލިތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ހުރަސް އެޅިފައި އޮންނަނީ ޖިންސީ ގޮތުން ކުރިމަތިވާ އެކި މައްސަލަތަކުގައި ވާހަކަ ދެއްކުމުގަ އެވެ.

ހާޕެސް ނުވަތަ އެޗްއެސްވީ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ހާޕެސް އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ އިންހެރިޓެޑް އޮޓޯ އިމިއުން [ދިފާއީ ނިޒާމަށް ދިމާވާ އެހެން މައްސަލައެއްގެ ސަބަބުން މެދުވެރިވާ] ބައްޔެކެވެ. މި ބަލީގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި ހުންނަ ސްކިން ސެލްތައް އުފައްދާ މިންވަރު އާދަޔާ ހިލާފަށް އިތުރުވެ އެވެ. އެއާއެކު އެ ހުރިހާ ސެލްތަކެއް ހަންގަނޑުގެ އެންމެ މަތީ ފަށަލައަށް ޖަމާވެ، ހަންގަނޑު ހަލާކުވެ ވީރާނާވުމަށް މެދުވެރިވެ އެވެ. ހާޕެޒް ގެ އަލާމާތްތައް އެންމެ ފެނުން ކައިރި ގުނަވަންތަކުގެ ތެރޭގައި ޖިންސީ ގުނަންތައް ހިމެނެއެވެ. އެހެންކަމުން އެފަދަ ނާޒުކު ގުނަވަނެއްގައި ހަންގަނޑު ހަލާކުވެ، ފޮޅު ނަގައިފައި ހުންނަ ފަދަ އަލާމާތެއް ފާހަގަ ވާނަމަ ފަރުވާކުޑަކޮށް ނުލާށެވެ. ވިިސްނާލަން ޖެހޭ ކަމަކީ މި ބައްޔަކީ ޖިންސީ ގުޅުމުން ފެތުރޭ ބައްޔަކަށް ވާތީއެވެ.

ހާޕެޒް ގެ މައިގަނޑު ތިން ބާވަތެއް ހިމެނެއެވެ. އެއީ ހާޕެސް ސިމްޕްލެކްސް ޓައިޕް ވަން، ހާޕެސް ސިމްޕްލެކްސް ޓައިޕް ޓޫ އަދި ހާޕެސް ޒޯސްޓާސް އެވެ.

ސިމްޕްލެކްސް ޓައިޕް ވަންގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ދިލަ ނެގުމާއި އަނދާ ތަންތަނުން ނަގާ ކަހަލަ ފޮޅުތަކެއް ނަގާފައި ހުރެ އެވެ. އަދި ގިނައި ހުން އަންނަން މެދުވެރިވެއެވެ. އާންމުކޮށް ހަށިގަނޑުގެ ނާޒުކު ގުނަވަންތައް ނޫނަސް އުޅަބޮއްޓާއި ކަލުލާއި ދަށްބަނޑު ހިސާބުގައިވެސް މިފަދަ ފޮޅުތައް ނަގަ އެވެ.

ސިމްޕްލެކްސް ޓައިޕް ޓޫ އަކީ ޖިންސީ ގުނަން ތަކަށް ހާޕެޒް ގެ އަސަރުކުރުމަށް ކިޔާ ނަމެކެވެ. ހާޕެސް ޒޯސްޓާއަކީ ކަރުން މަތީގެ ހަންގަނޑަށް ހާޕެޒްގެ އަލާމާތްތައް މެދުވެރިވުމަށް ކިޔާ ނަމެކެވެ.

ހާޕެސް ދެނެގަންނާނީ ކިހިނެއް؟

ހަށިގަނޑުގެ އެކި ގުނަވަންތައް، ހާއްސަގޮތެއްގައި ޖިންސީ ގުނަވަންތަކާއި އުލުޅުވަޅު ފަދަ ފޮރުވިފައި ހުންނަ ހިސާބުތަކުން ހާޕެސް ގެ އަސަރު ފެނިދާނެ އެވެ. ހާޕެސް އިންފެކްޝަން ފެތުރުމުން އެންމެ ފުރަތަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ އެކު ވަރުބަލިވުން ހިމެނެއެވެ. އޭގެ ފަހުން އުފުލިފައި ހުންނަ ކުދި ފޮޅުތަކެއް ހަށިގަނޑުގެ އެކި ހިސާބުތަކުން ފާހަގަކުރެވިދާނެ އެވެ. އަދި ހަށިގަނޑުގެ ނާޒުކު ބައެއް ގުނަވަން ތަކުގެ ވަށައިގެން ހަންގަޑު ކުރަކިވެ، ކެހުމާއެކު ދިލަ ހުރެފައި ދުޅަވެފައި ހުރުމަކީވެސް ހާޕެސްގެ އަލާމާތެކެވެ. ޖިންސީ ގުނަވަންތަކުގައި ފާރުވެފައި ހުންނަ މިފަދަ ހިސާބުތަކަށް ކުޑަކަމުދާ ތަކެތީގެ އަސަރުކޮށްފި ނަމަ ވަރަށް ދިލަ ރިހުމެއް ހުންނާނެ އެވެ. މި އަލާމާތްތަކަކީ ހާޕެސް އިންފެކްޝަން ހަށިގަނޑުގައި އަށަގަނެއްޖެ ނަމަ ފެނުން އެންމެ ކައިރި އަލާމާތްތަކެވެ. ވީމާ މިފަދަ މައްސަލައެއް ދިމާވެގެން އުޅޭނަމަ ލަދުން ނުހުރެ ވަގުތުން ފަރުވާ ހޯދާށެވެ.

ހާޕެސް ޖެހޭ ސަބަބު ސިއްހަތު ދިރާސާ ކުރާ ސައިންސްވެރިންނަށް ވެސް ޔަގީނުން ބުނަން އަދި ދައްޗެވެ. ނަމަވެސް ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި ހާޕެސް ވައިރަހަކީ ޖިންސީގުޅުމުން ފެތުރޭ ވައިރަހެކެވެ. އެހެންކަމުން މިއީ ޖިންސީ ގުޅުމުން އަރާ ބައްޔެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ހާފެސްގެ އަލާމާތްތަކުގެ ތެރޭގައި ގައިން ނަގާ ފޮޅުގެ ހުންނަ ފެން ޖެހުމުންވެސް ބަލި އަނެކާއަށް ޖެހިދާނެ އެވެ. ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހާޕެސްގެ އަލާމާތްތައް ބޭރުފުށުން ނުފެނި ވެސް ހުރެދާނެ އެވެ. ކުޑަކަމުދާ ހޮޅި އިންނަ ހިސާބުގައިވެސް ފޮޅު ނަގާފައި ހުރެދާނެ އެވެ. އެހެންކަމުން ނޭނގި ވެސް އަނެކާއަށް ބަލި ޖެހުމުގެ ޗާންސް އޮވެ އެވެ.

ހާޕެސް އަށް އޮތް އެންމެ މޮޅު ފަރުވާ އަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. ގޭގައިވެސް ހަށިގަނޑަށް ރަނގަޅު ކާނާ ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް ވިޓަމިން ސީ ހިމެނޭ ކާނާ އާއި ކިރާއި މަހުގެ ބާވަތްތަކާއި ބިސް އަލުވި ފަދަ ކެއުން އިހްތިޔާރުކުރުމަކީ އެކަމަށް އޮތް ފަރުވާ އެކެވެ. ތެޔޮ ހުންނަ ކާނާ ކެއުން ވީހާވެސް މަދުކުރަން އިސްކަން ދޭށެވެ.

ބަލިވުމުގެ ކުރިން ބައްޔަށް ރައްކާތެރިވުމަށްވުރެ ބުއްދިވެރި ގޮތެއް އެބައޮތް ހެއްޔެވެ!