ދުނިޔެ

ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި 24 ގަޑިއިރު ތެރޭ 10 ކުދިންނާއި 22 މީހުން މަރުވެއްޖެ

ބަންގްލާދޭޝްގެ ހޮސްޕިޓަލެއްގައި 24 ގަޑިއިރު ތެރޭ 10 ކުޑަކުދިންނާއި 22 މީހަކު މަރުވުމާ ގުޅިގެން ސަރުކާރުން އެކަން ތަހުގީގުކުރަން ފަށައިފި އެވެ.

ބަންގްލާދޭޝްގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިލްހަތު އެމްއޭޖީ އުސްމާނީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ހޯމަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަަލަށް ގިނަ އަދަދެއްގެ ބަޔަކު މަރުވި މައްސަލަ ބަލަން ތިން މެންބަރުންގެ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ކޮމިޓީގެ ހޯދުންތައް ހަފުތާއެއްގެ ތެރޭގައި މިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒާހިދް މާލިކް ވިދާޅުވެފައި ވަނީ ހޮސްޕިޓަލެއްގައި އެއް ދުވަސް ތެރޭ މިހާ ގިނަ އަދަދެއްގެ ބަަޔަކު މަރުވުމަކީ އެއްވެސް ސަރުކާރަކުން ކުޑަ ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށެވެ. އަދި މިކަމުގައި ބަޔަކު އިހުމާލުވެފައިވާ ނަމަ ހަރުކަމާ އެކު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ހޮސްޕިޓަލްގައި މަރުވި މީސްމީހުންގެ އާއިލާ އިން ބުނަމުން ދަނީ ހޮސްޕިޓަލްގައި ޑޮކްޓަރުން ބަލި މީހުންނަށް އަޅާނުލައި ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނެފައި ވަނީ މަރުވި 10 ކުޑަކުދިން ތެރެއިން ހަތަރު ކުއްޖަކު މަރުވެފައި ވަނީ ނޭވާލާ ނިޒާމަށް ދިމާވި މައްސަލަތަކެއްގައި ކަމަށާއި ތިން ކުއްޖަކު މަރުވެފައި ވަނީ ރަނގަޅު ކާނާ ނުލިބިގެން ކުރިމަތިވި ސިއްހީ މައްސަލަތަކުގައި ކަމަށެވެ. މީގެ އިތުރުން ނިއުމޯނިއާ އާއި ބޭރަށް ހިންގުމާއި ބަނޑުގެ މައްސަލާގައި ވެސް ތިން ކުއްޖަކު މަރުވި ކަމަށްވެ އެވެ. ހޮސްޕިޓަލުން ބުނީ މި ހުރިހާ ކުރިން ވެސް މަރުުވެފައި ވަނީ އުފަންވި އިރު ހުރި ސިއްހީ މައްސަލަތަކުގައި، ގުދުރަތީ މަރަކުން ކަމަށެވެ. މަރުވި ކުދިންގެ ތެރޭގައި ހަފުތާއެއް ނުވާ ކުދިންނާއި ދޮޅު އަހަރުގެ ކުދިން ވެސް ހިމެނެ އެވެ.

މަރުވި ބޮޑެތި މީހުންގެ ތެރޭގައި ސްޓްރޯކް ޖެހިގެން މަރުވި މީހުންނާއި ހާޓް އެޓޭކް ޖެހުނު މީހުންނާއި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވި މީހުން ހިމެނެ އެވެ.