- ރޯދަ މަސް ފެށުނުއިރު ވިއްކީ 25ރ. އަށް
- މިހާރު ވިއްކަނީ 45ރ. އަށް ކިލޯއެއް
- ކިލޯއަކުން 20ރ. ވަނީ އުފުލިފައި
ދަނޑުވެރިންނާއި ގޮޅިތައް ހިންގާ މީހުން ތުހުމަތުގެ އިނގިލި އެއްބަޔަކު އަނެއް ބަޔަކަށް ދިއްކުރަމުން ކަރާ ކިލޯއެއްގެ އަގު 45ރ. އަށް މިއަދު އުފުލާލައިފި އެވެ.
ދަނޑުވެރިން އުފެއްދުންތައް ގެންނަ މާރުކޭޓުގައި ރޯދަ މަސް ފެށުނުއިރު ކަރާ ކިލޯއެއް ލިބެން ހުރީ 25-30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އެންމެ ބޮޑުކޮށް ވެސް ލިބެނީ 35ރ. އަށެވެ. ނަމަވެސް މިއަދުގެ އަގުތައް ބެލިއިރު ކަރާ ކިލޯއެއްގެ އަގު މިއޮތީ 45ރ. އަށް މައްޗަށް ޖެހިލާފަ އެވެ. ކަރާގެ އަގު މަތިވީ ކީއްވެގެން ހެއްޔެވެ؟
"ތޮއްޑޫ ދަނޑުވެރިން ބުނަނީ އަހަރެމެން ވިއްކާނީ ވިއްކާނެ އަގަކަށޭ!.. އެމީހުން މިވިއްކީ ކިލޯއެއް 35-37ރ. ވަރަށް. އެހެންވެ އަހަރެމެން ދެން މި ވިއްކަނީ 45ރ. އަށް،" ގޮޅިއެއްގައި ހުރ މީހަކު މިއަދު ބުނީ މިހެންނެވެ.
ކަރާގެ އަގުތައް ރަނަށްވީއިރު، މާލެއަށް ދަނޑުވެރިކަމުގެ ސާމާނު ގެންނަ މީހުންނާއި ގޮޅިތަކުގެ މީހުން މިވަނީ ތުހުމަތުގެ އިނގިލި އެއްބަޔަކު އަނެއް ބަޔަކަށް ދިއްކުރަން ފަށާފަ އެވެ.
"ދޯނިން ކަރާ ދޫކުރާ އަގަކަށްތާ އަހަރެމެންނަށް ވިއްކޭނީ؟ އެހެންވެ އަގު ބޮޑު ވަނީ،" ގޮޅީގައި ހުރި އެހެން ސޭޓަކު ބުންޏެވެ.
ކޮންމެއަކަސް ކަރާގެ އަގު މި އޮތީ އުފުލިފަ އެވެ. މިއީ މިވޭތުވެދިޔަ ދެ ރޯދަ މަހުވެސް ކަރާ ކިލޯއެއްގެ އަގު މި ވަރަށް އެންމެ ބޮޑަށް މަތިވި ފަހަރެވެ. މިދިޔަ އަހަރުގެ ރޯދަ މަހުގެ ދެވަނަ ދުވަހު ކަރާ ކިލޯއެއް ވިއްކީ 30ރ. އަށެވެ.