ހަބަރު

އެމްޑީޕީގެ އެސްޖީއަކަށް ބްރޯޑްކޮމްގެ ގާނޫނީ ވަކީލް އަނަސް

Feb 11, 2015

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު ހަމަޖައްސައިފި އެވެ.

މ. ބަަޑިކުޅިމާގޭ އަނަސް އަބްދުއްސައްތާރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.

އެސްޖީގެ މަގާމަށް އަނަސް އައްޔަން ކުރުމަށް ނެގިވޯޓްގައި އެވަގުތު ގައުމީ މަޖިލީހުގެ ޖަލްސާއަށް ވެވަޑައިގެން ތިއްބެވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓް ދިނެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާސްް އިން ލޯ އަދި ޝަރީއާ ހާސިލްކުރައްވާފައިވާ އަނަސްއަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ގާނޫނީ ވަކީލެވެ. އަދި އައްޑޫ އެއާޕޯޓް ޑިވެލޮޕްމަންޓް ކޮމްޕެނީގެ ކޮމްޕެނީ ސެކްރެޓަރީކަމާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ ގާނޫނީ ވަކީލަކީ ވެސް އޭނާ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ސެކްރެޓަރީޖެނެރަލްގެ މަގާމަށް ވަޑައިގަތުމާއެކު އެހެން މަގާމްތަކުން މިއަދު އިސްތިއުފާ ދެއްވަން އަނަސް ވަނީ ނިންމަވާފައެވެ.