ބޮލީވުޑް

ރިތިކްގެ "ތަގް" އަކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ކޮޕީއެއް ނޫން

Jun 8, 2016

"ދޫމް" ސިލްސިލާގެ ދެވަނަ ފިލްމު "ދޫމް 2" އަށް ފަހު ރިތިކް ރޯޝަން ޔާޝް ރާޖްގެ އިިތުރު ފިލްމެއް ކުޅެން ވަނީ ސޮއިކޮށްފަ އެވެ.

ދިޕިކާ ޕަދުކޯން އާއެކު ރިތިކް ފެނިގެންދާ "ތަގް" އަކީ "ދޫމް 3" ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނަ އަޗާރިޔާ ޑައިރެކްޓްކުރާ ފިލްމެކެވެ.

މިފިލްމުގެ ޝޫޓިން ފަށާ ދުވަސް ކައިރިވަމުން އަންނައިރު، މިފިލްމަކީ ހޮލީވުޑްގެ ފިލްމު "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަމަށް އަންނަނީ ބުނަމުންނެވެ. އަދި މިފިލްމުގައި ރިތިކް ކުޅުމަށް ހަމަޖެހިފައިވަނީ ޖޯނީ ޑެޕް ކުޅެފައިވާ ރޯލުކަމަށް ވެސްވެ އެވެ.

މިވާހަކަތައް ދެކެވެމުން ދަނިކޮށް ޑައިރެކްޓަރު ވިޖޭ ވަނީ "ތަޖް" އަކީ އަޑުއަރާފައިވާ ގޮތަށް އެފިލްމުގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ނޫން ކަމަށް ބުނެފަ އެވެ. އެއާ ހިލާފަށް މިފިލްމުގައި ޑްރާމާ، އެކްޝަން، ހިއުމާ އާއި ރޮމޭންސްގެ އިތުރުން ލަވަތައް ވެސް ހިމެނޭނެ ކަމަށް ވިޖޭ ވަނީ ބުނެފަ އެވެ.

މިފިލްމަކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެއް ކަމާ މެދު ވާހަކަތައް ދެކެވެން ފަށާފައިވަނީ ފިލްމު އުފައްދާ ފަރާތުން މިފިލްމުގައި ރިތިކްގެ ފެނިގެންދާ ގޮތް "ދޫމް 2" އިން އޭނާ ފެނިގެން ގޮސްފައިވާ ގޮތަށް ދިގު އިސްތަށިގަނޑަކާ އެކު ދެއްކުމަށް ބޭނުންވާ ކަމަށް ބުނިފަހުންނެވެ.

ރިތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަޝުތޯޝް ގޮވަރިކާގެ "މޮހެންޖޯ ޑަރޯ" އިންނެވެ. މިހާރު ރިތިކް އަންނަނީ ބަތަލާ ޔާމީ ގޯތަމީ އާއެކު ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "ކާބިލް" ގެ މަންޒަރުތައް ނަގަމުންނެވެ.

"ތަގް" އަކީ ކޮން ކަހަލަ ފިލްމެއްކަމާއި ފިލްމާ ގުޅޭ ކަންތައްތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވާއިރު، މިފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް ވެސް އަދި ހާމަކޮށްފައެއްނުވެ އެވެ.