ބޮލީވުޑް

ސުލްތާންގެ "ޖަގް ގޫމިޔާ": ލޯބީގެ ރީތި ލަވައެއް

Jun 8, 2016

ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން އަންނަ ފިލްމު "ސުލްތާން" ރިލީޒްކުރާ ދުވަސް ކައިރިވެފައިވާއިރު، މިފިލްމުގެ ލަވަތައް ވެސް މިވަނީ ރިލީޒްކުރަން ފަށާފަ އެވެ.

މިފިލްމުގެ އެންމެފަހުގެ މަންޒަރުތައް ބުދަޕެސްޓްގައި ނަގައި ނިމިފައިވާއިރު، ފިލްމުގެ ދެވަނަ ލަވަ "ޖަގް ގޫމިޔާ" ވެސް މިވަނީ ރިލީޒްކޮށްފަ އެވެ.

ފުރަތަމަ ލަވަ "ބޭބީކޯ ބާސް ޕަސަންދްހޭ" ގައި މޮޅެތި ނެށުންތައް ދައްކައިގެން އަނުޝްކާގެ ހިތް އަތުލަން ސަލްމާން މަސައްކަތްކުރާތަން ފެނިގެންދާއިރު، "ޖަގް ގޫމިޔާ" އަކީ ސަލްމާންގެ (ސުލްތާން) ހިތުގައި އޭނާގެ ލޯބިވެރިޔާ އާރްފާ (އަނުޝްކާ ޝަރްމާ) އަށްޓަކައިވާ ލޯބި ހާމަކޮށްދޭ ލަވައެކެވެ.

މިލަވަ އަކީ ސަލްމާން ޕާޓީއެއްގެ ތެރޭގައި ހުއްޓައި އާރްފާ މަތިން ހަނދާންވުމުން ކިޔައި ލަވައެކެވެ. ލަވައިގައި އެދެމީހުންގެ ލޯބީގެ އުފާވެރި ވަގުތުތައް ފެނިގެންދާއިރު، އާރްފާ ވެސް ސުލްތާން ދެކެވާ ލޯބި ފެނިގެންދެ އެވެ. އަދި މިދެމީހުންގެ އެކުގައި ހޭދަކޮށްފައިވާ ލޯބީގެ މަންޒަރުތަކުގެ އިތުރުން މަޖާ ކަންތައްތަވެސް ފެނިގެންދެ އެވެ. މީގެއިތުރުން ސަލްމާންގެ ތަފާތު ސިގްނޭޗާ ސްޓެޕެއްވެސް މިލަވައިން ފެނިގެންދެ އެވެ.

"ޖަގް ގޫމިޔާ" ލަވަ:

"ޖަގް ގޫމިޔާ" މިލަވަ ރިލީޒްކުރުމުގެ ކުރިންވެސް މިލަވަ އަށް ވަނީ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފަ އެވެ. އެންމެފުރަތަމަ މިލަވަ ކިޔައިދީފައިވާ އަރްޖީތް ސިންގް އާއި ސަލްމާންއާ ދެމެދު ޖެހުނު މައްސަލައެއްގައި ވަނީ މިލަވަ ފިލްމުގައި ނުހިމަނަން ނިންމާފަ އެވެ. މިލަވަ ފަހުން ފިލްމުގައި ހިމަނާފައިވަނީ އަލުން ރާހަތު ފާތިހު އަލީ ޚާން ލައްވާ ކިޔުއްވުމަށް ފަހު އެވެ.

އެވޯޑް ޝޯއެއްގައި ސަލްމާނާ މުޚާތަބުކޮށް ބުނެވުނު އެއްޗަކުން ސަލްމާން އާއި އަރިޖީތް އާ ދެމެދު މައްސަލަޖެހި، އޭނާ މިފިލްމަށް ކިޔައިދިން ލަވަ ނުހިމަނަން ފިލްމު އުފައްދާ ފަރާތުން ނިންމުމުން އަރިޖިތް ވަނީ ސަލްމާންގެ ކިބައިން މާފަށް އެދި ފޭސްބުކްގައި ސިޓީއެއް ވެސް ޕޯސްޓްކޮށްފަ އެވެ.

އެ ސިޓީގައި އޭނާ ކިޔައިދީފައިވާ ލަވަ، "ޖަގް ގޫމިޔާ" ފިލްމުގައި ނުހިމަނާކަން އެނގި އެގޮތަށް އެކަން ނުކުރަން ސަލްމާނު ކިބައިން އާދޭސް ކޮށްފައިވެ އެވެ. އަރިޖީތު މައާފަށް އެދުނު ނަމަވެސް ސަލްމާން ހުރީ މައާފް ކުރާ ގޮތަކަށް ނޫނެވެ. އޭނާގެ ހިތްގައިމު އަޑުން ކިޔާދީފައިވާ ލަވަ އެތަކެއް އާދޭސްތަކެއް ކުރި ނަމަވެސް ވަނީ ފިލްމުން އުނިކޮށްފަ އެވެ.

ރާހަތު ކިޔައިދީފައިވާ މިލަވަ އަކީ އަޑުއަހާލަން ރީތި ލޯބީގެ ލަވައެއް ކަމަށް ބުނެ ތައުރީފު އަންނަނީ ކުރަމުންނެވެ.

ސަލްމާން އާއި އަނުޝްކާ ރެސްލިންތެޅުންތެރިންގެ ގޮތުގައި ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 6 ވަނަ ދުވަހު އެވެ.