ހެދި ބޮޑުވަމުން އަންނައިރު ކުޑަ ކުދިންނަށް ދިމާވާ އެކި ކަހަލަ ސިއްހީ މައްސަލަތަކަކީ ބަލީގެ ފުރަތަމަ ކޮޅު އެކަށީގެންވާ ފަރުވާއެއް ނުދީފިނަމަ ފަހުން ކަންބޮޑުވާންޖެހޭ މިންވަރަށް ދަރިފުޅުގެ ދިފާއީ ނިޒާމާ ކުޅެލާނެ މައްސަލަތަކެކެވެ. އާންމުކޮށް ކުދިންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ފާރަވެރިވާ ބެލެނިވެރިންނަށް ވެސް ބައެއް ކަހަލަ މައްސަލަތައް ސާމާލުން އެއްފަރާތް ކޮށްލެވޭ ކަމީ ގަބޫލުކުރަންޖެހޭ ކަމެކެވެ. ގިނަ ފަހަރަށް އެހެން ދިމާވަނީ ފަހަރެއްގައިވެސް ދަރިފުޅާ މެދު ބާއްވާ ސަމާލުކަން ކުޑަ ވެގެންނެއް ނޫނެވެ. ބައެއް ކަހަލަ ބަލިތަކަކީ އޭގެ ޒާތުގައި ވަރަށް އާދައިގެ އަލާމާތްތަކެއް ބޭރުފުށުން ފެންނަން ހުއްޓަސް، ހީނުކުރާހާ ވަރަށް ދަރިފުޅަށް ވޭންތަކެއް ދީފާނެ ބަލިތަކެކެވެ. އެހެންކަމުން ދަރިފުޅުގެ ފަރާތުން ކުޑަ ނަމަވެސް ތަދެއް އިހުސާސްވާ ކަމުގެ ޝަކުވާއެއް އައިސްފި ނަމަ، މަސަލަސްކުރުމުގެ ބަދަލުގައި ދަރިފުޅުގެ އަޑު އަހާށެވެ. ދެ ތިން ދުވަހަށް ވުރެ ބޮޑަށް ދިގުލައިގެން ދާނަމަ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދާލުމަކީ މުހިއްމު ކަމެކެވެ.
އާންމުކޮށް ބޮޑެތި މީހުންނަށް ވުރެ ބޮޑަށް ކުޑަކުދިންގެ ހަށިގަނޑުގައި ބަލީގެ އިންފެކްޝަން އަށަގަންނަ ސްޕީޑް އަވަހެވެ. އެހެން ދިމާވަނީ އެކުދިންގެ ދިފާއީ ނިޒާމު މާ ގިނަ ބަލިތަކަކަށް ނުވަތަ އިންފެކްޝަންތަކަށް ރަނގަޅަށް ނުހޭނޭތީ އެވެ. ކުޑަކުދިންނަށް އާންމުކޮށް ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރެއިންވެސް "ގެސްޓްރޯ އެންތެރައިޓިސް" ނުވަތަ ގޮހޮރަށް ޖެހޭ އިންފެކްޝަން އަކީ ވަރަށް އާންމު ބައްޔެކެވެ. އަންމުކޮށް ކޮންމެ އަހަރަކުވެސް ކުދިންނަށް މި މައްސަލަ ޖެހިދާނެ އެވެ. ބަލީގެ ބާވަތުން މިއީ އާދައިގެ ބަނޑު ރިހުމެކޭވެސް ހީވެދާނެ އެވެ. ވީމާ ދޭ ސަމާލުކަން ކުޑަ ނުކުރާށެވެ.
ގެސްޓްރޯ އެންތެރައިޓިސް އަކީ ކޮބައި ހެއްޔެވެ؟ ގެސްޓްރޯ އެންތެރައިޓިސް އަކީ ގޮހޮރުގައި އުފެދޭ އިންފެކްޝަންއެއްގެ ސަބަބުން ކުޑަކުދިންނަށް ޖެހޭ ވަރަށް އާންމު ބައްޔެކެވެ. ޑައިރިއާ ނުވަތަ ބޭރަށް ހިންގުމަކީ ގެސްޓްރޯ އެންޓެރައިޓިސްގެ އަލާމާތެކެވެ. ހުން އައުމާއި ހޮޑު ލުމާއި ހަށިގަނޑުން އާދަޔާ ހިލާފަށް ދާހިއްލުމާއެކު ފެން މަދުވުމަކީވެސް ބަލީގައި ފެންނާނެ އަލާމާތްތަކެވެ. ގެސްޓްރޯ އެންޓެރައިޓިސްގެ ސަބަބުން ދަށް ބަނޑުގައި ވަރަށް ބޮޑު ރިހުމެއް އުފެދިދާނެ އެވެ. މި ރިހުން އާދައިގެ ކުޑަ ކުޑަ ބަނޑު ރިހުމަކަށްވުރެ ގޯސް ވެދާނެ ކަން ހަނދާންކުރާށެވެ.
މިފަދަ ހާލަތެއް ދަރިފުޅަށް މެދުވެރިވެއްޖެ ނަމަ އެންމެ ރަނގަޅު ފަރުވާއަކީ ވީހާވެސް ގިނައިން ދިޔާ ތަކެތި ބޯން ދިނުމެވެ. އޭރުން ދަރިފުޅުގެ ހަށިގަނޑުގައި ވަރު ޖެހޭނެ އެވެ. ހަށިގަނޑުގައި ވަރުޖެހި އެކަށީގެންވާ މިންވަރަށް ދިޔާ އެއްޗިހި ދެވިއްޖެކަން ޔަގީން ވާނަމަ އާންމުކޮށް ކާ އުސޫލުން ކެއުމަށް ހިއްވަރުދޭށެވެ. ސަބަބަކީ ކުދިންނަކީ އާންމުކޮށް ބަނޑުގައި ރިހުމެއް ހުންނަ ނަމަ ކެއުމާ ދެކޮޅު ހަދާ ބަޔަކަށް ވާތީ އެވެ. ކެއުން ބުއިމުގެ ކަންކަން ރަނގަޅަށް ހަމަޔަކަށް އެޅުމަށްފަހު ވެސް އިތުރު އަލާމާތްތަކެއް ފެންނަ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރި އެވެ.
ވަރަށް ބައިވަރު ވައިރަސްތަކާއި، ޖަރާސީމުތަކުގެ ސަބަބުން ގެސްޓްރޯ އެންޓްރައިޓިސް ޖެހުމަށް މެދުވެރިވެ އެވެ. ނަމަވެސް މި ބަލި އާންމުކޮށް ޖެހެނީ "ރޮޓާ ވައިރަސް" ނަމަކަށް ކިޔާ ވައިރަހެއް ހަށިގަނޑަށް ވާސިލްވުމުންނެވެ. މި ވައިރަސް ފުރަތަމަ ފަހަރަށް ހަށިގަނޑަށް ވާސިލްވުމަށްފަހު ދެވަނަ ފަހަރަށް އަނެއްކާ ހަށިގަނޑަށް ވަސިލްވުމަކީ އާންމުކަމެއް ނޫނެވެ. ސަބަބަކީ ރޮޓާ ވައިރަސް އަކީ އެއްފަހަރު އަށަގަތުމަށްފަހު ދިފާއީ ނިޒާމުން ހަނގުރާމަކޮށް ބަލިކޮށްލެވޭ ވައިރަހެކެވެ. ގެސްޓްރޯ އެންޓްރައިޓިސް ކުޑަކުދިންނަށް ޖައްސާ އަނެއް ވައިރަހަކީ އެޑެނޯ ވައިރަސް ނަމަކަށް ކިޔާ ވައިރަހެކެވެ. މި ދެ ވައިރަހަށްވެސް އާންމުކޮށް އަށަގަންނަން ފަސޭހަ ވާނީ 12 އަހަރުން ދަށުގެ ކުދިންގެ ހަށިގަނޑުގަ އެވެ. ކޮންމެ ވައިރަހަކުން ބަލި ޖެހުނު ކަމުގައި ވިޔަސް ސްކޫލަށާއި އާންމުން ގިނައިން އެއްވާ ތަންތަނަށް ދަރިފުޅު ނުފޮނުވާށެވެ. ވައިރަހަކީ ވަރަށް ފަސޭހައިން ފެތުރޭ އެއްޗެކެވެ.
ގެންޓްރޯ އެންޓްެރައިޓިސް ޖެހިފައިވާ ކުއްޖާއަށް އަޅައިލާނީ ކިހިނެއް؟
މި ބަލީގެ އެންމެ ބޮޑު އެއް އަލާމާތަކީ ބޭރަށް ހިންގުމާއެކު ހަށިގަނޑުން ފެން މަދުވުމެވެ. ވީމާ ކުއްޖާ އަށް ދިޔާއެއްޗެހި ދިނުން މުހިއްމެވެ. ލޯ ވަޅުވަދެފައި ހުރުމާއެކު ހަންގަނޑު ދޫވެ، އަނގައިން ކުޅު ހިކިފައި ހުރުމަކީ ކުއްޖާ ގައިން ފެން މަދުވާ ކަމުގެ އަލާމާތެކެވެ. ވީމާ ވީހާވެސް ގިނައި ދަރިފުޅަށް ފެނާއި ޖޫހާއި ދޮންކެޔޮ ކަހަލަ މޭވާ ދޭން އިސްކަން ދޭށެވެ.
ގެސްޓްރޯ އެންޓެރައިޓިސް އަކީ ބަލި ޖެހުމުން އޮޓަމެޓިކުން މަންމަޔަސް ނުވަތަ ބައްޕަޔަށް ބަލި ދެނެގަނެވޭނެ ޒާތުގެ ބައްޔެކެވެ. އެހެންކަމުން ފުރަތަމަ ކޮޅު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ގޭގައި ފަރުވާ ދިނުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް މުހިއްމީ މިބާވަތުގެ މައްސަލައެއް ދިމާވިޔަސް އާދައިގެ ކަމެކޭ ހީކޮށް ފަރުވާ ކުޑަ ނުކުރުމެވެ. ފަހުން ދިމާވެދާނެ މައްސަލައަކުން ދަރިފުޅު ރައްކާތެރިކުރުން މާ ބޮޑަށް މުހިއްމެވެ.