އއ. ހިމަންދޫއަށް ފުލުހުން އަރައި އެ ރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ. އެރަށަށް ފުލުހުން އަރާފައިވަނީ ފެމެލީ ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށެވެ. ފުލުހުން އެރީ ކޯޓު އަމުރާ ހިލާފަށް އއ. ހިމަންދޫގައި ބައްޕައަކު މަންމައަށް ދަރިފުޅު ފޮރުވައިގެން އުޅޭ މައްސަލައެއްގަ އެވެ.
ފުލުހުން ބުނީ، ފުލުހުންގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރެއް ތަންފީޒުކުރުމަށް ފުލުހުންނާއި ޖެންޑާއިން އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ކޯޓު އަމުރު ތަންފީޒުކުރުމަށް ފުލުހުން އެރަށަށް އެރި މިއީ ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ އެއްވަނަ ދުވަހު ވެސް ހަމަ މި ކޯޓު އަމުރު ތަންފީޒުކުރުމަށް ފުލުހުން އެ ރަށަށް އެރި އެވެ. ނަމަވެސް އެފަހަރު ކޯޓު އަމުރު ތަންފީޒުކުރެވިފައެއް ނުވެ އެވެ.
ފުލުހުން ކުރިން ބުނެފައިވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފެމިލީ ކޯޓުން ދަރިފުޅުގެ ބައްޕަގެ މައްޗަށް ހަތް ދުވަހުގެ ތެރޭ ކުއްޖާ މަންމައާ ހަވާލުކުރަން ހުކުމެއްކޮށްފައިވާ ކަމަށާއި ނަމަވެސް ހަތް ދުވަސް ވީއިރުވެސް ކުއްޖާ ހަވާލުކޮށްފައި ނުވާތީ ކޯޓްގެ ހުކުމް ތަންފީޒު ކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުުހުން ބުނީ ކޯޓް ހުކުމާ އެއްވެސް ފަރާތަކުން ދެކޮޅު ހަދައި ހުކުމާ އެއްގޮތަށް އަމަލުކުރުން ހުއްޓުވާނަމަ އެމީހަކު ހުއްޓުވައި، އެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތްކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދަރިފުޅު ހޯދަން ފުލުހުންގެ ޓީމަކުން އެރަށަށް ގޮސްފައިވަނީ، ޖެންޑަ މިނިސްޓްރީއާއި ފުލުހުން ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.