މޯލްޑިވްސް ޕޮލިސް ސާވިސް

ދެ އަހަރުގެ ކުއްޖާ ގޮވައިގެން ފުލުހުން ހިމަންދޫއިން ފައިބައިފި

ފުލުހުންގެ މައްޗަށް ފެމެލީ ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒުކުރުމަށް އއ. ހިމަންދޫއަށް އެރި ފުލުހުން އެރަށުން ފައިބައިފި އެވެ. ފުލުހުން އެރަށަށް އެރީ ކޯޓު އަމުރާ ހިލާފަށް އއ. ހިމަންދޫގައި ބައްޕައަކު މަންމައަށް ދަރިފުޅު ފޮރުވައިގެން އުޅޭ މައްސަލައެއްގަ އެވެ. ފުލުހުން އެ ރަށުން ފައިބާފައިވަނީ އެ ކުއްޖާ ގޮވައިގެންނެވެ.

ފުލުހުން ބުނީ، ކުޑަކުއްޖާގެ އިތުރުން ކުއްޖާގެ ބައްޕަ ގޮވައިގެން ފުލުހުން ހިމަންދޫއިން ފައިބާފައިވާ ކަމަށެވެ. ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް މިއަދު ހިމަންދޫގައި ހަރަކާތްތެރިވި އެވެ.

މި ކޯޓު އަމުރު ތަންފީޒުކުރުމަށް ފުލުހުން އެރަށަށް އެރި މިއީ ދެވަނަ ފަހަރެވެ. މިދިޔަ މަހުގެ އެއްވަނަ ދުވަހު ވެސް ހަމަ މި ކޯޓު އަމުރު ތަންފީޒުކުރުމަށް ފުލުހުން އެ ރަށަށް އެރި އެވެ. ނަމަވެސް އެފަހަރު ކޯޓު އަމުރު ތަންފީޒުކުރެވިފައެއް ނުވެ އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފެމިލީ ކޯޓުން ދަރިފުޅުގެ ބައްޕަގެ މައްޗަށް ހަތް ދުވަހުގެ ތެރޭ ކުއްޖާ މަންމައާ ހަވާލުކުރަން ހުކުމެއްކޮށްފައިވާ ކަމަށާއި ނަމަވެސް ހަތް ދުވަސް ވީއިރުވެސް ކުއްޖާ ހަވާލުކޮށްފައި ނުވާތީ ކޯޓްގެ ހުކުމް ތަންފީޒު ކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުުހުން ބުނީ ކޯޓް ހުކުމާ އެއްވެސް ފަރާތަކުން ދެކޮޅު ހަދައި ހުކުމާ އެއްގޮތަށް އަމަލުކުރުން ހުއްޓުވާނަމަ އެމީހަކު ހުއްޓުވައި، އެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތްކުރުމަކީ ފުލުހުން ކުރަންޖެހޭ ކަމެއް ކަމަށެވެ.