ދީން

ހާވާޑް ޔުނިވަސިޓީގެ ގާނޫނީ ދޮރާށީގައި ގުރުއާނުގެ އާޔަތެއް

ހާވާރޑަކީ ދުނިޔޭގެ ޔުނިވަރސިޓީތަކުގެ ރޭންކިންގެ އެންމެ ކުރީގައި ގުނާލެވޭ ފަޚުރުވެރި ޢިލްމީ އަދި ތަރުބަވީ މުއައްސަސާއެކެވެ. އެމެރިކާގައި މި ޔުނިވަރސިޓީ އުފެދުނީ މީލާދީން 1636 ވަނަ އަހަރުއެވެ. ހާވާރޑް ޔުނިވަރސިޓީގެ އެންމެ މަޝްހޫރު އެއް ތަޢުލީމީ ހިޔާވަހިކަމުގައިވާ ހާވާރޑް ލޯ ސްކޫލް އުފައްދާ، ޤާނޫނީ ޢިލްމުގެ ރޮނގުން މަޤްބޫލް ޝަޚްޞިއްޔަތުތަކެއް އެ ޔުނިވަރސިޓީއިން ބިނާކުރަން ފަށާފައިވަނީ މީލާދީން 1817 ވަނަ އަހަރުން ފެށިގެންނެވެ.

މިހާރު ހާވާރޑްގެ ލޯ ފެކަލްޓީ މެދުކެނޑުމެއް ނެތި ހިނގަމުން އަންނަތާ 199 އަހަރުވީއެވެ. މި ޚިދުމަތްތެރި ތަޢުލީމީ ބިނާގެ މައި ދޮރާށި މައްޗަށް ފެންނާނޭހެން ހާވާރޑްގެ ލޯ ލައިބްރަރީގެ ފާރުގައި، އިންސާފާ ޢަދުލުވެރިކަން ރަމްޒުކޮށްދޭ މުހިންމު ޢިބާރާތްތަކެއް ދުނިޔޭގެ އެތަން މިތަން ދިރާސާކޮށް ހޯދައިގެން ގެނަސް ލިޔެފައި ބެހެއްޓުމުގެ މަސައްކަތަކީ، މީގެ ހަތަރުވަރަކަށް އަހަރުކުރީން އެ ޔުނިވަރސިޓީއިން ފެށި ޢިލްމީ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އެކި ކަހަލަ ފޮތްތަކާ، ބުއްދިވެރީންގެ ބަސްތަކާ، ޤާނޫނީ ހަމަތައް ދުނިޔޭގެ އެކި ހިސާބުތަކުން އެކި ޒަމާންތަކުން ކޮޅައިގެން ގެނަސް އެއްތާކަށް ޖަމާކޮށް، އޭގެ ތެރެއިން އެންމެ އަސަރުހުރި އެންމެ ވަރުގަދަ އިބާރާތްތައް ހާވާރޑްގެ އެދުރުންގެ ކޮމެޓީއެއްގެ ވިސްނުމަށް ފެންނަ ގޮތަށް ނަގައި ޚިޔާރުކުރި އިރު، ޢަދުލު އިންސާފުގެ އެންމެ ވަރުގަދަ ބަހެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކީރިތި ޤުރުއާނުގެ ނިސާއު ސޫރަތުގެ 135 ވަނަ އާޔަތެވެ.

އެ އާޔަތުން ދޭހަވާ މާނައަކީ : "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން ޢަދުލު އިންސާފު ޤާއިމުކުރުމުގައި ދެމިތިބޭ އަދި ﷲއަށް ޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ވާށެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާ ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް ޢަދުލުވެރިކަމާއެކު ހެކިބަސްދޭށެވެ. މުއްސަންޖެއް ނުވަތަ ފަޤީރެއްގެ މައްޗަށް ހެކިބަސްދިން ކަމުގައި ވިޔަސް ﷲއަށްޓަކައި ހެކިބަސްދިނުމަށް އިސްކަންދޭށެވެ. ތިޔަބައިމީހުން ޢަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވާށެވެ. ހެކިބަސް ބަދަލުކުރާނަމަ، ނުވަތަ ހެކިބަސް ނުދީ އެކަން ވަންހަނާކުރާނަމަ، ﷲ ތިޔަބައިމީހުން ކުރާ ކަންކަން މޮޅަށް ދެނެވޮޑިގެންވާނެކަން ހަނދުމަކުރާހުށިކަމެވެ."

ކީރިތި ޤުރުއާނުގެ ނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގެ އިނގިރޭސި ތަރުޖަމާގެ އިތުރުންވެސް، ޢަދުލު އިންސާފަށް މަގުދެއްކުމަށް އެކި މުފައްކިރުންނާ ބުއްދިވެރީން އެކި ޒަމާންތަކުގައި ވިދާޅުވެފައިވާ ފާހަގަކޮށްލެވޭ ޚާއްޞަ ބުނުންތައް މި ދެންނެވި ޚާއްޞަ ފާރުގައި ވަނީ ލިޔެފައެވެ.

ހާވާޑް ޔުނިވަރސިޓީގެ ލޯ ފެކަލްޓީއަކީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ މަތީ ތަޢުލީމުގެ މަރުކަޒެވެ. އެ ފެކަލްޓީގެ އިސް ދަރިވަރުންގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު އެތައް ޝަޚްޞިއްޔަތެއް ހިމެނެއެވެ. އެމެރިކާގެ 8 ރައީސަކުވަނީ ހާވާރޑް ޔުނިވަރސިޓީއިން ދަސްވެނިވެވަޑައިގެންފައެވެ. އަލިފުދާލުގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބަންކީމޫންއާ، މައިކްރޯސޮފްޓްގެ ބާނީ ބިލްގޭޓްސްއާ، ފޭސްބުކްގެ ބާނީ މާކް ޒުކަބާރގަކީވެސް މި ޔުނިވަރސިޓީގެ އިސް ދަރިވަރުންނެވެ.

ހާވާޑް ޔުނިވަރސިޓީގެ ލޯ ފެކަލްޓީގެ ލައިބްރަރީއަކީ ދުނިޔޭގައި މިހާރުހުރި ޤާނޫނީ ފޮތްތަކާ ޤާނޫނީ މަޢުލޫމާތުގެ އެންމެ ބޮޑު ކޮށާރެވެ. މިއީ ދުނިޔޭގެ އެންމެ ބިޔަ އެކަޑަމިކް ލޯ ލައިބްރަރީއެވެ. މި ލައިބްރަރީއަށް ވަދެގެންދާއިރު، ޤުރުއާނުގެ މޫރިތި އާޔަތެއްގައިވާ ޢަދުލުވެރި ބަސްތައް އެންމެންގެ ލޯމައްޗަށް ފެންނާނޭހެން ހުރުމަކީ އިސްލާމްދީނަށް ލިބޭ ނަޞްރެކެވެ. އަދި އެމެރިކާއާ ޔޫރަޕް އިސްލާމީ ހިދާޔަތުގެ މަގަށް ފުރޮޅެމުންދާކަމުގެ އަލިގަދަ ނިޝާނެކެވެ.