ހަބަރު

އޮފިޝަލް ޕާސްޕޯޓް ދޭ ފަރާތްތައް އިތުރުކޮށްފި

ސަރުކާރުން ދޫކުރާ އޮފިޝަލް ޕާސްޕޯޓް ދޭ ފަރާތްތައް އިތުރުކޮށް، ދިވެހި ޕާސްޕޯޓާ ގުޅޭ ގަވާއިދަށް އިމިގްރޭޝަނުން ބަދަލު ގެނެސްފި އެވެ.

އެ ގަވާއިދަށް އިމިގްރޭޝަނުން އެންމެ ފަހުން ގެނައި ބަދަލާ އެކު، އޮފިޝަލް ޕާސްޕޯޓް އަލަށް ހައްދައި ދޭން ފެށި ފަރާތްތަކަކީ، ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ލިބުނު ފަރާތްތަކާއި އިމިގްރޭޝަންގެ، ޗީފް ޕްރިންސިޕަލް އޮފިސަރުން މަތީގެ މަގާމުތައް އަދި އޮލިމްޕިކް ކޮމިޓީގެ އެމްބެސެޑަރަށެވެ.

އެ ޕާސްޕޯޓް މީގެ ކުރިން ވެސް ދޫކުރަމުން އަންނަނީ ރަސްމީ ބޭނުންތަކަށް ރާއްޖޭން ބޭރަށް ދާ ދައުލަތުގެ މުވައްޒަފުންނަށާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމެއްގައި ތިއްބަވާ ބޭފުޅުންނަށެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ ފަރާތުން ބޭރު ގައުމުތަކަށް ރަސްމީ ބޭނުން ތަކުގައި ދަތުރު ކުރާއިރު އެ ޕާސްޕޯޓް ލިބެ އެވެ.

އެ ޕާސްޕޯޓްތައް ގެންގުޅުއްވާ ފަރާތްތަކަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި އިނާޔަތްތަކެއް ލިބެ އެވެ. އަދި އެފަދަ ޕާސްޕޯޓްތައް ދޫކޮށްފައިވާ ފަރާތެއް އެ ހުންނަ މަގާމުން ވަކި ވެއްޖެ ނަމަ އެ ޕާސްޕޯޓެއް އަނބުރާ އިމިގްރޭޝަނަށް ހަވާލުކުރަން ޖެހެ އެވެ.