ފިނިޕޭޖް

އެހަނދާނުގައި ޝޯގައި މިރޭ މީރާ އާ ޔާމިންގެ ލަވައެއް!

ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި ޓީވީއެމުން ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިންވެސް އެ ޕްރޮގްރާމެއްގެ ވާހަކަ އެންމެ ބޮޑަށް ވައިގައި ހިފާލާ ޕްރޮގްރާމަކީ އެހަނދާނުގައި ޝޯ އެވެ. މިއަހަރުގެ އެހަނދާނުގައި ޕްރޮގްރާމްގެ ފުރަތަމަ ޝޯ މިރޭ ފަށާއިރު ޝޯގައި އޮތް އެންމެ ހާއްސަ ކަމަކީ ލަވަކިޔުމުގެ ދާއިރާގެ އެންމެ އުހުގައި ފިޔަ ޖަހަމުންދާ މީރާ މުހައްމަދު މާޖިދު އަދި ޔާމިން ރަޝީދުގެ ލަވައެއް މި ޝޯގައި ފެނިގެންދާނެތީ އެވެ. ދިރާގު އެހަނދާނުގައިގެ މިފަހަރުގެ ތީމަކީ "ކަވާ ސޯންގްސް" އެވެ.

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ މީރާ އާއި ޔާމިންގެ އެތައް ހިތްގައިމު ކަވާ ސޯންގްސް ތަކެެއް ވަނީ މީގެކުރިންވެސް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. މިދެބައިވެރިންގެ ލަވައެއް ދެން ނީވޭނެ ކަމަށް ދެކެވުނު ވާހަކައެއްވެސް ނިކަން ބާރުލާފައި ފެތުރިގެން ގޮސްފައިވެ އެވެ.

މީރާ އާއި ޔާމިންގެ އިތުރުން މިރޭގެ ޝޯގައި މޯލްޑިވިއަން އައިޑޮލް އިން ވިދާލި އަބުދުﷲ ސޯދިގް އާއި މުހައްމަދު ޒަލީފްގެ ލަވައެއްވެސް އިވިގެން ދާނެ ކަމަށް ޝޯގެ ޕްރޮޑިއުސާ އައިމިނަތު ނައުމާ ވިދާޅުވި އެވެ. މިރޭގެ ޝޯގައި ދެން އިވިގެން ދާނީ، ލަހްފާ ފާއިޒް، އިފާގަތު އިބްރާހިމް، އަލީ ހިސާން، އިބްރާހިމް ޝާއިރް، ފާތިމަތު މުރުޝިދާ، ހައްވާ ޒާހިރާ، ފާތިމަތު އަނާނާ އަދި އިބްރާހިމް ސައީދުގެ އަޑުން ކިޔާފައިވާ ލަވަތައް އިވޭނެ ކަމަށް ނައުމާ ވިދާޅުވި އެވެ.

ހަ ލަވައެއް މިރޭގެ ޝޯގައި އިވިގެން ދާއިރު ލަވަ ގެނެސްދީ ނިމުމާއެކު ސައުންޑްކްލައުޑުން އެ ލަވަ އަޑުއަހާލެވޭނެ ކަމަށްވެސް ނައުމާ ވިދާޅުވި އެވެ. މިފަރަގެ ޝޯވެސް ހޯސްޓު ކޮށްދޭނީ އިބްރާމް ރަޝީދު އަދި މިޒުނާ އަހުމަދު އެވެ. މި ޝޯ ގެނެސްދޭނީ ރޯދަމަހުގެ ކޮންމެ ބުދަ ދުވަހެއްގެ ރޭ 09:30 ގައި ޓީވީއެމް އިންނެވެ.