ބޮލީވުޑް

"ހާފް ގާލްފްރެންޑް" ގެ ޝޫޓިން އަރްޖުން ފަށައިފި

Jun 9, 2016

ޗޭތަން ބަގަތް ލިޔެފައިވާ ވާހަކަ ފޮތް "ހާފްގާލްފްރެންޑް" ގެ އަސްލަކަށް ބަލައިގެން ހަމަ އެނަމުގައި އުފައްދާ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

އަރްޖުން ކަޕޫރާއި ޝްރަދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މިފިލްމުގެ ޝޫޓިން ދިއްލީގައި ފަށާފައިވަނީ އިއްޔެ އެވެ.

މޯހިތު ސުރީ ޑައިރެކްޓްކުރާ މިފިލްމުގައި އަރްޖުން ފެނިގެންދާނީ ބާސްކެޓް ބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ފިލްމުގެ ވާހަކަ ލިޔުމުގެ އިތުރަށް ފިލްމު ޕްރޮޑިއުސްވެސްކުރާ ޗޭތަން ފިލްމުގެ ޝޫޓިން ފެށުމުގެ ގޮތުން، އަރްޖުން ބާސްކެޓް ކުޅެނިކޮށް ނަގާފައިވާ ފޮޓޯ އަކާއެކު ކުރި ޓްވީޓެއްގައި ވަނީ މިފިލްމުގައި އަރްޖުން ކުޅޭނީ މާދަވް ޖާ ނަމަކަށް ކިޔާ މީހެއްގެ ރޯލު ކަމަށާއި މިއަދު މިފިލްމުގެ ޝޫޓިން ދިއްލީގައި ފެށިގެން ގޮސްފައިވާ ކަމަށް ބުނެފަ އެވެ.

މިފިލްމުގައި އަރަޖުން ފެނިގެންދަނީ މޮޅު ބާސްކެޓް ކުޅުންތެރިއެއްގެ ރޯލުން ކަމުން، މިރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ އެމެރިކާގެ ބާސްކެޓް ޓީމަކާ އެކު ޓްރެއިނިން ހަދާފަ އެވެ.

އަރްޖުން އެކޭ އެއްގޮތަށް ޝްރަދާ ވެސް މިފިލްމުގައި ފެނިގެންދަނީ ރީޔާ ސޮމާނީ ނަމަކަށް ކިޔާ ބާސްކެޓް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ އިންޑިއާގެ ވަރަށް ރަށްފުށު ސަރަހައްދަކަށް ނިސްބަތްވާ ފިރިހެން ކުއްޖަކާއި ދިއްލީއަށް ނިސްބަތްވާ ވަރަށް ޒަމާނީ އަންހެން ކުއްޖަކާއި ދެމެދު އޮންނަ ލޯބީގެ ގުޅުން މިފިލްމުގައި ފެނިގެންދާނެ އެވެ. އެންމެފުރަތަމަ މިވާހަކައިގައި ފިރިހެން ކުއްޖާ އާއި އަންހެން ކުއްޖާ ގާތް އެކުވެރިންނަށްވެ، ވަކިވެ، އަނެއްކާ ވެސް އެކުވެރިވެ ވަކިވެ، އެންމެފަހުން ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެ އެކުގައި އުޅެ އެވެ.

މީގެކުރިން އަރްޖުން އާއި އާލިއާ ބަޓް އެކުގައި ފެނިގެންގޮސްފައިވާ "2 ސްޓޭޓްސް" އަކީ ވެސް ޗޭތަން ބަގަތް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

"ހާފްގާލްފްރެންޑް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.