ރިވިއު

މީރާ އާއި ޔާމީން ވަރެއް ނެތް، އަނެއްކާވެސް އެ ޖާދޫގައި ޖައްސައިފި

ރޯދަ މަހު ޓީވީއެމްއެމް ގެނެސްދޭ އެންމެ މަގުބޫލު ޝޯތަކުގައި ތެރެއިން އެއް ޝޯ،"އެހާނދާނުގައި" ގެ މިއަހަރުގެ ޝޯގެ ފުރަތަމަ ޝޯ ރޭ ޓީވީއެމް އިން މި ވަނީ ދައްކާފަ އެވެ. ރޭގެ ޝޯއަށް ބެލުންތެރިން ބޮޑު އިންތިޒާރެއްކުރިއިރު އެ އިންތިޒާރުގެ ނިމުން އައީ މާ އުފާވެރިކޮށް ކަމަކަށް ގިނަ ބަޔަކު ނުދެކެ އެވެ. ލަވަތައް އުއްމީދުކުރިހާ ރީއްޗެއް ވެސް ނޫނެވެ. "އެހަނދާނުގައި"ގެ ފީލެއް ނެތެވެ. އެ ރީތިކަމާއި ޗާލުކަމެއް ނުފެނުނެވެ.

ލަވަ ކިޔުންތެރިން:

  • މީރާ މުހައްމަދު މާޖިދު
  • ޔާމިން ރަޝީދު
  • ލަހްފާ ފާއިޒް
  • އިފާގަތު އިބްރާހިމް
  • އަލީ ހިސާން
  • އިބްރާހިމް ޝާއިރް
  • ފާތިމަތު މުރުޝިދާ
  • ހައްވާ ޒާހިރާ
  • ފާތިމަތު އަނާނާ
  • އިބްރާހިމް ސައީދު
  • އަބުދުﷲ ސޯދިގް
  • މުހައްމަދު ޒަލީފް

ރޭގެ ލަވަ ހުށަހަޅައިދީފައިވާ ބައިވެރިންގެ ތެރޭގައި މިހާރުގެ އެންމެ މަގުބޫލު މޫނުތަކާއި އާ ތަރިން ހިމެނޭއިރު ބައިވެރިންގެ ހުނަރު ދައްކާލި އެވެ. ނަމަވެސް ތަފާތު މޮޅު ލަވަތަކެއް ފެނިގެން ގޮސްފައިނުވާތީ ބެލުންތެރިން ވަނީ ކޮންމެ ވެސް ވަރަކަށް މާޔޫސްވެފަ އެވެ. މާޔޫސްވުމުގެ އިތުރުން ރޭގެ ޝޯއިން ހެއްވާ ވެސް ލި އެވެ. އަދި ޝޯއަށް އޮތް ލޯބި ވެސް އިތުރުކޮށްލި އެވެ. ޝޯ ހުށަހަޅައިދިން އިބްރާމް ރަޝީދު އަދި މިޒުނާ މުހައްމަދަށް ފުލް މާކްސް ދޭން ޖެހެ އެވެ. މީގެ އިތުރުން ރޭގެ ޝޯގައި އެންމެ ހިތްގައިމު ދެ ލަވަ ހުށަހަޅައިދިން ޒަލީފާއި ލަހްފާ އަދި މީރާ އާއި ޔާމީނަށް ވެސް ޝުކުރު ހައްގެވެ. ރޭގެ ޝޯއަށް ދިރުމެއް ގެނެސްދިނީ މި ފަންނާނުންނެވެ.

ލަވަތައް:

ރޭގެ ޝޯ ފެށިގެން ދިޔައީ ސޯދިގާއި ހައްވާ ޒާހިރާގެ ލަވައިންނެވެ. ހުށަހަޅައިދިނީ "ލޯބީގާ ވާތީ ފަނާ" އެވެ. މި ލަވަ އަޑުއަހާލަކަށް ފަސޭހައެއް ނޫނެވެ. މާބޮޑަށް އެކްސްޕެރިމެންޓް ކުރަން އުޅިފައިވާކަން ފާހަގަކޮށްލެވެ އެވެ. ހައްވާ ޒާހިރާގެ އަޑަށް މި ލަވަ ހެޔޮވަރުވި ނަމަވެސް ސޯދިގުގެ އަޑުން މި ލަވަ އަޑުއަހާލާކަށް އެހާ ފަސޭހައެއް ނޫނެވެ.

ދެން ލަވަ ހުށަހަޅައިދިނީ ވޮއިސް އޮފް މޯލްޑިވްސްއިން ވިދާލި އިބްރާހިމް ސައީދާއި ފާތިމަތު އަނާނާ އެވެ. އަނާނާ މިއީ އާ ތަރިއެކެވެ. އާ ތަރިއަކާ އަޅާބަލާއިރު އަނާނާގެ ހުށަހަޅައިދިނުން ގޯހެއް ނޫނެވެ. މި ދެ ބައިވެރިން ހުށަހަޅައިދިނީ "ބޭނުންވިޔަސް ވާކަށްނެތޭ" މި ލަވަ އެވެ. އަހުމަދު އާމިރުގެ މި ހިތްގައިމު ލަވައިގެ ކަވާ ހަޑިއެއް ނޫނެވެ. އެކަމަކު މިއަށްވުރެ ފުރިހަމަ ކުރެވޭނެ އެވެ. ހިތްގައިމު ކުރެވޭނެ އެވެ. އެންމެ ބޮޑަށް ލަވައިގައި އުނިވި ކަމެއް ކަމަށް ފެންނަނީ ހުށަހަޅައިދިނުމެވެ. ލަަވަ ކިޔުމުގެ ހުނަރު ގޯހެއް ނޫނެވެ.

"ރޭ ނިދީގައިވެސް" މި ލަވަ ރޭ ހުށަހަޅައިދީފައިވަނީ ލަހްފާ ފާއިޒާއި ޒަލީފެވެ. އަޑުއަހާލަން ވަރަށް ހިތްގައިމެވެ. މިއީ ރޭގެ ލަވަތަކުގެ ތެރެއިން އެންމެ ހިތްގައިމު އެއް ލަވަ އެވެ. އެންމެ ހިތްގައިމު ލަވައޭ ވެސް ބުނެވިދާނެ އެވެ. ބައިވެރިންގެ ހަރަކާތްތައް ވެސް ވަރަށް "ލޯބި" އެވެ. މި ދެ ފަންނާނުން އަލަށް ލަވައެއް ހުށަހަޅައިދިންއިރު މިއީ ޕާފެކްޓް ޖޯޑެކޭ ބުނެވިދާނެ އެވެ.

ބޮޑުބެރު ލަވަތަކުން ވިދާލި އިބްރާހިމް ޝާއިރާއި އަލަށް ތައާރަފްވި ފާތުމަތު މުރުޝިދާގެ އަޑުން އިވިގެން ދިޔައީ، "ޔާރާ އަހާށޭ" މި ލަވަ އެވެ. ބޮޑުބެރު ލަވަ ކިޔައި، އެ ސްޓައިލަށް ތައްގަނޑު ޖެހިފައިވާ ޝާއިރުގެ އަޑުން މި ލަވަ އިވުމުން ކުޑަކޮށް "އޮޑް" ގޮތެއް ހުރެ އެވެ. އެހެނަމަވެސް ގޯހެއް ނޫނެވެ. ލަވައާއި އަށާ ނުގުޅެނީ އެވެ. މުރުޝިދާގެ ފަރާތުން އާކަން ފާހަގަވި އެވެ.

"އަބަދުވެސް ފެނެޔޭ ކަލާ" މި ލަވަ ހުށަހަޅާދީފައިވަނީ އިފާޤަތް އިބްރާހިމް އާއި އަލީ ހިސާން އެވެ. ލަވަ ހަޑިއެއް ނޫނެވެ. އަޑުއަހާލަން ވެސް ފަސޭހަ އެވެ. ނަމަވެސް މި ލަވަ މިހާގިނައިން އަޑުއިވިފައިވާއިރު އެތައް ކަވާތަކެއް ހެދިފައިވާއިރު ރޭގެ ލަވައިން އެއްވެސް ތަފާތު ކަމެއް ފެނިގެނެއް ނުދެ އެވެ.

ރޭގެ ތަރިންނަކީ މީރާ އާއި ޔާމީން

ކުރިން އިވިގެން ދިޔަ ލަވަތައް ހަނދާން ނައްތުވާލި ޝޯގައި އެންމެ ފަހުން އިވިގެން ދިޔަ ލަވައިންނެވެ. ޝޯ ފެށިގެން ދިޔަ ގޮތުން ނިއްޖާވެވިފައި ހުއްޓާ ހޭލައްވާލި މީރާ އާއި ޔާމީންގެ "ލޯބިން"އެވެ. އެ ލޯބި ވަރަށް ފުރިހަމަ އެވެ. ލަވައެއް ސްޓޭޖެއްގެ މަތީ ހުށަހަޅައިދޭން އެހެން ފަންނާނުން ވެސް މި ދެ ފަންނާނުން ކައިރިން ދަސްކުރަން ޖެހެ އެވެ. މީރާ އާއި ޔާމީންގެ ހަރަކާތްތައް ބަލާފައި އަސްލަށް ވެސް އެ ދެ ފަންނާނުން ދެކެ ލޯބިވެވެ އެވެ.

މި ފަންނާނުން ހުށަހަޅައިދީފައިވަނީ "އުމުރަށް ތިޔަނަމުގައި" މި ލަވަ އެވެ. މީރާ އާޢި ޔާމީންގެ އަޑަށް މި ލަވަ ބަރާބަރަށް ފިޓްވެ އެވެ. މިއަށްވުރެ ރީއްޗަށް މި ލަވަ އެހެން ބަޔަކަށް ހުށަހަޅައިދެވޭނެހެނެއް ހިއެއް ނުވެ އެވެ.

ކަވާ ލަވައިގެ ރަސްގެފާނާއި ރާނީއަކީ މީރާ އަދި ޔާމީންކަން ރޭ ވެސް މިވަނީ ސާބިތުކޮށްދީފަ އެވެ.