ރޯދަ މަހާ ރޯއްޖާ

ކިނބިހިއެޅުމާއި އާފުރުން!

މިއީ އަމިއްލަ އިޚްތިޔާރަކާ ނުލައި މޫނު މައްޗަށް އަންނަ ކުއްލި ދެ ޙަރަކާތެކެވެ. މިއިން ކޮންމެ ޙަރަކާތެއްގައިވެސް ތަންމިނަށް އަނގަ ހުޅުވެއެވެ. ލޯ މެރެއެވެ. މުޅި ހަށިގަނޑުގެ ބައިވެރިވުން މި ދެ ޙަރަކާތަށްވެސް އެކަމުގެ ވަގުތުގައި ލިބެއެވެ.

ކިނބިހިއެޅުމާ އާފުރުމަކީ ހަމައެކަނި އިންސާނުންނަށް ދިމާވާކަމެއް ނޫނެވެ. މިއީ ވަރަށް ގިނަ އެހެން ޙައިވާނުންނަށްވެސް އަންނަ ޙަރަކާތެކެވެ. އިންސާނީ ތާރީޚަށް ބަލާނަމަ، މުޅި އިންސާނިއްޔަތުގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމްގެ ހަށިކޮޅުގައި ފުރާނައެޅުއްވުމާއެކު އެންމެ ފުރަތަމަ އެޅުއްވީ ކިނބިއްސެކެވެ. އޭގެފަހުގައި ﷲއަށް ޙަމްދުކުރެއްވި އެވެ. ރަޙިމުގައި ތުއްތު ދަރިފުޅު ގެންނަ ޙަރަކާތްތަކުގެ ވީޑިއޯތަކުން ކަށަވަރުވާ ގޮތުގައި ކުއްޖާ މައިމީހާގެ ބަނޑުގައި ގަރުބަގަންނަތާ 12 ހަފުތާއާ 14 ހަފުތާއާ ދެމެދުގެ މުއްދަތުން ފެށިގެން އާފުރެން ފަށައެވެ.

މީގެ 1400 އަހަރުކުރީން ކީރިތި ރަސޫލާވަނީ ކިނބިހިއެޅުމާ އާފުރުމުގެ ޙަޤީޤަތްތައް ބަޔާންކޮށްދެއްވައި، އެ ދެ ޙާލަތުގައި އިންސާނާ ޢަމަލުކުރަންވީ ގޮތުގެ އަދަބުތައް އުނގަންނައިދެއްވާފައެވެ. ކީރިތިރަސޫލާ ކިނބިހިފުޅު އަޅުއްވާނަމަ، ފޮތިކޮޅަކުން އަނގަމަތިފުޅު ނިވައިކުރައްވައެވެ. ކިނބިހީގެ އަޑު ވީހައިވެސް މަޑަކުން އިވޭނެހެން ހައްދަވައެވެ. ކިނބިހިއަޅުއްވައި އަވަދިވެވަޑައިގަތުމުން ﷲއަށް ޙަމްދުކުރައްވައެވެ. ކިނބިހިއަޅާ މީހާއަށް ރަޙުމަތްލެއްވުން އެދި ދުޢާކުރުމަކީ އެއްމުސްލިމަކު އަނެއްމުސްލިމަކަށް އަދާކުރަންޖެހޭ ހައްޤެއްކަމުގައި އިރުޝާދުދެއްވާފައިވެއެވެ. އަދި ރަޙްމަތްލެއްވުން އެދި ދުޢާކޮށްދޭ މީހާގެ ފާފަ ފުއްސަވައޮދެއްވުން އެދި ދެންނެވުމަކީ ކިނބިހި އަޅާ މީހާގެ މައްޗަށް އޮތް ސުންނަތެކެވެ.

އާފުރޭހިނދު އަތްއަޅައި އަނގަމަތި ނިވައިކުރުމަށާ، އާފުރޭހިނދު "ހާ" ނުވަތަ "އާ" ފަދަ އަޑެއް ނުލެއްވުމަށާ، އެގޮތަށް އަޑުލައްވާނަމަ އެއީ ޝައިޠާނާގެ ހުނުމެއްކަމުގައި ކީރިތިރަސޫލާ ވަނީ ބަޔާންކޮށްދެއްވާފައެވެ.

ޢިލްމީ ނަޒަރަކުން ބަލާއިރު، ކިނބިހިއެޅުމުގެ ޢާއްމު ސަބަބަކީ ނޭފަތުގެ އެތެރެއަށް ވަންނަން މަސައްކަތްކުރާ ނުރައްކާތެރި ބައެއް ޖަރާސީމު ހަށިގަނޑުން ބޭރުކޮށްލުމެވެ. ދިފާޢީ މި ޙަރަކާތުގައި އެވްރެޖްކޮށް މިނިޓަކު 100 ކިލޯމީޓަރުގެ ބާރުމިނުގައި ކިނބިހިއެޅެއެވެ. ކޮންމެ ކިނބިއްސަކާއެކު ލައްކައަކަށްވުރެ ގިނަ އެކިބާވަތުގެ ޖަރާސީމު ހަށިގަނޑުން ބޭރަށް ނުކުމެއެވެ. ހިތުގެ ހިނގުމަށް އެވަގުތު ބަދަލުއާދެއެވެ. މުޅި ހަށިގަނޑުގެ ވަރުގަދަ ލޮޅުމަކާއި ކުޑަވަރެއްގެ ހުއްޓުމެއްގެ ތެރެއަށްދެއެވެ. ނަމަވެސް ޖެހިގެން އަންނަ ތިރީހަކަށް ސިކުންތުގެ ތެރޭގައި ހަށިގަނޑުގެ ހުރިހާކަމެއް އަލުން ހަމަޔަކަށް އެޅި، ލުއިވެއެވެ. ކިނބިހިއަޅާ ވަގުތު އަނގަމަތި ނިވައިކޮށް، އަދި އެއަށްފަހު ﷲއަށް ޙަމްދުކުރަނީ މިހެންވެއެވެ.

އާފުރުމުގެ ހުރިހާ ހަޤީޤަތަކާ ހަމަޔަށް ސައިންސްގެ ހޯދުންތައް އަދިވެސް ވާޞިލެއް ނުވެއެވެ. އެންމެ ބޮޑު ސުވާލަކީ، އާފުރުން ފަސޭހައިން "ގައިންގަޔަށްއަރާ" ސަބަބަކީ ކޮބައިތޯއެވެ. ބަޔަކުތިބި މަޖިލީހެއްގައި އެކަކު އާފުރޭއިރަށް ދެންތިބި ގިނަބަޔަކު އާފުރެން އެފަށަނީ ކީއްވެތޯއެވެ؟ އާފުރޭ މަންޒަރު ފެނުނަސް އެކަމުގެ ވާހަކަ އަޑުއިވުނަސް އާފުރެން އެފަށަނީ ކީއްވެތޯއެވެ؟

އާފުރުމުގެ މައިގަނޑު ސަބަބުތަކަކަށްވަނީ ބުރަހެލިވުން، ލޮޑުވުން، ވަރުބަލިވުން، ނިދިގަދަވުން، ފޫހިވުން އަދި ބައެއް ފަހަރު ފިކުރުބޮޑުވެ ނަފްސާނީގޮތުން ބަލިކަށިވުމެވެ. އިންސާނެއްގެ އެވްރެޖް ޙަޔާތުގައި ޢާއްމުކޮށް 250000 ފަހަރު އާފުރެއެވެ. އާފުރޭ ކޮންމެ ފަހަރަކު އެވްރެޖްކޮށް 6 ސިކުންތު އެކަމަށް ހޭދަކުރެއެވެ.

އާފުރުން ގުޅެނީ ބަލިކަށިކަމާ ކަންނެތްކަމަށް ވާރުތަކުރާ ސަބަބުތަކާއެވެ. އެކަން ވީހައިވެސް ބޮޑަކަށް ފޮރުވުމަށާ، އާފުރޭ ވަގުތު އަޑު ނުލެއްވުމަށާ، އެކަމުން ރައްކާތެރިވުން އެދި ދުޢާކުރުމަށް ކީރިތި ރަސޫލާ އިރުޝާދުދެއްވާފައިވަނީ މި ސަބަބުތަކަށްޓަކައެވެ.