ބޭރު ކުޅިވަރު

ޝަރަޕޯވާ ދެ އަހަރަށް ސަސްޕެންޑްކޮށްފި

ޓެނިހުގެ މަޝްހޫރު ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ ދެ އަހަރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސަސްޕެންޑްކުރީ މަނާ ބޭހަށް ޕޮޒިޓިވް ވުމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ކުރި ޑްރަގް ޓެސްޓުން އޭނާ ޕޮޒިޓިވް ވެފައިވަނީ މެލްޑޯނިއަމް ކިޔާ ބާވަތެއްގެ މަނާ ބޭހަކަށެވެ. މި ބޭސް މަނާ ބޭހެއްގެ ގޮތުގައި ވޯލްޑް އެންޓި ޑޯޕިން އެސޯސިއޭޝަނުގައި ލިސްޓު ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. މިހެންވެ ޝަރަޕޯވާ ސަސްޕެންޑްކުރީ ވެސް ޖެނިއަރީ މަހުން ފެށިގެންނެވެ.

ރަޝިޔާގެ މަޝްހޫރު ކުޅުންތެރިޔާ އަށް މި ސަސްޕެންޝަނުގެ ސަބަބުން އެނބުރި ޓެނިސް ކޯޓަށް އާދެވެނީ ޖެނުއަރީ 2018ގަ އެވެ. ނަމަވެސް އޭނާ ވަނީ މައްސަލަ އިސްތިއުނާފު ކުރަން ނިންމައިފަ އެވެ.

އުމުރުން 29 އަހަރުގެ ޝަރަޕޯވާ ބުނީ މިއީ ނާއިންސާފު ނިންމުމެއް ކަމަށާއި އޭނާ މަނާ ބޭހެއް ބޭނުން ކުރުމުގެ ނިޔަތުގައި އޭނާ މިބޭސް ބޭނުން ނުކުރާ ކަމަށެވެ.