ބޭރު ކުޅިވަރު

މޮޅުނުވެ، ގޯލެއް ނުޖަހައި ޔޫރޯގެ ދެ ވަނަ ބުރަށް ދާނީ ކިހިނެތް؟

މާދަމާ ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ ހާއްސަ މުބާރާތެވެ. ޔޫރަޕުގެ އެންމެ ގަދަ 24 ޓީމު ވާދަކުރާ މުބާރާތް މީގެ ކުރިން ބޭއްވީ 16 ޓީމާއެކުގަ އެވެ. ނަމަވެސް މިއަދަދު 24 އަށް މަތިކުރީ މެމްބަރު ގައުމުތަކުގެ ބާރުއެޅުމާއި ސްޕޯޓްސް ޕޮލިޓިކްސްގެ ތެރެއިންނެވެ. މިހެންވެ މި މުބާރާތަކީ އެންމެ ފަސޭހައިން ދެ ވަނަ ބުރަށް ދެވޭނެ މުބާރާތަށް ވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

މާދަމާއިން ފެށިގެން އެއް މަސްދުވަހަށް ދިގުދެމިގެންދާ މުބާރާތުގައި ދެ ވަނަ ބުރަށް މެޗަކުން މޮޅުނުވެ، ގޯލެއް ނުޖަހައި ވެސް ދެވިދާނެ އެވެ. އެއީ ކީއްވެ ހެއްޔެވެ؟ ޖަވާބު މިއޮތީ އެވެ.

މި ފަހަރުގެ މުބާރާތް ރާވާލާފައިވާ ގޮތުން ގްރޫޕް ސްޓޭޖުގައި ވާދަކުރާ 24 ޓީމުގެ ތެރެއިން 16 ޓީމު ދެ ވަނަ ބުރަށްދާނެ އެވެ. ދެ ވަނަ ބުރަށް އަމިއްލަ ބާރުގައި ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މުބާރާތުގައި ހަ ގްރޫޕް އޮތުމުން ގަދަ ދެ ޓީމާއެކު އޮޓެމެޓިކުން ދެ ވަނަ ބުރުގެ 12 ޖާގަ ފުރޭނެ އެވެ. ބާކީ އޮތް ހަތަރު ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަަކަށެވެ. މި ހަތަރު ޓީމު ކަނޑައެޅުމުގައި ފީފާ ރޭންކިން އަށް ވެސް ބަލާނެ އެވެ. މެޗަކުން މޮޅުނުވެ، ގޯލެއް ނުޖަހައި އެކަމަކު އެންމެ ޕޮއިންޓަކާއެކު ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތީ މިހެންވެ އެވެ.

މުބާރާތް ރާވާލައިފައިވާ ގޮތުން ފުރަތަަމަ ހަތަރު ގްރޫޕަކުން އެއްވަނަ ހޯދާ ޓީމުތައް ކުއާޓާ ފައިނަލަށް ދިއުމަށް އެޑްވާންޓޭޖެއް ލިބޭނެ އެވެ. އެއިން ކޮންމެ ޓީމެއް ވެސް ދެ ވަނަ ބުރުގައި ވާދަކުރާނީ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޓީމަކާ އެވެ.

ފްރާންސްގައި މި ފަހަރު މުބާރާތް ބާއްވާއިރު ޖުމުލަ 51 މެޗު ކުޅޭނެ އެވެ.