ބޭރު ކުޅިވަރު

ޔޫރޯ: އަނެއްކާ ވެސް ދެބެންގެ މުބާރާތެއް

ފުޓްބޯޅަ ދަނޑުގައި ދެބެން ފެނުމަކީ ޝައުގުވެރި ކުރުވަނިވި ކަމެކެވެ. ގިނަ ފަހަރު މި ޝައުގުވެރިކަން ބޮޑުވަނީ ދެބެން ދެ ޓީމަކަށް ކުޅޭނަމަ އެވެ. ފްރާންސްގައި މާދަމާ ފަށާ މުބާރާތުން ވެސް މިފަދަ ކަމެއް ފެނިގެންދާނެ އެވެ.

މި ފަހަރުގެ މުބާރާތުގައި ދެބެން އެއް ޓީމެއްގައި ހިމެނެނީ ތިން ޓީމެއްގަ އެވެ. އެއީ ބެލްޖިއަމް އާއި ނޮދަލް އަޔަލޭންޑް އަދި ރަޝިޔާގަ އެވެ. ދެބެން ދެ ޓީމެއްގައި ހިމެނެނީ އަލްބޭނިއާ އާއި ސްވިޒަލޭންޑްގަ އެވެ.

ބެލްޖިއަމްގެ ޖޯޑަން ލުކާކޫ އާއި ރޮމެލޫ ލުކާކޫ އަކީ ދެބެންނެވެ. މީގެ ތެރެއިން އުމުރުން 21 އަހަރުގެ ޑިފެންޑަރު ޖޯޑަން ލުކާކޫ ކުޅެނީ ބެލްޖިއަމްގެ ލީގުގެ އޫސްޓެންޑޭ އަށެވެ. މަޝްހޫރު ފޯވަޑް ރޮމެލޫ ލުކާކޫ ކުޅެމުން ދަނީ އެވަޓަން އަށެވެ.

ނޮދަން އަޔަލޭންޑްގެ ކޮރީ އީވަންސް އާއި ޖޮނީ އީވަންސް އަކީ ވެސް ދެބެންނެވެ. ކާރު ޑްރައިވަރަކަށް ލިބުނު މި ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ޖޮނީ އީވަންސް ކުޅެނީ ވެސްޓް ބްރޮމް އަށެވެ. އުމުރުން 28 އަހަރުގެ ޑިފެންޑަރާ ހިލާފަށް އޭނާގެ ކޮއްކޮ ކޮރީ އަކީ މިޑްފީލްޑަރަކެވެ. ކޮރީ ކުޅެނީ ބްލެކްބާން އަށެވެ.

މި ދެ ކުޅުންތެރިންގެ ބައްޕަ ބުނީ ޓެކްސީ ކުރަމުންދާއިރު އޭނާގެ ދެ ކުދިންގެ ޕޯސްޓަރުތައް މަގުތަކުން ފެންނަން ފެށުމުން ބަޔާން ކުރަން ވެސް ދަތި އުފާވެރި އިހުސާސްތަކެއް ވެރިވާ ކަމަށެވެ.

މި ފަހަރުގެ ޔޫރޯގައި ކުޅޭ ގައުމުތަކުގެ ތެރެއިން ކުލަބުގައި ވެސް އެޓީމަކަށް ކުޅޭ ދެބެން ތިބީ ރަޝިޔާގަ އެވެ. އެ ގައުމުގެ ސީއެސްކޭ މޮސްކޯ އަށް ކުޅޭ ވަސީލީ ބެރެޒުޓްސްކީ އާއި އަލެސީ ބެރެޒުޓްސްކީ އަކީ ވެސް ދެ ޑިފެންޑަރުންނެވެ.

މިފަހަރުގެ ޔޫރޯގައި ފެނިގެންދާނެ ދެބެންގެ ތެރެއިން އެންމެ ޝައުގުވެރިކުރުވަނިވި ދެ ބެންނަކީ ސްވިޒަލޭންޑުގެ ގްރަނިތް ޒަކާ އާއި އޭނާގެ ކޮއްކޮ ޓައުލަންޑް ޒަކާ އެވެ. މި ދެ ކުޅުންތެރިންނަކީ ކޮސޯވޯގެ އަލްބޭނިއާ ދެރިކޮޅުގެ ދެ މެފިރިއަކަށް ލިބުނު ދެ ކުދިންނެވެ. މި ދެ ކުދިން ލިބުމުގެ ކުރިން އެމީހުންގެ ބައިންބަފައިން ވަނީ ސްވިޒަލޭންޑަށް ހިޖުރަކޮށްފަ އެވެ.

ދާދި ފަހުން އަންނަ ސީޒަނުގައި އާސެނަލް އަށް ކުޅެން ސޮއިކުރި ގްރަނިތް ޒަކާ ކުޅެން ނިންމީ ސްވިޒަލޭންޑަށެވެ. އެއީ އޭނާ އަށް އެ ގައުމުގެ ފެޑަރޭޝަނުން ވަރަށް ބޮޑަށް ޝައުގުވެރިވުމުންނެވެ. މިކަމާހެދި އަލްބޭނިއާގެ ނޫސްތަކުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އޭނާގެ ކޮއްކޮ ޓައުލަންޑް އަލްބޭނިއާ އަށް ކުޅެން ނިންމީ އާއިލާ އަށް އަމާޒުވި މި ފާޑުކިއުންތަކާ ގުޅިގެންނެވެ. ޓައުލަންޓް ބުނީ ސްވިޒަލޭންޑްގެ ޒުވާން ޓީމުތަކަށް ކުޅުމަށްފަހު އަލްބޭނިއާ އަށް ކުޅެން ނިންމީ އާއިލާގެ ފަރާތުން އިތުރު ކުށެއް ނުކުރަން ވެގެން ކަމަށެވެ. އަދި އޭނާގެ މި ނިންމުމަށް ބޭބެ ގްރަނިތް ޒަކާ ބާރު އެޅި ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ އަލްބޭނިއާ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުގައި ވަކި ޓީމަކަށް ސަޕޯޓް ނުކުރަން މި ދެ ކުޅުންތެރިން އާއިލާއިން ވަނީ ނިންމާފަ އެވެ.

މި ކުޅުންތެރިންގެ އިތުރުން ޔޫރޯގައި އިތުރު ދެބެއިން ފެނިގެންދާނެ އެވެ. އެކަމަކު އެއީ ކުޅުންތެރިއަކާއި އެސިސްޓެންޓް ކޯޗެވެ. ޓޮޓެންހަމުގެ ކެޕްޓަންކަންކޮށް ފަހުން ލިވަޕޫލަށް ވެސް ކުޅުނު އަޔަލޭންޑްގެ ކެޕްޓަން ރޮބީ ކީން އާއި އޭނާގެ ބޭބެ އަދި އެސިސްޓެންޓް ކޯޗު ރޯއި ކީން އަކީ ވެސް އެއްބަނޑު އެއްބަފާ ދެބެންނެވެ. މީގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންކަން ކުރި ރޯއި ކީން އަކީ އަޔަލޭންޑްގެ ކުރީގެ ކެޕްޓަން އެވެ.