ބޭރު ކުޅިވަރު

ޔޫރޯގެ އެންމެ ރީތި ތުނބުޅި އާއި ހެއާ ސްޓައިލް

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް މާދަމާ ފްރާންސްގައި ފަށާނީ ކުޅުންތެރިންގެ ހެއާ ސްޓައިލާއި ތުނބުޅިތަކުން ވެސް މުބާރާތް ޖަރީކުރުވަމުންނެވެ. ކޮންމެ ބޮޑު މުބާރާތަކަށް ކުޅުންތެރިން އެމީހުންގެ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލް ކުރާއިރު ފަހަކަށް އައިސް ތުނބުޅި ސްޓައިލް ކުރާ ކުޅުންތެރިން ވެސް މަދެއްނޫނެވެ.

އިސްތަށިގަނޑު ސްޓައިލް ކުރުމުން މި ފަހަރު އެއްވަނަ ހޯދަނި ފްރާންސްގެ މަޝްހޫރު ތަރި ޕައުލް ޕޮގްބާ އެވެ. އޭނާގެ ބޮލުގެ އަރިމަތީގައި ހުރި އިސްތަށިތައް ތުނިތުނިކޮށް ކޮށާލާފައިވަނީ ޕޮގްބޫމް ފާޅުވާގޮތަށް އަކުރު ކަނޑާނަގައިފަ އެވެ. ޕޮގްބޫމް އަކީ ސަޕޯޓަރުން އޭނާ އަށް ލޯބިން ކިޔާ ނަމެވެ. މިނަން ވީހާ ބޮޑަށް އަޅައިގަންނާނެހެން ގޮތް ހެދުމަށް ވަނީ އަކުރުތަކުގެ ބައްޓަމަށް ކަފާފައިވާ އިސްތަށިތައް ވަނީ ރަންކުލައިން ޑައީކޮށްފަ އެވެ.

މި ގޮތަށް އޭނާގެ ހެއާ ސްޓައިލް ބަދަލުކުރީ ސިންގާއެއްގެ ކެހެރިފަށްތަކުގެ ސްޓައިލަށް ބޮލުގެ މަތިމަތި ޑައީކޮށްގެން ހޯދި އިޓާލިއަން ލީގަށްފަހު އެވެ. އުމުރުން 23 އަހަރުގެ ކުޅުންތެރިޔާގެ ބޮލަށް މުބާރާތުގައި ފްރާންސް ހޯދާ ކާމިޔާބީއާއެކު ބަދަލު އައުމަކީ ވެސް ގާތްކަމެކެވެ.

މި ލިސްޓުން މި ފަހަރު ދެ ވަނަ ހޯދަނީ ސްލޮވާކިޔާގެ މަރެކް ހަމްސިކެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައު ތުރުކީގެ އުމިތް ދަވާލާ ބޯ ހެދި ގޮތަށް ދެ އަރިމަތިން ބާލައިގެން ހަމްސިކް ހުއްޓާ ފެނުމުން ސްލޮވާކިޔާގެ ކުޅުންތެރިން ގާތަށް ވެސް ހިނި އެވެ. އިސްތަށިގަނޑުގެ އިތުރަށް ކަންފަތުގައި މުދިލައި މޫނުގެ ބައްޓަމާ ގުޅޭގޮތަށް އައިނު އަޅައިގެން ހޯމަ ދުވަހުގެ އޭނާ ހޮޓަކުން ނިކުތްއިރު ފުޓްބޯޅަ ކުޅުންތެރިއަކަށްވުރެ ބޮޑަށް ވައްތަރުވީ މަޝްހޫރު ފިލްމީތަރި ޖޮނީ ޑެޕާ އެވެ.

ކޮލަމްބިއާގެ ކާލޮސް ވަލްޑަރާމާ އަކީ އިސްތަށިގަނޑު ދިގުކޮށް ޑައިކޮށްފައި ބެހެއްޓުމުގައި އަރާހުރި ކުޅުންތެރިއެކެވެ. އޭނާގެ ހެއާ ސްޓައިލަށް ގިނަ ބަޔަކު ލޯބިކުރިއރު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ރުމޭނިއާގެ ޖިއޯޖީ ހާޖީ އާއި ހުރިހާ ކުޅުންތެރިން ބޯ ޑައީކޮށްލީ ވެސް ނަސީބު އެހީތެރިވުމުގައި ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލް މުހިންމު ދައުރެއް ކުޅޭނެ ކަމަށް ބަލައިފަ އެވެ. އެ ހަނދާންތައް މި ފަހަރުގެ ޔޫރޯއިން އާކޮށްދޭނެ އެއް ކުޅުންތެރިއަކަށްވާނީ ބެލްޖިއަމްގެ މަރައުނޭ ފެލައިނީ އެވެ.

އޭނާ ފެނުމުން ފެލައިނީ އަށްވުރެ ބޮޑަށް ގިނަ ބަޔަކު އަޅައިގަންނަނީ އޭނާގެ ތަރުތީބެއް ނެތް ވަރުގަދަ އިސްތަށިގަނޑާ އެވެ. 2008 ވަނަ އަހަރު އެވަޓަން އަށް ބަދަލުވެ، މިހާރު މެންޗެސްޓާ ޔުނައިޓެޑުގައި ކުޅެމުން އަންނަ ކުޅުންތެރިޔާގެ ފްރިޒީ އިސްތަށިގަނޑު މި ފަހަރުގެ މުބާރާތަށް ވަނީ ކުލަކޮށްލައިފަ އެވެ. މިއީ ކުރިއަށްވުރެ ބޮޑަށް އޭނާގެ އިސްތަށިގަނޑު ހައިލައިޓްކުރުމަށް ފެލައިނީ ކުރި ކަމެކެވެ.

ބެލްޖިއަމް ޓީމުން ރަޖާ ނިއަންގޯލަން އަކީ މާބޮޑަށް މަޝްހޫރު ކުޅުންތެރިއެއްނޫނެވެ. ނަމަވެސް އިހުޒަމާނުގެ މިއުޒީޝަނުންގެ މެދުގައި މަޝްހޫރުކަން ހޯދި ފަދަ ހެއާސްޓައިލާހެދި މި ފަހަރުގެ ޔޫރޯގައި ކެމެރާތަކުގެ ލެންސްތައް އޭނާ އަށް އަމާޒުވާނެ އެވެ. ތުނިކޮށް ބޯކޮށާފައިހުރި ނަމަވެސް ބޮލުގެ މެދުގައިވާ އިސްތަށިތައް ވަނީ އުސްކޮށްލާފަ އެވެ. ބޮަޑަށް ހައިލައިޓް ކުރުމަށް މި އިސްތަށިތައް ވަނީ ހުދުކޮށްލައިފަ އެވެ. އެކަމަކު ކަރު ފޮރުވޭ ވަރަށް ކުރަހާފައިވާ ރަތްމަލުގެ ޓެޓޫގެ ސަބަބުން ބޮލުގެ އިސްތަށިގަނޑުގެ ވިދުން ފަނޑުކޮށްދެ އެވެ.

އިނގިރޭސި ލީގުގައި އެންމެ ގިނައިން ސެލްފީ ނެގާ ކުޅުންތެރިން ތިބީ އާސެނަލްގަ އެވެ. އޭގެ ތެރެއިން އާރޮން ރަމްސޭ އަކީ އަރާހުރި ކުޅުންތެރިއެކެވެ. މި ފަހަރުގެ ޔޫރޯއަކީ އޭނާގެ ގައުމު ފާއިތުވެދިޔަ ބައިގަރުނުގެ ތެރޭގައި ކުޅޭ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަށް ރަމްސޭ ވަނީ އޭނާގެ ބޮލުގެ އިސްތަށިގަނޑު އެއްކޮށް ހުދުކޮށްލާފަ އެވެ.

ވޭލްސް ޓީމުގެ ޖޯ ލެޑްލީ އަކީ ވެސް ފާހަގަކުރެވޭ ކުޅުންތެރިއެކެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ދިގު ވަރުގަދަ ތުނބުޅިއަކަށްވާނީ އޭނާގެ ތުނބުޅި އެވެ.

އެކަމަކު މުޅި ޓީމުން އެންމެ ފާހަގަ ކުރެވެނީ ލިވަޕޫލަށް ކުޅޭ ޖޯ އަލެން އެވެ. އިސްކޮޅުން ކުރު ނަމަވެސް ބޮލުގެ އިސްތަށިގަނޑު ދިގުކޮށްފައި ތުނބުޅި ވެސް މެދުމިންވަރަކަށް ބެހެއްޓުމުން އޭނާގެ ސިފަ ކުރިއަށްވުރެ އަންހެންވެރީންނަށް ކަމުދެ އެވެ.

ސްޕޭނުގެ ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް އެންމެ ފަހުގެ ދެ ޔޫރޯ ކާމިޔާބުކުރީ ތުނބުޅިއަކާ ނުލަ އެވެ. ނަމަވެސް މި ފަހަރުގެ މުބާރާތަށް އޭނާ ކުރިމަތިލަނީ ތުނބުޅި ބަހައްޓައިގެން ރެއާލް މެޑްރިޑުގައި ހޯދި ފަދަ ކާމިޔާބީއެއް ހޯދުމުގެ މަތިވެރި އަޒުމާއެކުގަ އެވެ. ރާމޯސް އަކީ ވަރަށް ރީތިކޮށް ތަރުތީބުން ތުނބުޅި ބަހައްޓާ ކުޅުންތެރިއެކެވެ.

ޔޫރޯގައި ކުޅޭ އެންމެ މީސްކޮޅު މަދު ގައުމަކީ އައިސްލޭންޑެވެ. އެ ގައުމުގެ ކެޕްޓަން އާރޮން ގުނަސަންގެ ބޮލުގެ އިސްތަށިގަނޑުގެ ފަގީރުކަން ބޮޑަށް ދައްކައިދެނީ އޭނާގެ ވަރުގަދަ ތުނބުޅީގެ ވަރުގަދަ ކަމުންނެވެ.