ބޭރު ކުޅިވަރު

ޕޮގްބާ ގަތުމަށް ރެއާލް މެޑްރިޑުން ދުނިޔޭގެ ރެކޯޑް މުގުރާލަނީ

ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ގަތުމަށް ސްޕޭނުގެ ރެއާލް މެޑްެރިޑުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ތައްޔާރުވެއްޖެ އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން 23 އަހަރުގެ މިޑްފީލްޑަރު ޔުވެންޓަސްއިން އުފުރާލުމަށް ރެއާލްއިން ހުށަހަޅަނީ 95 މިލިއަން ޕައުންޑާއި އެ ޓީމުގެ މިޑްފީލްޑަރު އިސްކޯ އެވެ.

ޕޮގްބާ އަކީ ރެއާލް މެޑްރިޑުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިއެކެވެ. އަދި ޕޮގްބާގެ އެޖެންޓް މިނޯ ރައިއޯލާއަކީ ވެސް ޕެރޭޒްއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ޕޮގްބާ ގަތުމަށް ރެއާލްއިން ހަތިޔާރެއްގެ ގޮތުން ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އެޑިޑާސްވެސް ބޭނުންކުރާނެ އެވެ. އެޑިޑާސް އަކީ ރެއާލް މެޑްރިޑުގެ ޖާޒީ ތައްޔާރުކޮށްދޭ ފަރާތެވެ. އެޑިޑާސްއާ އިސްތިހާރު ކޮށްދިނުމަށް އެކުންފުންޏާއެކު ޕޮގްބާ ވަނީ ދާދި ފަހުން 31 މިލިއަން ޕައުންޑްގެ އަގުހުރި ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން ރެއާލް މެޑްރިޑުގެ ކޯޗަކަށް މިހާރު ހުރި ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާނަކީ ވެސް ޕޮގްބާ ގަތުމަށް ރެއާލް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މީހެކެވެ.

މާދަމާ ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް އެންމެ ވިދާލާނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިއަކީ ޕޮގްބާ އެވެ. އޭނާ ގަތުމަށް ރެއާލްގެ އިތުރުން ޕްރެމިއާ ލީގުގެ ބޮޑެތި ކުލަބުތަކުން ވެސް ތިބީ ތައްޔާރަށެވެ. އަދި ރެއާލްއާ ވާދަވެރި ބާސެލޯނާ ވެސް ޕޮގްބާ އަށް ޝައުގުވެރިވެ އެވެ.

ނަމަވެސް ޔުވެންޓަސް ދޫކޮށްލާނަމަ ޕޮގްބާ ވަނީ އޭނާ ދާން ބޭނުންވަނީ ސްޕޭނުގެ ކުލަބަކަށް ކަމަށް އޭނާގެ އެޖެންޓް ގާތުގައި ބުނެފަ އެވެ.

އެލްކެސް ފާގަސަންގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ތިން މެޗު ކުޅުނު ޕޮގްބާ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

ރެއާލް މެޑްރިޑަކީ ކުޅުންތެރިން ގަތުމުގައި ދުނިޔޭގެ ރެކޯޑް އެންމެ ފަހު ދެ ފަހަރު ވެސް މުގުރާލި ކުލަބެވެ. ކްރިސްޓިއާނޯ ރޮނާލްޑ ގަތުމަށް އެ ޓީމުން އެ ރެކޯޑް މުގުރާލީ ގެރެބް ބޭލް ގަތުމަށެވެ.