ރޯދަ މަހާ ރޯއްޖާ

ހުކުރު ދުވަހު ތަކުރާރުކޮށް ކިޔާ ހަތަރު ވާހަކަ!

ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ބަރަކާތްތެރި ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު ކުރުން ސުންނަތްވެގެންވާ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ ކަހުފް ސޫރަތް ކިޔެވުމެވެ.

ކަހުފް ސޫރަތުން ފާހަގަވާ މުހިންމު އެއްކަމަކީ، ވަރަށް މާނަފުން އަދި އެހާމެ ގިނަ ކަންތައްތަކެއް ސިކުނޑިއަށް ވިސްނައިދޭ 4 ވާހަކައެއް އެ ސޫރަތުގައި ހިމެނިފައިވާކަމެވެ. މި 4 ވާހަކައަކީވެސް ތާރީޚުގައި ހިނގައި ނިމިފައިވާ ޙަޤީޤީ 4 ޙާދިސާއެވެ.

ބުއްދިވެރީން ބުނާގޮތުގައި ދުނިޔެމަތީ 4 ކަމަކުން އިންސާނާ އިމްތިޙާނު ކުރެވެއެވެ. އެއީ އޭނާގެ ދީނާ، އޭނާގެ ފައިސާވެރިކަމާ، އޭނާ އުނގެނިހުރި ޢިލްމަކާ، އަދި އޭނާއަށް ލިބިގެންވާ ބާރެވެ. މި 4 ކަންތަކުގައި ހެޔޮގޮތް ޚިޔާރުކޮށްފި މީހާ ދުނިޔޭގެ ދިރިއުޅުމާ އާޚުރަތްވެސް ކާމިޔާބު ކުރެއެވެ.

ކަހުފު ސޫރަތުގެ 4 ވާހަކަ އަމާޒުވަނީ އިންސާނެއްގެ ޙަޔާތުގައި މުހިންމު މި ދެންނެވި 4 ދާއިރާގެ މައްޗަށެވެ. ކަހުފު ސޫރަތުގެ 10 ވަނަ އާޔަތުން 26 ވަނަ އާޔަތަށް ބަޔާންވެގެންވަނީ ކަހުފު ބާގައިގެ ޒުވާނުންގެ ވާހަކައެވެ. ޒުވާންކަމުގެ ހެއްލުންތަކުގައި ގެއްލިނުގޮސް އެ ޒުވާނުން އެމީހުންގެ ދީން ހެޔޮގޮތުގައި ޚިޔާރުކުރުމުގެ ނަތީޖާއަކީ، ﷲ އެ ޒުވާނުންނަށް ސަލާމަތްކަން ދެއްވުމެވެ. އަދި ޒަމާންތަކަށް ނަންކުރެވިގެންވާ މުޢުޖިޒާތެއްކަމުގައި އެ ޒުވާނުންގެ ވާހަކަވުމެވެ. މިއީ ދީނުގެ އިމްތިޙާނުން އެ ޒުވާނުން ފާސްވުމުގެ ހެޔޮ ނަތީޖާއެވެ.

ކަހުފު ސޫރަތުގެ 32 ވަނަ އާޔަތުން 44 ވަނަ އާޔަތަށް އޮތީ ދެމީހެއްގެ ވާހަކައެވެ. އެކަކީ ބޮޑު ދެބަގީޗާއާ މާސިންގާ މުދާވެރިކަމާ އަނބީންނާ ދަރީންގެ ނިޢުމަތް ލިބިގެންވާ މުއްސަނދި މަހުޖަނެކެވެ. އޭނާ އެ މުދާވެރިކަމުގެ މައްޗަށް ބޮޑާވެ، ﷲގެ މަތީން ހަނދުމަނެތިކޮށްލުމުގެ ނަތީޖާއަކަށްވީ، ނިދާފައި އަނެއް ދުވަހަށް ހޭލިއިރު އޭނާގެ މުޅި މުދާވެރިކަން ގެއްލި އިންދިރާސްވެ، ބަދުނަސީބާ ނިކަމެތިކަން އޭނާގެ ލާވަށާލުމެވެ. މިއީ މުދަލުގެ އިމްތިޙާނުން ފާސްނުވުމުން އޭނާއަށް ކުރިމަތިވި ހިތާމައެވެ.

ކަހުފު ސޫރަތުގެ 60 ވަނަ އާޔަތުން 82 ވަނަ އާޔަތަށް އޮތީ މޫސާގެފާނާ ބައްދަލުވި ބޮޑު ޢިލްމުވެރިޔާގެ ވާހަކައެވެ. މި ޢިލްމުވެރިޔާއާ މޫސާގެފާނު ބައްދަލުވާން ޖެހިވަޑައިގަތީ، ދުނިޔޭގައި ހުރި އެންމެ ޢިލްމުވެރި އިންސާނަކީ މޫސާގެފާނުކަމުގައި އެކަލޭގެފާނަށް ހީފުޅުވީ ހިސާބުންނެވެ. ނަމަވެސް މި ބޮޑު ޢިލްމުވެރިޔާ (ޚިޟްރުގެފާނު) ވީ މޫސާގެފާނަށްވުރެ މާ ޢިލްމުވެރި އަދި ﷲގެ ޙަޟްރަތުން މާގިނަ ކަންކަމުގެ ސިއްރުތައް އެނގިހުރި ބޭކަލަކު ކަމުގައެވެ. ޚިޟްރުގެފާނު އެކަލޭގެފާނުގެ ޢިލްމުގެ އަލީގައި ކުރެއްވި ކަންކަންވީ މޫސާގެފާނަށް އޭގެ އެއްވެސް މިންވަރެއް އެނގިވަޑައި ނުގަންނަވާ އަދި ސުވާލު އުފައްދަވަން މަޖުބޫރުކުރުވި ކަންތައްތަކަކަށެވެ.

ކަހުފު ސޫރަތުގެ 83 ވަނަ އާޔަތުން 98 ވަނަ އާޔަތަށް ކިޔައިދެނީ ގަދަފަދަ ރަސްކަލެއް ކަމުގައިވާ ޛުލްޤަރުނައިންގެ ވާހަކައެވެ. ޛުލްޤަރުނައިނި ރަސްގެފާނަށް ﷲ ދެއްވި ބާރު ހެޔޮގޮތުގައި ބޭނުންކުރައްވާ ދުނިޔޭގެ އެތަންމިތާ ﷲގެ މަގަށް ނަޞްރުދެއްވުމަށް ދަތުރުފަތުރު ކުރައްވައި، އެ ރަސްގެފާނު ތަންފީޒުކުރެއްވި ބާރުގަދަ ކަންތައްތަކެވެ. ބާރު ލިބިވަޑައިގަތް ހިނދު އެ އިމްތިޙާނުން އެ ރަސްގެފާނު ކާމިޔާބު ހޯއްދެވި ގޮތެވެ.

އަޅުގަނޑުމެން ކޮންމެ އިންސާނަކާވެސް އެކި ނިސްބަތުން އެކި މިންވަރަށް ދުނިޔެމަތީ މި 4 އިމްތިޙާން ކުރިމަތިވާނެއެވެ. ދީނާ، ފައިސާއާ، ޢިލްމާ، ބާރު އެމީހަކަށް ލިބޭ މިންވަރަކުން އޭގެ ބޭނުން ހިފަނީ ކިހިނެއްތޯ ﷲ ބައްލަވާ ވޮޑިގެންވާނެއެވެ. ދުނިޔެ މަތީގެ މި 4 އިމްތިޙާނުން ފާސްވަން ޖެހޭކަން ކަހުފު ސޫރަތް ކޮންމެ ހަފުތާއަކު އެއްފަހަރު އަޅުގަނޑުމެންނަށް ހަނދާންކޮށްދެއެވެ.