ކީރިތި ޤުރުއާނުގެ ލަފުޒުތަކާ އަކުރުތައް ދިރާސާކުރިކުރިހެން ފުންކޮށް ވިސްނައިލަންޖެހޭ އެތައް ހަޤީޤަތްތަކެއް ދަނީ ހާމަވަމުންނެވެ. ދިރުންހުރި ކޮންމެ މަޚްލޫޤަކީ، މަރުވެދާނޭ އެއްޗެކެވެ. ކީރިތި ޤުރުއާނުގެ ފަތްފުށްތަކަށް ބަލާއިރު الحَيَاة ( ދިރިހުރުން ) އެކި ގޮތްގޮތުން ތަކުރާރުވެފައިވަނީ 145 ފަހަރުއެވެ. ހަމައެފަދައިން، المَوْت ( މަރު ) ގެ ވާހަކަ އެކި ގޮތްގޮތުން ތަކުރާރުވެފައިވަނީވެސް ހަމަ 145 ފަހަރުއެވެ. دُنْيا ( ދުނިޔެ) މިލަފުޒު ޤުރުއާނުގައި ތަކުރާރުވެފައިވާ ޢަދަދަކީ 115 އެވެ. ދުނިޔެއަށް ފަހު އޮތީ އާޚުރަތެވެ. އާޚުރަތުގެ ލަފުޒުވެސް ޤުރުއާނުގައި ވާރިދުވެގެންވަނީ 115 ފަހަރުއެވެ. މީސްތަކުންގެ ގާތަށް ތެދުމަގުދެއްކެވުމަށް ﷲ ފޮނުއްވެވީ ރަސޫލުންނެވެ. النَّاس ( މީސްތަކުން ) މިލަފުޒު އަދި الرُّسُل ( ރަސޫލުން ) ގެ ލަފުޒުވެސް ޤުރުއާނުގައި ވަނީ އެއް ވަރަކަށެވެ. 368 ފަހަރުއެވެ.
މީސްތަކުންނަށް ހެޔޮ ބަސްތައް އިއްވުމަށް ﷲ ދެއްވަވާފައިވަނީ ދުލުގެ ނިޢުމަތެވެ. ދުލުގެ ވާހަކަ ކީރިތި ޤުރުއާނުގައިވަނީ 25 ފަހަރުއެވެ. އަދި ހެޔޮ ނަޞޭޙަތުގެ ވާހަކަ (مَوْعِظَة) ޤުރުއާނުގައި ވަނީވެސް މި ޢަދަދަށެވެ. ޒަކާތުގެ ސަބަބުން މުދަލުގައި ﷲ ބަރަކާތް ލައްވައެވެ. ޒަކާތުގެ ލަފުޒުވެސް އަދި ބަރަކާތުގެ ލަފުޒުވެސް ކީރިތި ޤުރުއާނުގައި ބަޔާންވެގެންވަނީ އެއް ވަރަކަށެވެ. 32 ފަހަރުއެވެ. ގިނަގިނައިން ހޭދަ ކުރުމަކީ ﷲގެ ރުހިވޮޑިގަތުން ލިބޭކަމެކެވެ. ހޭދަކުރުން (اِنْفَاق) އެކި ގޮތްގޮތުން ޤުރުއާނުގައި ތަކުރާރުވެފައިވާ ޢަދަދަކީ 73 އެވެ. އަދި (رِضَا) ރުހުން، އެކި ގޮތްގޮތުން ޤުރުއާނުގައި ތަކުރާރުވެފައިވަނީވެސް 73 ފަހަރުއެވެ.
ދިރިއުޅުމުގައި މުޞީބާތްތައް އިންސާނާއަށް ކުރިމަތިވެއެވެ. މުޞީބާތުން ސަލާމަތްވުމުން އެކަމަށްޓަކައި އިންސާނާ ޝުކުރުކުރެއެވެ. މުޞީބާތުގެ ވާހަކަ ކީރިތި ޤުރުއާނުގައިވަނީ 75 ފަހަރުއެވެ. ޝުކުރުކުރުމުގެ ވާހަކަވެސް ހަމަ އެ ޢަދަދަށް 75 ފަހަރުއެވެ. رَجُل ( ފިރިހެނާ ) ގެ ލަފުޒު އަދި مَرأة ( އަންހެނާ ) ލަފުޒު ޤުރުއާނުގައި ތަކުރާރުވެފައިވަނީ 24 ފަހަރުއެވެ. ފިނީގެ ލަފުޒު 4 ފަހަރު އަދި ހޫނުގެ ލަފުޒު 4 ފަހަރުއެވެ.
އުނދަގޫ ވަގުތުތަކުގެ ވާހަކަ (شِدَّة) 114 ފަހަރު ޤުރުއާނުގައި ވާއިރު، ކެތްތެރިކަމުގެ ވާހަކަވެސް ވަނީ 114 ފަހަރުއެވެ. نَفْع ( މަންފާ ) ގެ ވާހަކަ އެކި ގޮތްގޮތުން 50 ފަހަރު ޤުރުއާނުގައި އަންނައިރު، ފަސާދައިގެ ވާހަކަވެސް އަންނަނީ ހަމަ އެ ޢަދަދަށެވެ.
ކީރިތި ރަސޫލާ އަޅުގަނޑުމެންގެ ގާތަށް ފޮނުއްވުނީ އިސްލާމީ ޝަރީޢަތާއިގެންނެވެ. މުޙައްމަދުގެ ލަފުޒުވެސް އަދި ޝަރީޢަތުގެ ލަފުޒުވެސް ޤުރުއާނުގައި ވަނީ 4 ފަހަރުއެވެ. މަލާއިކަތުންގެ ވާހަކަ ޤުރުއާނުގައި ވަނީ 88 ފަހަރުއެވެ. އެބޭކަލުންނަކީ، ﷲ އެންގެވި ކޮންމެ ކަމަކަށް ކިޔަމަންގަތުމުގައި ދެމިތިބި މަޚްލޫޤުންތަކެކެވެ. ޝައިޠާނުންގެ ވާހަކަ ކީރިތި ޤުރުއާނުގައިވަނީވެސް 88 ފަހަރުއެވެ. މިއީ ﷲ އެންގެވި ކޮންމެ ކަމަކަށް އުރެދުންމަތީ އުޅެމުންދާ މަޚްލޫޤުންތަކެކެވެ. އިބްލީހުގެ ވާހަކަ 11 ފަހަރު ޤުރުއާނުގައި ވާރިދުވެފައިވާއިރު، އިބްލީހުގެ ކިބައިން ރައްކާތެރިވުމަށް އަޢޫޛު ކިޔުމުގެ ވާހަކަވެސް 11 ފަހަރު ޤުރުއާނުގައި ވެއެވެ. ނަރަކައިގެ ނަމެއް ކަމުގައިވާ " ޖަޙީމް " ގެ ލަފުޒު ޤުރުއާނުގައި ވަނީ 26 ފަހަރުއެވެ. ޢަޛާބުގެ މާނަ ދޭހަވާ ލަފުޒެއް ކަމުގައިވާ " ޢިޤާބް " ވެސް ޤުރުއާނުގައި ނަންގަނެވިގެން ވަނީ ހަމަ އެ ޢަދަދަށެވެ.
އާދަމްގެފާނާ، ޢީސާގެފާނާމެދު ޤުރުއާނުގައި ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. (( إِنَّ مَثَلَ عِيسَىٰ عِنْدَ اللَّهِ كَمَثَلِ آدَمَ ۖ خَلَقَهُ مِنْ تُرَابٍ ثُمَّ قَالَ لَهُ كُنْ فَيَكُونُ )) މާނައީ: " ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި ޢީސާގެފާނު ( ހެއްދެވުމުގެ ) މިސާލު އާދަމްގެފާނު ފަދައެވެ. އެ ކަލާނގެ އާދަމްގެފާނު ހެއްދެވީ ވެލީންނެވެ. ދެން އެކަލޭގެފާނަށް ( އިންސާނަކަށް ) ވާށޭ ވަޙީކުރެއްވިއެވެ. ދެން ( ﷲ ވަޙީކުރެއްވި ފަދައިން ) ވެއްޖެއެވެ. " ޢީސާގެފާނުގެ ނަންފުޅާ އާދަމްގެފާނުގެ ނަންފުޅު ޤުރުއާނުގައި ޒިކުރުވެވިގެން ވަނީވެސް އެއްވަރަކަށެވެ. ކޮންމެ ބޭކަލެއްގެ ނަންފުޅު 25 ފަހަރުއެވެ.