ބޭރު ކުޅިވަރު

ޕަޔެޓްގެ ލަނޑުން ފްރާންސަށް އުއްމީދީ ފެށުމެއް

ޑިމިޓްރީ ޕަޔެޓް ޖަހައިދިން ގޯލާއެކު ރޫމޭނިޔާ 2-1އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެށުން ފްރާންސްގެ ރަނގަޅުކޮށްފި އެވެ.

އަމިއްލަ ގައުމުގައި މިރެ ފެށި މުބާރާތުގެ ފުރަތަމަ ލަނޑު ޖެހީ އޮލީވިއާ ޖީރޫޑެވެ. ނަމަވެސް އޭނާގެ މި ލަނޑަށް ފަހު މާގިނަ އިރެއްނުވަނީސް ރޫމޭނިޔާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ޖެހީ ސްޓެންކޫ އެވެ.

ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކި މި މެޗުގައި ފެނިގެންދިޔަ ތިން ގޯލު ވެސް ޖެހީ ފަހު ހާފުގަ އެވެ. ފްރާންސަށް ރަނގަޅަށް ނުކުޅެވުމުން މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި އެންޓޯނިއޯ ގްރިއެޒްމަން ވެސް ބަދަލުކުރި މެޗުން މޮޅުވި ލަނޑު ޕަޔެޓް ޖެހީ އެ ދެކުޅުންތެރިން ބޭލިފަހުންނެވެ.

ފްރާންސްގެ ކުރީގެ ތަރި ތިއޭރީ އޮންރީ ވަނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕަޔެޓަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

"އަހަރެން ބުނާނެ އެއްވެސް އެއްޗެއް ނެތް އެ ގޯލާމެދު. އޭނާ ޖަހާފައިވަނީ ވަރަށް މޮޅަށް. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ހައްގު،" އޮންރީ ބުންޏެވެ.

މުބާރާތުގައި މި ދެ ޓީމު ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ ސްވިޒަލޭންޑާއި އަލްބޭނިއާ އެވެ. އެ މެޗު ފަށާނީ މާދަމާ ހަވީރު ހަޔެއް ޖަހާއިރު އެވެ.