ފިނިޕޭޖް

އައްޔަ: ފިލްމީ ދާއިރާއިން ދެން ނުފެންނާނެ!

ކުރީގެ ޑްރާމަތަކުގައި އަލީ ވަހީދު (އައްޔަ) ނުބައި ބައި ރޯލު ކުޅެމުން އައި މީހެއް ނޫނެވެ. ނަމަވެސް ފަހުގެ ޑްރާމާތަކާއި ބައެއް ފިލްމްތަކުގައި އަލީ ވަހީދަކީ ވިލަން އެކެވެ. ހަގީގަތުގައި އަލީ ވަހީދަކީ ފިލްމާއި ޑްރާމާތަކުގައި ފެންނަ ފަދަ "ނުބައި" މީހެއް ވެސް ނޫނެވެ.

ވަރަށް ހިމޭން ރޯލްތައް ކުޅެމުން އައި މީހަކު ނުބައި ބައި ރޯލްތަކުން ފެންނަން ފެށި ސަބަބު ހޯދަންވާނެ އެވެ.

"އަނިޔާވެރި ރޯލެއް އަސްލު ކުޅެފައި އިންނާނީ ދެ އެއްޗެއް ވަރުގައި. އެއީ ލޫދިފާ އަދި ލޯބި ވާނަމަ ކިޔާ ޑްރާމާއެއްގައި، އާންމު ގޮތެއްގައި ކުޅެމުން މިއައީ ވަރަށް އިނޮސެންޓް މީހެއްގެ ރޯލު، ނުބައި މީހެއްގެ ރޯލު ކުޅެވިފައި އިނީމަ އަބަދުވެސް ޕަބްލިކް ދެކެނީ ވަރަށް ނުލަފާ މީހެއްގެ ގޮތަށް. ކުރިން ބަލި މީހެއްގެ ރޯލު ކުޅެލީމަ ގިނަ މީހުންނަށް ހީވީ ހަގީގަތުގައިވެސް ބަލި މީހެކޭ، މީހުން ބުނަންވެސް ބުނެފައި އެބަހުރި އަސްލަށްވެސް ބަލި މީހެއް ހެންނޭ ހީވަނީ،" އަލީ ވަހީދު ބުންޏެވެ. "މިސާލަކަށް ލޯބި ވާނަމަ އޭގައި އިންނާނެ ތިން ކެރެކްޓާއެއް ކުޅެފައި، ނުބައި މީހަކާއި، ވަރަށް ބަލި މީހަކާއި، ވަރަށް ރަނގަޅު މީހަކާއި. ތިން ކެރެކްޓާއެއް. އެކަމަކު އޭގައިވެސް މީހުންނަށް ފެނުނީ އޭގައި ޝީލާއަށް އަނިޔާ ކުރާތަންކޮޅު، މީހުންނަށް ކަންތައްތައް ކޮށްދޭއިރުވެސް ފާހަގަމިވަނީ ގޯސްކޮށް ކޮށްދޭ ކަންތަކެއް ނުން ރަނގަޅަށް ކޮށްދޭ ކަންތައްތަކަށްވުރެ، އެއީ ވާގޮތަކީ"

އޮފީސްތަކުގެ ޑްރާމާ މުބާރާތުން 2008 ވަނަ އަހަރު ހިސާބުގައި ފިލްމީ ދާއިރާއަށް ނުކުމެ އޭނާ ފަސް އަހަރު އޮފީސް ޑްރާމާ ކުޅުނެވެ. އޭގެ ފަހުން ވެސް އެތައް ޑްރާމާއެއްގައި ބައިވެރިވި އެވެ. އާންމުންގެ ތެރެއަށް އޭނާ ބޮޑަށް މަޝްހޫރުވީ "ފަންގި" ޑްރާމާއިން ނެވެ.

ފިލްމާއި ޑްރާމާ ކުޅުމުގައި އަލީ ވަހީދު ފެނިގެން ދިޔައަސް މިއީ އެއްވެސް އިރެއްގައި އޭނާގެ އާއިލާއިން އޭނާއަށް އެއްބާރުލުން ދޭ ކަމެއް ނޫނެވެ. އާއިލާގެ މެންބަރުން އެއްގޮތަކަށްވެސް ގަބޫލު ކަމެއް ވެސް ނޫނެވެ. ނަމަވެސް އޭނާގެ ފުރަތަމަ ވަޒީއަށް އެޓޯލް މިނިސްޓްރީއަށް ވަން ދުވަސްވަރު މަހުދީ އަހްމަދު ހިޔާލަށް މި ދާއިރާއަށް ވެސް ނުކުމެވުނީ އެވެ. އޭގެ ފަހުން ޑްރާމާ މުބާރާތުގައި ބައިވެރިވެ އެންމެ މޮޅު އެކްޓަރުގެ މަގާމުވެސް އައްޔަ ހޯދި އެވެ. އަދި އެހެން އެވޯޑްތައް ވެސް ފަހުން ހޯދާފައި ވެއެވެ.

އަލީ ވަހީދު ކުޅުނު ބައެއް އޮފީސް ޑްރާމާތަކުގެ ތެރޭގައި "އަބަދަށް" އާއި "ތައުބާ" އަދި "ފަންގި" ފާހަގަކޮށްލެވެ އެވެ. އަދި "ހިނިތުން ވެލާށޭ ކަލާ" އާއި "ލޯބިވާނަމަ" މިއީ ފާހަގަކޮށްލެވޭ ޑްރާމާ ތަކެވެ. އަދި ފިލްމު "ލޫދިފާ" ގައި އައްޔަ ކުޅެފައިވާ ރޯލަކީ ވެސް މުހިންމު ރޯލެކެވެ.

އިކްނޮމިކް މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ އައްޔަ ފިލްމް ކުޅުމުގެ އިތުރުން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައިވެސް ފެނުނެވެ. އައްޔަ ބުނި ގޮތުގައި މަތީ ތައުލީމް ހާސިލް ކުރާތީ ޓީވީ ޕްރެޒެންޓް ކުރުން މިހާރު އޭނާ ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. މިހާރު މެދު ކަނޑާލައިގެން ހުއްޓަސް ކުރިއަށް އޮތްތަނުގައި ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި އަލީ ވަހީދު ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ދެރަ ހަބަރެއް އެބައޮތެވެ. ފިލްމީ ދާއިރާއިން އަލީ ވަހީދެއް ދެން ނުފެންނާނެ އެވެ. އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދުމަށްފަހު އެ ކީއްވެ ހެއްޔެވެ؟

"ފިލްމީ ދާއިރާ އާ ދުރުވީ ދަތިތަކެއް ހުރީމަ އަނެއް ކަމަކީ ފެމެލީ ވެސް ބޭނުމެއް ނުވޭ މި ދާއިރާގައި އުޅޭކަށް ކުރިންވެސް،" އޭނާ ބުންޏެވެ.