ރޯދަ މަހާ ރޯއްޖާ

ކުރު ވާހަކަ: ދެ ހިތް، ދެ ގޮތަށް

ލޯބިވެވޭނީ އެކަމަށް ތައްޔާރުވީމަ އެވެ. އެކަނިވެރިއަކަށް ވީތީއެއް ނޫނެވެ. ނުވަތަ އެކަނިވެރިކަމެއް ވަށާލައިގެން އޮތީމަކާއެއް ވެސް ނޫނެވެ. ދެ ހިތް، އޭގެ އެކަތި އަނެކައްޗަށް، ފުރިހަމަ އަށް ތައްޔާރުވީމަ އެވެ. މިއަށް ވުރެ ޝާޢިރީ ގޮތަކަށް ވެސް މި ވާހަކައެއް ކިޔައިދެވިދާނެ އެވެ. އެކަމަކު އޭނާ، އަޑެއް ނޭހި އެވެ. ނުވަތަ، އެ ސިކުނޑިއަކަށް ނުވިސްނުނީ އެވެ.

ލޯބީގެ ވިލާގަނޑެއްގެ ތެރެއަށް ވަދެ، އޭނާ ގެއްލުނު ސަބަބަކީ އެއީ އެވެ. އަހަރެންގެ ހިތާމައެއް އެކަމުގައި ނެތެވެ. ދެރަވީ، އެ ވިލާގަނޑެއްގެ ތެރެއަށް އަހަރެން ވެސް ދަމައިގެން ދިޔައީތީ އެވެ. ފަހަރެއްގައި، ފުރާނައެއްގެ އަގު މި ހިތަށް ވަޒަންކުރެވުނު ގޮތަކުން، އެ އަތް ދޫކޮށްލަން ބޭނުންނުވީމަ ކަމަށް ވެސް ވެދާނެ އެވެ.

އަހަރެމެން ދެ މީހުން ބައްދަލުވީ، ދެ މީހަކު ބައްދަލުވާން އެންމެ ހިތް އެދޭނެ ނުވަތަ ބޭނުންވާނޭ ތަނަކުންނެއް ނޫނެވެ. އަދި އެފަދަ މާހައުލަކުން ދެ ހިތެއް ގުޅި، ގެތި، އޭގައި ލޯބީގެ އެއްވެސް ކަހަލަ މިންވަރެއް ނުވަތަ ވައްތަރެއް އުފެދިދާނެ ކަމަކަށް އަހަރެން އޭރަކު ގަބޫލެއް ވެސް ނުކުރަމެވެ.

ސަބަބަކީ އެތަނުގައި އެ ދުވަހު އެއްވެސް ކަހަލަ ދިރުމެއް ނެތީމަ އެވެ.

*** ** ***

އިސްދަށަށް ޖަހައިގެން ހުރިއިރު އޭނާގެ މޫނު އެންމެ ރަނގަޅަކަށް ނުފެނެ އެވެ. ދެ އަރިމަތިން ވެއްޓިފައި އޮތް ފަން އިސްތަށިގަނޑުގެ އަނދިރިކަމުގެ ތެރެއަށް އެ މޫނު ގެނބި، މި ދުނިޔެއާ ގުޅުން ކެނޑިފައިވާ ކަހަލަ އެވެ. އެ މޫނަކު ދިރުމެއް ނެތެވެ. ވައިގައި ފިނިކަމެއް ނެތެވެ. ރަތްދަކަ އަވީގައި އަނދަނީ އެވެ.

މުޅި ތަނަށް ފެތުރިގެން އޮތް ޗަމްޕާޕޫލް ގަހުގެ ހިޔާ ލިބޭ ވަރަކަށް އެގަހުގައި ފަތެއް ނެތެވެ. ހުދުކުލައިގެ ސާފު ހައެއްކަ މާ އެ ގަހުގައި ފޮޅިފައިވިޔަސް އެ މަންޒަރަކު އެ ސާފުކަމެއް ނުވަތަ މީރުވަހެއް ވެސް ނެތެވެ.

އަހަރެން މަޑުކޮށްލައިގެން ހުރީ ފުދޭވަރަކަށް ދުރުގަ އެވެ. ނުދަންނަ މީހަކަށްވީމަ އަދި އެތަނުގައި ތިބި މީހުންނަކީ ނުދަންނަ ބަޔަކަށްވީމަ އެ ދުރުމިން ދަނެގެން ބީރައްޓެއްސެގެ ގޮތުގަ އެވެ. އޭރު ވެސް ދެ ޖިންސުގެ އެކި އުމުރު ފުރައިގެ މީހުން އެތަނަށް އައިސް ވަދެ ނުކުމެ ހަދަ އެވެ.

އަހަރެން ހުރީ އެކުވެރިއެއްގެ އިންތިޒާރުގަ އެވެ. އެކަމަކު ސަމާލުކަން ދެވިފައި ހުރީ ދުރުގައި ހުއްޓިލައިގެން އެހެރަ އަންހެން މީހާ އަށެވެ. އޭނާ އަށް ޖެހިފައިވާ ހާލު ހިތަށް އަރައި އަހަރެންގެ ހަމްދަރުދީ އެ ދެމެދަށް ވެރިވީ ކަމަށް ވެސް ވެދާނެ އެވެ.

އޭރު ވެސް މި އަންހެން މީހާ ހުރީ އިސް ދަށަށް ޖަހައިގެންނެވެ. އޭނާއާ ގާތުގައި ތިބި މީހުންގެ ވެސް މާ ގިނަ ހަރަކާތްތަކެއް ނެތެވެ. ފެންނަމުން ދިޔަ ހަމައެކަނި ހަރަކާތަކީ އެތަނަށް ވަދެ ނުކުމެ ހަދާ މީހުން އެ އަންހެން މީހާ ކައިރިއަށް މަޑުކޮށްލާ މަޑުކޮށްލުމާއި ސަލާންކޮށް ކޮނޑުގައި ފިރުމާލާ ފިރުމާލުމެވެ. ނުވަތަ އަސަރުންފުރިފައިވާ ބައްދާލުމެކެވެ. ވާހަކައެއް އަމުދަކުން ނުވެސް ދެކެވެ އެވެ.

ގުރުއާނުގެ އާޔަތްތަކެއްގެ އަޑު މާ ދުރުނޫން ހިސާބަކުން އިވެމުންދެ އެވެ. އެ ކުޑަކޮޓަރި ތެރޭގައި އޮތީ ބޭރުގައި ހުއްޓިލައިގެން އެހެރަ އަންހެން މީހާގެ ފިރިމީހާ އެވެ. އޭނާގެ މޫނު ދެއްކުން ކުރިއަށް ދަނީ އެވެ.

އަހަރެމެން ދެ މީހުން ފުރަތަމަ ފަހަރަށް އެއްތަންވި ގޮތަކީ އެއީ އެވެ. އެކަމަކު އޭގެ މާ ކުރިން ވެސް އަހަރެން އޭނާ ދަންނަމެވެ. ވަރަށް ގިނަ އެހެން މީހުން ވެސް އޭނާ ދަންނަ ގޮތަށެވެ. މަޝްހޫރު ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގަ އެވެ.

ދެން މި ވާހަކަ އަށް މުހިންމު ވަނީ ގާތްގަނޑަކަށް އޭގެ އަހަރެއްހާ ދުވަސް ފަހުން ހިނގި ކަމެއްގެ ވާހަކަ އެވެ. އޭރު އަހަރެން އުޅެނީ އަހަރެންގެ ފުރަތަމަ ފޮތް ނެރެންވެގެން އޭގެ ޕްރޮމޯޝަނުގަ އެވެ. އެއް ރޭޑިއޯ ޕްރޮގްރާމް އިން އަނެއް ރޭޑިއޯ ޕްރޮގްރާމެއްގަ އެވެ. އެއް ޓީވީ ޝޯ އިން އަނެއް ޓީވީ ޝޯއެއްގަ އެވެ.

އަހަރެމެން ދެ މީހުން އަލުން އެއްތަންކުރި މެދުވެރިޔަކަށްވީ އަހަރެން ލިޔުނު ފޮތެވެ. އެއީ "ދެ ހިތް، ދެ ގޮތަށް" އެވެ.

"ކޮބައިތަ އޭގެ މާނައަކީ؟،" އޭނާގެ މި ސުވާލުގެ އަޑު އެންމެ ފުރަތަމަ އަހަންނަކަށް ނީވުނެވެ. އެ އަޑާއި ކަޅިރަވައިގެ ތޫނުކަމުން އަހަރެން ކަތިލެވިގެން ކަމަށް ވެސް ވެދާނެ އެވެ.

ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ލިޔުނު ވާހަކައާ ބެހޭ ގޮތުން ދައްކާނެ މޮޅު ވާހަކައެއް އަހަރެންގެ ސިކުނޑިއަކަށް ނައެވެ. އަހަރެން ބޭނުންވީ އެ ވާހަކަ އަލުން ލިޔާށެވެ. އެ ދެ ހިތަކަށް އޭނާގެ ހިތާއި އަހަރެންގެ ހިތް ހަދައި އެއްގޮތް ކޮށް އެއްދާންކުރާށެވެ.

ކޮންމެއަކަސް ބްރޭކަކަށް ފަހު ބްރޭކެއް ނަގަމުން ރިކޯޑްކުރި އެ ޝޯގެ "ފެގް ބްރޭކުތަކުގައި" އަހަރެމެން ދެ މީހުންގެ ދެމެދުގައި ކޮންމެވެސް ކަހަލަ ރައްޓެހިކަމެއް ބަދަހިވެ ވާހަކަ ދައްކައި މަޖާކޮށް ހޭން ފަސޭހަވެއްޖެ އެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ބޭއްވި ޖަނާޒާއެއްގެ ހަވާސާގައި އަހަރެމެން ދެ މީހުން ބައްދަލުވިކަމުގެ ހަނދާނެއް އޭނާގެ ނުވެސް ނެތެވެ. ހުވަފަތްވި ކަމުގެ އަސަރެއް ވެސް ނެތެވެ. އަދި އެ ހަނދާންތަކެއް އާކޮށްދިނުމަކަށް ވަކި އަހަރެން މަސައްކަތެއް ވެސް ނުކުރަމެވެ.

އިންޓަވިއު އަށް ފަހު، ފޮތެއްގައި ސޮއިކޮށް އެ ފޮތް އޭނާ އަށް ހަދިޔާކޮށްފައި އަހަރެމެން ދެ މީހުން އެ ރޭ ވަކިވީ އެވެ.

"ވާހަކަ ވަރަށް ރީއްޗޭ. އެއްކޮށް ކިޔައި މި ނިމުނީ،" މިއީ އެ ރެއަށް ދެ ތިން މަސް ފަހުން އަހަރެންގެ ފޯނަށް އޭނާ ކުރި މެސެޖެކެވެ. އެ މެސެޖު ނިންމާލާފައި އޮތީ ހިތަކުންނެވެ.

"އުފާވެއްޖެ. ވާހަކަ ކަމުދިޔައީމަ. ވަރަށް ބޮޑަށް ޝުކުރިއްޔާ،" މިހެން ބުނެފައި އަހަރެން އޭނާ އަށް ރިޕްލައިކުރީ އެ ވާހަކައެއް އެ ރެއަށް ނިންމާލުމަށެވެ. ހިތެއް ވެސް މަށެއް ނުޖަހަމެވެ. ވަރަށް ބޭނުންވި އެވެ. ގުޅައިގެން ވާހަކަ ދައްކާހިތް ވެސްވި އެވެ. އެކަމަކު އެ ހުރިހާ އެދުމަކާއި ޖަޒުބާތެއް ހިފަހައްޓާލައިގެން ހުރީ އެވެ.

ދެ ވަނަ މެސެޖެއް އޭނާގެ ފޯނުން ލިބުނުއިރު އަހަރެން އޮތީ ނިދަން އަރަ އެވެ. އެކަމަކު އެ މެސެޖު ހުޅުވާލުމާ އެކު، ވެރިވެފައި އޮތް ނިދީގެ އަސަރު ވެސް އަރައިގެން ދިޔައީ އެވެ.

"އާ ވާހަކައެއް ލިޔަން ބޭނުންތަ؟"

ދެން ފެށުނީ އަހަރެމެން ދެ މީހުންގެ ވާހަކަ އެވެ.

*** ** *** **

އެކަނި އުޅުމަކީ އެކަނިވެރިވުމެއް ނޫނެވެ. އަދި އެކަނިވެރިކަން އިހްސާސްކުރަން ޖެހިފައިވުމަކީ ލޯބިވެރިޔަކު ހޯދަން ޖެހޭ ސަބަބެއް ވެސް ނޫނެވެ. މިއީ އަހަރެން ގަބޫލުކުރި ގޮތެވެ. އަދި އަހަރެންގެ ހަޔާތަށް އައި ކޮންމެ އަންހެން ކުއްޖަކަށް ވެސް ކިޔައިދިން ވާހަކަ އެވެ.

އެކުގައި ބޭރަށް ދާން ފެށިތާ ގާތްގަނޑަކަށް ހައެއްކަ މަސް ފަހުން އަހަރެމެން ދެ މީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ ނިކަން ވަރުގަދަވެއްޖެ އެވެ.

"އަހަރެމެން ދެ މީހުން މި ވަނީ ކޯއްޗަކަށް؟،"

އޭނާ އޮތީ އަހަރެންގެ މޭގައި ބޯއަޅާލައިގެންނެވެ. އިނގިލިތަކުން މަގޭ މެއާއި ހިތާއި އިހްސާސްތަކާ ކުޅެމުން ގެންދިޔަ އެވެ.

"އަހަރެމެން ދެ މީހުން ދޯ...،"

އެ ވާހަކައަށް އިތުރުކުރާނެ އެއްޗެއް ބޮލަށް ނާންނަނީސް އޭނާ ނަގައި އެއްފަރާތްކޮށްލުމަށް ފަހު އަހަރެން އެނދުން ތެދުވިއްޖައީމެވެ. މިނީބާއިން ނެގި ދަޅު ކަނޑާލައިގެން ފިނި ކޯވަރެއް ބޯލުމަށް ފަހު ދަޅު އޭނާ އަށް ދިއްކޮށްލީމެވެ. ބެޑްޝީޓް ތެރެއިން ދެމިގެން އައިސް ދަޅު އަތުލައިގެން އޭނާ އެނދުމަތީގައި އިށީނދެ އިންއިރު އެ ފަތިހަށި ހިތްގައިމުކަމުގައި ނިވަލެއް ނެތެވެ.

އޭނާ ވެސް ދަޅުން ކޯވަރެއް ބޯލި އެވެ. އެވަގުތު ދަޅުގެ ފިނިކަމުން ދެމިގެން އޭނާގެ މެއަށް ފޭބި ފެންތިއްކެއް އެ އޮމާން ހަންގަނޑުގެ އޮމާންކަމުގައި ދެމެމުން ގޮސް ފޫޅާ ދިމާލަށް ވަދެ ގެއްލުނު މަންޒަރު ފެނުނެވެ.

އަހަރެންގެ އެ ސަމާލުކަން ހަރާބުކޮށްލީ އެއަށް ފަހު އޭނާ ތަކުރާރުކޮށްލި ސުވާލުންނެވެ. އޭގެ މައްޗަށް އަހަރެން ވެސް އިތުރުކޮށްލީ ސުވާލެކެވެ.

"އަހަރެން ދެކެ ލޯބިވަނީތަ މިހާރު؟"

އެހެން ބުނެފައި އަހަރެން ނުކުމެލީ ބެލްކަންޏަށެވެ. ސިނގިރޭޓެއް ރޯކޮށް ދަމާލިއިރު ވެސް އެނދުމަތީގައި ހުއްޓިލައިގެން އިން ގޮތަށް އޭނާ އިނެވެ. އާދައިގެ ދުވަހެއްގައި ނަމަ އޭނާ ވެސް އަހަންނާ އެކު ބެލްކަންޏަށް ނުކުމެ ސިނގިރޭޓް ބޯނެ އެވެ. ދެ މީހުން ބޯނީ ވެސް އެކައްޗެވެ.

*** ** *** ***

ދެން އައީ ހަ މަސް ދުވަހުގެ ބްރޭކެކެވެ. ހަފުތާއަކު އެއް ފަހަރު ނުވަތަ މަހަކު އެއްފަހަރު ދެ މީހުން ދިމާވެދާނެ އެވެ. މަގުމަތިން ފެނިގެން ހީލަފާނެ އެވެ. ކޮފީއެއް ބޯލަން ސީ ހައުސް އަށް ވަދެލާ ފަހަރެއްގައި ދެ މީހުން ދިމާވެދާނެ އެވެ. ސައިކަލްގައި ގޮސް ޓްރެފިކް ލައިޓްގައި ޖެހިފައި ހުއްޓައި އޭނާ ކުރިމަތިން ހުރަސްކޮށްލަފާނެ އެވެ.

އެކަހަލަ މިކަހަލަ ދުވަސްތަކަކާއި ފެނިލުންތަކެކެވެ. ހަ މަސްވީއިރު އަހަރެންގެ ހަޔާތުގައި އަނެއްކާވެސް ގިނަވެފައި އޮތީ އެކަނި ނުވަތަ ކޮންމެވެސް އެއްޗެއް ލިޔުމުގައި ހޭދަކުރެވުނު ވަގުތެވެ. އާ ފޮތެއްގެ މަސައްކަތް ވެސް އޮތީ ފެށިފަ އެވެ. އާ ބިޓެއްގެ ކަންތައް ވެސް އޮތީ ކޮންމެވެސް ވަރަކަށް ފެށިފަ އެވެ. އޭނާ ވެސް އެހެން ފިރިހެނަކާ އެކު އުޅޭ މަންޒަރު ފެނެ އެވެ.

އެކަމަކު ކުރިން ވެސް ބުނި ގޮތަށް، އެއީ ހަ މަސް ދުވަހުގެ ބްރޭކެކެވެ. އިރުއެރިއިރު އޭނާ މެސެޖެއްކޮށްފައިއޮތެވެ.

"އައި މިސް ޔޫ"
"މިސް ޔޫ އަ ލޮޓް"
"ލެޓްސް މީޓް ޓްޑޭއި."
"ޕްލީޒް."

އެ އަސަރު އަހަންނަށް އެނގެ އެވެ. އެކަމަކު އަހަރެން ޖަވާބެއް ނުދެމެވެ. އަހަރެމެންގެ ހިތް އެކަތި އަނެކައްޗަށް ތައްޔާރުވެފައި ނެތީމަ އެވެ. ލޯބިވެވޭނީ އެކަމަށް ތައްޔާރުވީމަ އެވެ. އެކަނިވެރިއަކަށް ވީތީއެއް ނޫނެވެ. ނުވަތަ އެކަނިވެރިކަމެއް ވަށާލައިގެން އޮތީމަކާއެއް ވެސް ނޫނެވެ. މިއަށް ވުރެ ޝާޢިރީ ގޮތަކަށް ވެސް މި ވާހަކައެއް ކިޔައިދެވިދާނެ އެވެ. އެކަމަކު އޭނާ، އަޑެއް ނޭހި އެވެ.

ފޯނަށް މެސެޖުކޮށް ގުޅަން ފެށީ އެވެ. އަހަރެންވީ ތަނެއް ހޯދަން އަހަރެންގެ އެކުވެރިން ނުވަތަ އާއިލާގެ މީހުންނަށް ވެސް ގުޅަން ފެށީ އެވެ. ހުރިހާ ކަމެއް ހަމައިން ނެއްޓުނީ އެވެ.

އެންމެފަހުން އަހަރެން އޭނާއާ ބައްދަލުކުރަން ދިޔައީމެވެ. އަހަރެމެން ވާހަކައެއް ނުދައްކަމެވެ. އެއީ އަހަރެމެން ދެ މީހުން އަލަށް ދިމާވި ދުވަސް ކަހަލަ ދުވަހެކެވެ. ހުދުފޮތިން ކަފުންކޮށްފައި އޮތީ އޭނާ އެވެ. (ނިމުނީ)