ވާހަކަ

ކުރު ވާހަކަ: ފުރޭތަ

ފުރޭތައެއް ތަންދޮށަކު ނެތެވެ. އަލަމާރީ ތެރެއަކު ފިލައެއް ވެސް ނެތެވެ. މަންމަމެން ބުނީ އެހެންނެވެ. އެކަމަކު ދުވަހަކު ވެސް ނުދިން އިންޒާރެއް އެބައޮތެވެ. އިންސާނެއްގެ ސިފައިގައި ފުރޭތަ ބައްދަލުކޮށްފާނެ ވާހަކަ އެވެ. އިންސާނެއްގެ ސިފައިގައި ފުރޭތަ އަރައިފާނެ ވާހަކަ އެވެ.

އަހަރެންގެ ހަޔާތަށް ފުރޭތަ އެރީ އެހެންނެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އަހަރެން މި ދައްކަނީ ހަމައެކަނި ހިތްހަލާކުކޮށް ކުދިކުދިކުރާ ލޯބީގެ ފުރޭތައެއްގެ ވާހަކައެއް ނޫނެވެ. – ބަލިކަށި ނަފުސާއި ސިކުނޑިތަކާއި ހިތަށް ހަމަލާ ދޭ މީހުންގެ ވާހަކަ އެވެ.

ކެއްސާއި ލެއިން ފެންވަރުވައި، އެއިން ކާންދީ، ބަނޑުފުރައިދޭ ފުރޭތައިންގެ ވާހަކަ އެވެ. އެ އަތަކު ރަހުމެތް ނުވެ އެވެ. އެ އަތުން ކަތިލަނީ އެވެ. ހަޔާތް ޖަހައިގެންދަނީ އެވެ. އެއަށް ފަހު ފުރާނަ އެވެ.

މަންމަމެން ދުވަހަކު ވެސް ނުދިން އިންޒާރަކީ މިއީ އެވެ. އެހެންކަމުން ފުރޭތައެއްގެ އުނގަށް މަގޭ ނަފުސު ވެއްޓުނުއިރު ވެސް އެކަމުގެ އިހްސާސެއް ނުކުރެވުނެވެ. އެ އަނދިރިކަން ވަކިކުރަން ނޭނގި، އަރާމަކަށް ވެސް ބަދަލުވީ އެވެ.

** ** ** **

ކޮޓަރި ތެރެއަށް ވެރިވެފައި އޮތް ފަނޑު އަނދިރިކަމަށް ކުލައަރުވަމުން ދިޔައީ އަޅާފައި އޮތް ރަގު މައްޗަށް ވެއްޓިފައި އޮތް ޖޭބީއެލް ޕަލްސްގެ ހިތްގައިމުކަމުންނެވެ. ކުޑަދޮރުގައި ލޯޖަހައި، އެ މަންޒަރު ބޭރުން ބަލާ މީހަކަށް އަހަރެމެން ދެ މީހުން އޭރު ފެންނާނީ އެނދުމަތީގައި އެކަތި އަނެކައްޗާ މައްލަވަކޮށް ގެތެމުންދިޔަ ދެ ހިޔަނި ފަދައިންނެވެ. އެއް ނަފުސެއްގެ ގޮތުގަ އެވެ.
އަހަރެންގެ ކަރުވަޅު ތެންމާލުމަށް ފަހު ދެމިގެން ގޮސް ފޫޅާ ދިމާލުން ތިރިއަށް އޭނާ ގެއްލުނީ އެވެ.

އެވަގުތު ހީވީ ގަޔަށް ވަރުގަނޑެއް އަރައި ފުރޭތައެއް އައިސް އަވަލިހެންނެވެ. ފޯނުން ޕްލޭކޮށްލާފައިވީ މެސިވް އެޓޭކްގެ މެޒެއިން ލަވަތަކުގެ އަޑު ކުއްލިއަކަށް ބޮލު ތެރޭގައި ގަދަވެގަތެވެ. ދެން ހީވީ އަރާމުކަމެއްގެ ތެރެއަށް ޣަރަގުވެގެންދިޔަހެންނެވެ. ނުވަތަ ގަންބާލީ އެވެ. މަޑުމަޑުން ލަސްލަހުންނެވެ. ކަތިލެވެމުން، ވަރުދެރަވަމުން، ވަރުބަލިވަމުންނެވެ.

މަސްހުނިވެގެން އައި އެ ޖަޒުބާތުތަކާއި ދުނިޔަވީ އަރާމުގަނޑެއްގެ ތެރޭގައި ތާށިވެފައި އޮވެވުނު އިރެއް އަހަންނަކަށް ނޭނގެ އެވެ. އަހަންނަށް ޔަގީނަށް އެނގެން އޮތް ހަގީގަތަކީ އެ ދުނިޔެއިން ނުކުތުމަކަށް އަހަރެންގެ ހިތެއް ނޭދޭ ކަމެވެ.

އޭނާ ގޮސް ވަނީ ފާހާނައަށެވެ. އަނބުރާފައި އޮތް ފަތްބިޑިއެއް ނަގައިގެން ގޮސް އަހަރެން ނުކުތީ ބެލްކަންޏަށެވެ. އެކާވީސް ވަނަ ބުރީގައި، އަވިދޭ ކުޑަގޮޅިއަކަށް ނުކުމެ ހުރެ ރޯކޮށްލި ފަތްބިޑިއާ އެކު ހީވީ ސުވަރުގެއަކަށް ވެއްޓުނުހެންނެވެ. އެކަމަކު ކުރެވުނީ ދިލަހޫނުގެ އިހްސާސެކެވެ. އޭނާ އައިސް އަހަރެންގެ އަތުގައި ހިފީ އެވެ.

އެވަގުތު އަހަރެންގެ އަތުގައި އޮތް ބިޑި ވެއްޓިގެން ގޮސް ވައި ރޯޅިއަކާ އެކު ގެއްލިއްޖެ އެވެ. އަހަންނަށް ރޮވިއްޖެ އެވެ.

އަހަރެން އެހެން ފިރިހެނަކާ އެކު ނިދައި އުފާކުރާތާ ހަ މަސްވީ އެވެ. އެ ވާހަކަ އޭނާ ގާތު ބުނާނެ ގޮތް އަހަންނަށް ނޭނގުނީމަ އެވެ. އަހަންނަށް ރޮވުނީ އެވެ.

ހަގީގަތަކީ މިއީކަން އެނގިއްޖެ ނަމަ އިމާރާތުގެ އެންމެ މަތިން އޭނާ ފުންމާލަފާނެކަން އަހަންނަށް އެނގެ އެވެ. އެކަމަކު އެ ހަގީގަތް ފޮރުވާ މީހަކަށްވާން ވަކި އަހަރެން ވެސް ބޭނުމެއް ނުވި އެވެ. އެއްގޮތަކީ މިއީ އެވެ. އަހަރެން އެހެން މީހަކާ އެކު އުޅެގެން އޭނާ އަށް ކެއްސެއް ދެވުނުކަމުގެ އިހްސާސް ނުކުރެވުމެވެ. އަނެއް ހަގީގަތަކީ، އަހަރެންގެ ދިރިއުޅުމުގައި އޭނާ ބަހައްޓަން އަހަރެން މިހާރު ބޭނުން ނުވުމެވެ.

ހިތަށް އަރައިފާނެ އެވެ. މިއީ ކޮން ކަހަލަ ލޯބީގެ ވާހަކައެއް ހެއްޔެވެ؟ އަހަންނަކަށް ވެސް ނޭނގެ އެވެ. ލޯބީގައި ވަނީ ކިތައް ކުލަ ކަމެއް، ލޯބީގައި ދެނީ ކިތައް ރަހަ ކަމެއް ބުނެދެވޭ ވަރަށްވުރެ އަހަރެންގެ ހަޔާތުގެ ވާހަކަ އޮތީ އަނދިރިވެފަ އެވެ.

އެހެންވީމަ އަހަންނަށް ފެނުނީ އެންމެ ކުލައެކެވެ. އަނދިރިގަނޑުގައިވި ކަޅު ކުލަ އެވެ. ލޯތްބަކީ ވެސް، އަޅާލުމަކީ އަހަންނަށް އެއީ އެވެ.

އެހެން މީހަކާ އެކުގައި އުޅޭ ވާހަކަ އަހަރެން ބުނީ ބުނެވުނު އެންމެ ކުރުކޮށް، އެންމެ އަވަހަށެވެ. އަނދިރިގަނޑުގައި ބަންދުވެފައި އޮތްއޮތުން އަހަރެން ބޭނުންވީ އިތުރަށް ދިގުނުދަންމައި ވީހާ ވެސް ކުރުކޮށްލާށެވެ.

އެކަމަކު އެނގެއެއް ނޫން ހެއްޔެވެ؟ ހަޔާތަކީ އަބަދުވެސް ކެއްސެކެވެ. --- ދެން ވެސް ވަދެވުނީ އަނދިރިގަނޑަކަށެވެ.

** ** ** **

މެސިވް އެޓޭކްގެ ލަވައާ އެކު އަހަރެން އުފާކޮށް، އުފާ ހޯދި ފިރިހެން ކުއްޖާ އަކީ މަގޭ ފުރަތަމަ ބިޓެވެ. އަހަރެމެން ދެ މީހުން ހިތާވެގެން އުޅުނީ އެންމެނަށް ވަގަށެވެ. ވަގަށް ނުވަތަ ސިއްރުން ކުރާ ކަންކަން ހާއްސަވާ ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އޭގައި ނުވަތަ އެކަމަކަށް ލެވޭ އިތުރު ހިތްވަރެވެ. ނުވަތަ ދެވޭ އިތުރު ސަމާލުކަމެވެ.

އަހަރެމެން ދެ މީހުންގެ ލޯބީގައި ޖެހުނު ހާއްސަ ކުލައަކީ އެއީއެވެ. ލޯބީގެ އެހެން ކުލައެއް އޭރަކު އަހަންނަކަށް ނޭނގެ އެވެ. އެއީ ވަރަށް ސުލްހަވެރި، ވަރަށް ހިމޭން، ލޯބީގެ ނިކަން ސިއްރު ގުޅުމެކެވެ. ސާފުތެދުވެރި ކަމަކީ ކޮބައިކަމެއް އަހަންނަކަށް އޭރަކު ނޭނގެ އެވެ.

އަހަންނަށް އެންމެ 17 އަހަރެވެ. އޭނާ އަށް 24 އަހަރެވެ. އަހަރެމެން ދެ މީހުން ވާހަކަ ދައްކަން ފެށިއިރު އޭނާގެ އަންހެނުން އިނީ ބަލިވެ އެވެ.

މިހައި ހިސާބުން މިގައި މި ވާނުވާ ކޮންމެވެސް ވަރަކަށް އެނގެން ފަށާނެ އެވެ. އެކަމަކު މި ވާހަކަ ތަގުދީރުގައި ނިއުޅެމުންދިޔައިރަކު މި ޓްވިސްޓެއް މިގޮތަކަށް ނާދެ އެވެ. އަހަރެން ކުރި މަރާލީ އެވެ. ހަޔާތުގައި އަހަރެން ކުރި ތަޖުރިބާ ކިޔުންތެރިން އެގޮތުގައި އިހްސާސްކުރާނެ ކަމެއް ނެތެއް ނޫން ހެއްޔެވެ.

ކޮންމެއަކަސް ހަޔާތުގެ ދޮރު ފުރަތަމަ ފަހަރަށް ފިރިހެނަކަށް ހުޅުވުނުއިރު، އެ ދޮރު ހުޅުވައިލެވުނީ މީހެއްގެ ފިރިއަކަށް ކަމެއް އަހަންނަކަށް ނޭނގެ އެވެ. އެކަމަކު އެހާ ބޮޑަށް އެ މީހަކު ދެކެ އަހަންނަށް ލޯބިވެވުމުގެ އަސްލަކީ އަހަރެމެން ދެ މީހުންގެ އުމުރުގެ ތަފާތެވެ.

އަހަރެމެން ދެ މީހުން ބައްދަލުވީ އޮންލައިންކޮށެވެ. ދެ މީހުންނަކީ އޭރު ވެސް މަގުމަތިން ފެންނަ ރައްޓެހި ދެ މޫނެވެ. އަހަރެން ޓިއުޝަނަށް ދާއިރުގަ އާއި ނިންމާލާފައި އެނބުރި ގެއަށް ދާއިރު ވެސް އަހަރެން އޭނާ ދެކެމެވެ. ގަމީހާއި ޓައީގަ އެވެ. ވަރަށް ވެސް ރީއްޗެވެ.

ދެ މީހުން އެކުގައި ބޭރަށް ދިޔައީ އޮންލައިކޮށް ވާހަކަ ދައްކާތާ ދެ ތިން މަސް ފަހުންނެވެ. އޭގެ ހަ މަސް ފަހުން ފާހަގަކުރީ އަހަރެންގެ 18 ވަނަ އުފަން ދުވަހެވެ. – އެއީ އަދިވެސް މިހާތަނަށް އައި އެންމެ ތަފާތު އަދި އަގުބޮޑު ހަދިޔާ ލިބުނު އުފަން ދުވަހެވެ. އުފާވެރިއެކޭ ނުވަތަ އަހަރެން އެންމެ ބޭނުންވި އުފަން ދުވަހެކޭ ބުނާ ހިތެއް ނެތެވެ. އެކަމަކު ޔަގީނަށް ވެސް އެއީ ވަރަށް ބޮޑު އުފަން ދުވަހެކެވެ.

އަހަރެމެން ދެ މީހުންގެ ނަން ކަނޑައި ނަގައިފާ، ޖަވާހިރު އެސް ޖެހި އަނގޮޓިއަކުން އޭނާ ފާޑަކަށް މަށާ އިނދެލީ އެވެ. ހިނިވެސް އައެވެ. ހީކޮށްގެންހުރިގޮތާ މުޅިން ހިލާފަށް ނުވަތަ ހީނުކުރާވަރުގެ ބޮޑު ސަޕްރައިޒެއް ލިބުނީމަ ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް އޭނާގެ އެ ހަދިޔާއެއްގައި އަހަރެން ދުވަހަކު ވެސް ނުހިފީމެވެ. ތަގުދީރުގައި އޮތް ގޮތް އަހަންނަށް ފެނިގެނެއް ނޫނެވެ. ފަހަރެއްގައި އަހަރެންގެ ނަސީބުގައި ޖަވާހިރު އަނގޮޓިއެއްގެ ލޯބި ނެތީ ކަމަށް ވެސް ވެދާނެ އެވެ. ޕްރިންސް ޗާމިންއެއް ނެތީ ކަމަށް ވެދާނެއެއް ނޫން ހެއްޔެވެ؟

އެކަމަކު އަނގޮޓީގައި ނުހިފި ނަމަވެސް އަހަރެމެން ދެ މީހުން އެކުގައި ބޭރަށް ގޮސް ގަޑުގަތީމެވެ. އެނދުގައި އުފާކޮށް މަސްތުގެ ގަހުން ދުން ވެސް ބުއީމެވެ.

އަންހެނުން ބަލިވެ އިން ވާހަކަ އޭނާ އަހަރެން ގާތު ބުނީ އެ ދުވަހު އެވެ. އެ ވާހަކަ އަޑުއިވި ރުޅި ނާދެވުނު ސަބަބެއް އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ. ފަހަރެއްގައި އަހަރެންގެ ހިޔާލާއި ފިކުރު އެ ދުވަހު މާ މަތީގައި ގެންގުޅެވުނީމަ ކަމަށް ވެސް ވެދާނެ އެވެ.

އަހަރެމެންގެ ސިއްރު ގުޅުމަށް އަހަރުވީތަނުން ދެ މީހުން ވަކިވާން ޖެހުނީ އެވެ. އުނދަގޫކަމަކަށްވީ އޭރު އޭނާ އަހަންނަށް ހުސްވެފައިހުރުމުންނެވެ. އިނދެގެން އުޅުނު އަންހެން މީހާ ވަރިކޮށްލީ އެވެ. ނުވަތަ އަހަންނާ ހެދި އެ ދެ މީހުންގެ ދިރިއުޅުން ރޫޅުނީ އެވެ.

އަހަރެން ވަރަށް ވެސް ޒުވާނެވެ. އެއީ ކިހާވަރެއްގެ ކަމެއް ކަމެއް އޭރަކު ނުވިސްނެ އެވެ. ފުރާވަރަކީ އަމިއްލަ އެދުން ބޮޑު އުމުރުފުރައެއް ނޫންހެއްޔެވެ؟

ކޮންމެއަކަސް އެ ކައިވެނި ރޫޅި އަހަރެމެން ދެ މީހުން އެކަތިގަނޑަށް ހެދިއިރު އަހަންނަށް ޖެހުނީ އޭނާ ދޫކޮށް ނިކަން ދުރަށް ފުރައިގެންދާށެވެ. އަހަރެން ކިޔަވަން ބޭރަށް ފޮނުވާލީ އެވެ.

ފުރަތަމަ ދެ ތިން މަހު އޭނާ އަހަންނަށް ވިޒިޓްކުރި އެވެ. ޓިކެޓް ގަނެގެން އަހަންނާ ބައްދަލުކުރަން އައިސް، އަހަންނާ އެކު ނިދައި، ލޯބިކޮށް ސަކަރާތް ޖެހި އެވެ. އެކަމަކު ދެން ދުރުވާން ފެށީ އެވެ.

މި ވާހަކައަށް އަދި އަހަރެންގެ ހަޔާތަށް އެހެން ފިރިހެނަކު ތައާރަފްވާ ހިސާބަކީ މިއީ އެވެ. އަހަންނަށްޓަކައި އަނބިމީހާ އާއި ދަރި ވެސް ދޫކޮށްލި ފިރިހެން މީހާގެ އިންތިޒާރުގައި އޮންލައިންކޮށް އެކަނި ވަގުތުގުނަމުން ދަނިކޮށް މީހަކު ހާއިއެއް ޖަހާލާފައި އަހަރެންގެ ހިތް ޖަހައިގެން ދިޔައީ އެވެ. -- ދެން ފޮޅުނީ މަލެކެވެ. ލަދުރަކި ހިނިތުންވުމެކެވެ. --

އޭގެ ހަ މަސް ފަހުން އަހަރެންގެ ކޮޓަރީގައި މީހަކު ޓަކިދިން އަޑަށް ގޮސް ދޮރު ހުޅުވިއިރު އެއީ އަންހެނުންނާއި ދަރި ދޫކޮށްލި މީހާ އެވެ. އަހަރެން މަތިން އޭނާ އަނެއްކާވެސް ހަނދާންވީ އެވެ. މަގޭ ހިތަށް އެރީ "އަމާ" އެވެ. އަހަރެން ވެސް ހުރީ އޭނާ މިސްވެފަ އެވެ. ވަކިން ހާއްސަކޮށް އޮޅުލައި ބައްދައިގަންނާނެ ފިރިހެނަކު މިސްވެފަ އެވެ.

ދޮރުހުޅުވާލުމާ އެކު އޭނާ އަހަރެންގެ ގައިގައި ނިކަން ބާރަށް ބައްދައިގަތެވެ. ދެ މީހުން އެކުގައި ގޮސް ވެއްޓުނީ އެނދުމައްޗަށެވެ. އެނބުރިގަތް ވަގުތު ފައިން ޖެހިފައި ޖޭބީއެލް ޕަލްސް ސްޕީކަރު ރަގް މައްޗަށް ވެއްޓުނީ އެވެ. އެއިން ޕްލޭކޮށްފައި ހުރި މެސިވް އެޓޭކްގެ ލަވައިގެ އަޑު ކުރިއަށް ވުރެ ގަދަވިހެން އެވަގުތު ހީވި އެވެ.

މިހާރު އަހަރެމެންނަށް މި އާދެވުނީ މި ވާހަކައެއް ފެށުނު ހިސާބަށެވެ. އެހެންވީމަ ހަމަޖެހިލުމަށް ފަހު، ބާކީ ދެން އޮތީ ކޮން ޗެޕްޓަރެއްތޯ ބަލައިލަމާ ހިނގާށެވެ.

އަހަރެން ބޭނުންނުވި ކަމަކަށް އޮތީ އޭނާއާ އެކު އޭނާގެ ލޯބީގެ އަނދިރި ދުނިޔެ އަށް އެނބުރި ނުދިއުމެވެ. ބެލްކަންޏަށް ނުކުމެ ރޯކޮށްލި ބިޑިއަށް ދެތިން ފަހަރަކު ގަދަ އަށް ދަމާލައިގެން ހުރެ އަހަރެން ވަރަށް ވިސްނީމެވެ. ހިތްއޮތްގޮތް އޭނާ އަށް ކިޔައިދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. އަހަންނަށް ވިސްނުނީ އެގޮތަށެވެ.

އެކަމަކު ހަގީގަތް އަހަރެން ރޮއްވާލީ އެވެ. – ހަގީގަތް، އޭނާ ވެސް ރޮއްވާލީ އެވެ.

ހަގީގަތަކީ އެއީ ލޯތްބެއް ނޫން ކަމެވެ. އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތީ ލޯތްބެއް ނޫން ކަމެވެ.

"ގަބޫލުކުރަންތަ މި އުމުރުގައި ހަގީގީ ލޯބިވެވިދާނެ ކަމަށް؟،" އަހަރެން އޭނާއާ ކުރީ މި ސުވާލެވެ.

އެވަގުތުން ފުންމައިގެން އައިސް އޭނާ ހިފީ އަހަރެންގެ ކަރުގަ އެވެ. ދަވައާއި ދުމުން ކޮށިއަރައިގެން އަހަންނަށް ކެއްސައިގަނެވުނު ނަމަވެސް އަހަރެންގެ ފުރާނަ އޮތީ އޭނާގެ އަތުތެރޭގަ އެވެ. އެއަށް ފަހު ދެ މީހުން އެކުގައި ބެލްކަނީން ވެއްޓިގަތީ އެވެ.

އެއީ ދޮގެކެވެ.

އެއަށް ފަހު އޭނާ ފުރައިގެން ދިޔައީ އެވެ. އަހަރެން ހުރި ރަށުން އަދި އަހަރެންގެ ހަޔާތުން ވެސްމެ އެވެ. އަހަންނަށް އަލުން އޭނާ ފެނުނީ ފަސް އަހަރު ފަހުންނެވެ. އަނެއްކާވެސް މާލެއިންނެވެ.

އަހަރެން އިނީ ސައިކަލެއްގެ ފަހަތުގަ އެވެ. އޭނާގެ ފަހަތުގައި އިނީ ކުރިން ވެސް އޭނާ އިނދެގެން އުޅުނު އަންހެން މީހާ އެވެ. އެމީހުންނަކަށް އަހަރެން ނުފެނެ އެވެ.

މި ވާހަކައެއް މިހައި ހިސާބުން ނިމުނީ އެވެ. އެނގެ އެވެ. މިއީ އެންމެ އާދައިގެ ނުވަތަ އުއްމީދުކުރި ކަހަލަ ލޯބީގެ ވާހަކައެއް ނޫނެވެ. އެކަމަކު ވަގުތުކޮޅެއް ހޯދައިގެން، މި ވާހަކައިގެ ފުރޭތައާ މެދުގައި ވިސްނާލަބަލާށެވެ!

ފުރޭތައަކީ ކާކު ހެއްޔެވެ؟