- އޮޕަރޭޝަން ވަނީ ފުޅާކޮށްފައި
- 10 މީހުންގެ ބަންދަށް ދިނީ 15 ދުވަސް
- އޮޕަރޭޝަން ފެށީ މާރާމާރީއާ ގުޅިގެން
އައްޑު އަތޮޅުގައި ރޭ ހިންގި މާރާމާރީއަށްފަހު އެ އަތޮޅުގައި ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނެގައި ބަޔަކު ހައްޔަރުކޮށް އިތުރަށް އޮޕަރޭޝަން ފުޅާކޮށްފި އެވެ.
ފުލުހުން ބުނީ ރޭގެ މާރާމާރީއަށްފަހު އައްޑޫ ސިޓީގެ ރަށްރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށައި 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ކޯޓުން ބަންދުގެ މުއްދަތު ޖަހައިދީފައި ވަނީ 10 މީހުންނަށް ކަމަށެވެ. އެ 10 މީހުނަނަށް 15 ދުވަސް ޖަހައިދިން އިރު އަނެއް ދެމީހުން ދޫވީ ހެކި ނެތިގެނެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ރޭ އައްޑު އަތޮޅު ހިތަދޫ ވައިލެޓް މަގުގައި މާރާމާރީ ހިންގާ ފަސް މީހަކު ޒަހަމްވި ހާދިސާއާއެކު ހާއްސަ އޮޕަރޭޝަން އެ އަތޮޅުގައި ފަށާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މިއަދުވެސް ފުުލުހުންގެ ގެންދަނީ ހިތަދު އާއި ގުޅިފައިވާ އެހެން ރަށްރަށުގައި ހަރަކާތްތެރިވެ ތަންތަނާއި މީހުން ބަލާ ފާސް ކުރަމުންނެވެ.
އައްޑު އަތޮޅުގައި ރޭ ހިންގި މާރާމާރީގައި ފަސް މީހަކު ޒަހަމްކޮށްލި އިރު އޭގެ ތެރެއިން އެެކެއްގެ ބުރަކަށްޓަކަށް ވަނީ ވަޅި ހަރާފައެވެ. އެމީހާ އަށް އިތުރު ފަރުވާ ދިނުމަށް މިއަދު ނޫނީ މިރޭ މާލެ ގެންނާނެ އެވެ.