ރޯދަ މަހާ ރޯއްޖާ

ފޭރާމުގެ ފޮރެންސިކް ހެކި

ތަޙްޤީޤީ ހޯދުންތައް ކަށަވަރު ކުރުމަށާ، ޝަރީޢަތަށް ކަންކަން ސާބިތުކުރުމަށް މި ޒަމާނުގެ ސައިންސާ ޓެކްނޮލޮޖީގެ އެހީގައި ފޮރެންސިކް ހެކި ފެންނާނެ ގޮތްތައް އީޖާދު ކުރުމުގައި ދުނިޔެ ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ދުނިޔޭގައި އެންމެ ކާމިޔާބުކަމާއެކު ތަޙްޤީޤީ ހޯދުންތައް ހޯދާ އިދާރާތަކުން މިހާރު އެއްބަސްވާ އެއް ހަޤީޤަތަކީ، ފޭރާމުން ހޯދާ ފޮރެންސިކް ހެކީގެ ޔަޤީންކަން ބޮޑުކަމެވެ. އެކި ބާވަތުގެ މާރާމާރިއާ، ލޭއޮހޮރުވުމާ، ވައްކަމާ ފޭރުމުގެ ޢަމަލުތަކާ، އަދި ޖިންސީ ކުށްތަކާ، ޑްރަގް ޑީލްކުރުންފަދަ ބޮޑެތި ޖަރީމާތަކާ ގުޅިގެންވެސް ފޭރާމުގެ ފޮރެންސިކް ހެކީން ދެނެގަނެވޭ ކަންކަން މިހާރު ވަރަށް ގިނައެވެ.

ކުށުގެ މާޙައުލުގައި ކުށްކުރާ މީހާ އުޅޭއިރު ލާފައިހުންނަ ފޭރާމުން އެ މާޙައުލުގައި ހުންނަ ކުނޑިއާ، ގޭހާ އަދި މިނޫންވެސް އަސަރުތަކާ، ކުށްކުރާ މީހާގެ ހަށިގަނޑުގެ ޑީއެންއޭއާ ގުޅުންހުރި އަސަރުތައް ހޯދައިގަނެވި ކުށްކުރީ އޭނާކަން ޔަޤީންކޮށްދެއެވެ. ފޭރާމަކީ އިންސާނާގެ ގައިގައި އެންމެ ގިނަވަގުތު ބީހި، ގައިގެ ހަމާ،އިސްތަށްޓާ، ދަލާ، ލެޔާ އަދި މިނޫންވެސް ހަށިގަނޑުން ނުކުންނަ އެކިކަހަލަ ތެތްކަމުގެ އަސަރުވެސް އަބަދުވެސް ހަރުލާފައި ހުންނަ އެއްޗެކެވެ. ގައިގެވަހާ، އަދި އަމިއްލަ އިނގިލިތަކުގެ ނިޝާންވެސް ފޭރާމުން ދެނެގަނެވޭން ހުރެއެވެ.
ފޭރާމަކީ އިންސާނާގެ ކަންކަން ހޯދައި ބަލަން މިވަރުގެ ވަރުގަދަ ހެއްކަކަށް ވަނީ ކީއްވެބާއެވެ؟ ކީރިތި ޤުރުއާނުގެ ޔޫސުފް ސޫރަތުގައި، ޔޫސުފްގެފާނުގެ ފޭރާންކޮޅު (ގަމީސްކޮޅު) ގެ ވާހަކަ 3 ހާދިސާއެއްގައި އާދެއެވެ.

ފުރަތަމަ ޙާދިސާގައި، ޔޫސުފްގެފާނުގެ އަޚުން އެކަލޭގެފާނުގެ ގަމީސްކޮޅު ބާލައި ވަޅަކަށް ވަށްޓައިލުމަށްފަހު، އެކަލޭގެފާނު އަވަހާރަވީކަމުގައި ދައްކަން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ޖަނަވާރެއްގެ ލޭ އުނގުޅައިގެން ގެނަސް ބައްޕާފުޅު ޔަޢުޤޫބުގެފާނަށް ދައްކައެވެ. މި ޙާދިސާގައި ގަމީސްކޮޅުގައި ހުރި ލެއިން ސާބިތުކޮށްދޭން ބޭނުންވީ ޔޫސުފްގެފާނުގެ މަރެވެ. ޔޫސުފް ސޫރަތުގެ 15 ވަނަ އާޔަތުން 18 ވަނަ އާޔަތަށް އެ ވާހަކަތައް މާތްﷲ ވަޙީކުރައްވާފައިވެއެވެ.

ދެވަނަ ޙާދިސާގައި، ޔޫސުފްގެފާނާއެކު ނަހަމަ ގުޅުމެއް ހިންގުމަށް އެކަލޭގެފާނުގެ ބެލެނިވެރި ސާހިބުކަމަނާ އަދި މިޞްރުގެ ޢަޒީޒްގެ އަނބިކަނބަލުން ޛުލައިޚާ ޔޫސުފްގެފާނުގެ ގައިކޮޅުގައި ހިފައިގަތް ހިނދު އެކަމުން ބަރީއަވެވަޑައިގަތުމަށް އެކަލޭގެފާނު މަސައްކަތް ކުރައްވައެވެ. އެވަގުތު އެތަނަށް ޛުލައިޚާގެ ފިރިކަލުން އަދި މިޞްރުގެ ޢަޒީޒަށް ވަޑައިގެންނެވުމުން ޛުލައިޚާ ތުހުމަތުކުރަނީ ޔޫސުފްގެފާނު އެކަމަނާއާ ނަހަމަ ގުޅުމެއް ހިންގަވަން އުޅުއްވީ ކަމަށެވެ.

މިފަހަރު މިބާވަތުގެ ކަންކަން ތަޙްޤީޤްކުރާ އެކްސްޕާޓަކު ލަފާދެނީ، ޔޫސުފްގެފާނުގެ ގަމީސްކޮޅު ކުރިމަތީން ވީދިފައިހުރިނަމަ، ނަހަމަ ގުޅުން ހިންގަވަން އުޅުއްވީ ޔޫސުފްގެފާނު ކަމަށެވެ. އަދި އެ ގަމީސްކޮޅު ފުރަގަހުން ވީދިފައިހުރިނަމަ، ނަހަމަ ގުޅުން ހިންގަވަން އުޅުއްވީ ޛުލައިޚާ ކަމަށެވެ. ޔޫސުފްގެފާނު މި ތުހުމަތުން ސަލާމަތްވެވަޑައިގަތީ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައި ހުރުމުގެ ސަބަބުންނެވެ. މި ވާހަކަތައް ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތުން 29 ވަނަ އާޔަތަށް ބަޔާންވެގެން އެވަނީއެވެ.

ތިންވަނަ ޙާދިސާގައި، ޔޫސުފްގެފާނު ގެއްލިވަޑައިގަނެގެން ހިތާމަފުޅުގަދަވެ، ލޯފުޅު ހުދުވެފައި އިންނެވި އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނުގެ އަރިހަށް ޔުސުފްގެފާނު ފޮނުއްވަނީ އެކަލޭގެފާނުގެ ގަމީސްކޮޅެކެވެ. އެގަމީސްކޮޅުގައި ހުރި ޔޫސުފްގެފާނުގެ ހަށިކޮޅުގެ ވަހާ، ގައިކޮޅުގެ އަސަރު ޔަޢުޤޫބުގެފާނުގެ މޫނުފުޅުގައި ޖެހުމާއެކު، ޔޫސުފްގެފާނު ގަދަވެ ސަލާމަތުން ހުންނެވިކަން ޔަޤީންވެ، ހިތާމަފުޅު ފިލައި، ލޯފުޅަށް ފަސޭހަކަން ލިބިވަޑައިގަނެއެވެ. ޔޫސުފް ސޫރަތުގެ 93 ވަނަ އާޔަތުން 96 ވަނަ އާޔަތަށް ކިޔަވާވިދާޅުވާށެވެ.

ގަމީހަކީ ނުވަތަ ފޭރާމަކީ އިންސާނާގެ ވަހާ އަސަރު އޭގައި ހަރުލާނެ، އަދި އިންސާނާގެ މައްޗަށް ހެކި ހޯދުމުގައި ވަރުގަދަ ބާރަކަށް ވާނެ އެއްޗެއްކަން ކީރިތި ޤުރުއާނުގެ މިއާޔަތްތަކުން މިޒަމާނުގެ ސައިންސަށްވުރެ މާކުރީން ކަށަވަރުކޮށްދީފިއެވެ.