ކުޅިވަރު

މެޗުން ބަލިވިޔަސް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް: ނަޒީހް

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ މާޒިޔާ އަތުން 2-1 ނަތީޖާއަކުން ވިކްޓްރީ ބަލިވި މެޗްގައި މޮޅު ނުވި ނަމަވސް އެހެން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށް ވިކްޓްރީގެ ކޯޗް މުޙައްމަދު ނަޒީހް ބުނެފިއެވެ.

މެޗްގައި މާޒިޔާގެ ލަނޑުތައް ކާމިޔާބު ކުރީ ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) އާއި މުޙައްމަދު އުމޭރެވެ. ވިކްޓްރީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ބިދޭސީ ފޯވަޑް އޮމަޑޫއެވެ.

ދެ ވަނަ ހާފުގައި ވިކްޓްރީއިން ވަނީ ކުޅުން ރަނގަޅުކޮށް މާޒިޔާގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެގޮތުން މެޗް އެއްވަރު ކުރުމަށް ވެސް ވިކްޓރީއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ނަޒީހް ބުނީ ފުރަތަމަ ހާފުގައި ކުރިމަތިވި މައްސަލައަކީ ޓީމުގެ ކީ ބައެއް ކުޅުންތެރިންނަށް މެޗް ތެރެއަށް ނުވަދެވުން ކަމަށެވެ. އަދި ބުނީ ވިކްޓރީއިން ބެލީ މާޒިޔާ އެންމެ ފަހުން ކުޅުނު މެޗްގައި އެޓީމުގެ ކުޅުމުން އުނިވާތަންކޮޅު ބޭނުން ހިފައިގެން މެޗްގެ ތެރެއަށް ވަނުމަށް ކަމަށެވެ.

މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ މާޒިޔާ ކުޅެމުން ދިޔައީ ޕްރެޝަރުގައި ކަމަށެވެ. އެހެން ދިމާވީ ވޭތުވެދިޔަ 25 ދުވަހު ގައުމީ ޓީމަށް މާޒިޔާގެ ގިނަ ކުޅުންތަރިންތަކެއް ދޫކުރަން ޖެހުމުން، އެ ކުޅުންތެރިންނާއެކު މަދު އަދަދެއްގެ ފަރިތަ ކުރުންތަކެއްކޮށް މެޗަށް ނިކުތުމުން ކަމަށް ވެސް ބުންޏެވެ. ނަމަވެސް ވިކްޓްރީއިން އެޓީމުގެ މުޅި ޓީމު އެކުގައި ވޭތުވެދިޔަ 25 ށް ދުވަހު ޕްރެކްޓިސްކޮށް އެކުވެރިކަމުގެ މެޗްތަކެއް ކުޅެ މެޗަށް ނިކުތުމުން އެޓީމަށް މެޗްގައި ފައިދާތަކެއް ހުރި ކަމަށް ސުޒޭން ބުންޏެވެ.

ނަޒީހްގެ އެއް ބަނޑު އެއްބަފާ ބޭބޭ މާޒިޔާގެ ކޯޗް ޢަލީ ސުޒޭންއާ ދެކޮޅަށް ކުޅެން ޖެހުމުން ކުރެވޭ އިހްސާސަކީ ކޮބައިތޯ ސުވާލުކުރުމުން، ނަޒީހް ބުނީ އެ ސުވާލު އަމާޒުވާތީ ވެސް އޭނާ ފެންކަޅިވާ ކަމަށާއި، އެވާހަކަ ދައްކަން އުނދަގޫ ކަމަށެވެ.

މިރޭ ނަޒީހްއާ ދެކޮޅަށް ސުޒޭން ކާމިޔާބު ހޯދިއިރު ވިކްޓްރީގެ ގޯލް ކީޕަރު ޓްރޭނަރު އަޙްމަދު ރިޔާޒު (ގާނާ) އާއި ވިކްޓރީގެ ބޯޑު މެންބަރު އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޝިނާޒް އާލީއަކީ ވެސް ސުޒޭންގެ އެއްބައްޑު އެއްބަފާ މީހުންނެވެ.

ނަމަވެސް ސުޒޭން ބުނީ "ކުޅިވަރުގައި އޭނާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް ކަމަށާއި، އޭނާ އެދެނީ އަބަދުވެސް އޭނާގެ ޓީމު މޮޅުވުމަށް" ކަމަށެވެ.

މެޗަށް އެފްއޭއެމްއިން ވަނީ ސުޒޭންގެ ބައްޕއަށްވެސް ދައުވަތު ދީފައެވެ. ލީގްގައި މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ އީގަލްސްއާއި ޔުނައިޓަޑް ވިކްޓްރީއެވެ.