ވިކްޓަރީ

ސުޒޭން ވިކްޓަރީއަށް: ފުރަތަމަ އަމިއްލަ ޒިންމާ ނަގާ

އެހެން ބައެއްގެ ބޮލުގައި ކަންކަން އެޅުވުމުގެ ބަދަލުގައި، ފުރަތަމަ ކުލަބުން އަދާ ކުރަން ޖެހޭ ޒިންމާ ނެގުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބާއެކު ގިނަ ކާމިޔާބުތަކެއް ކުރިން ހޯދި ކޯޗް އަލީ ސުޒޭން ވިކްޓަރީގެ މެނޭޖުމެންޓަށް އިލްތިމާސް ކޮށްފި އެވެ.

މިހާރު ކުލަބު ގުރީން ސްޓްރީޓްގެ ކޯޗް ސުޒޭން އަކީ ވިކްޓަރީގެ ތާރީހްގައި އެ ޓީމުގައި އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ. ވިކްޓަރީން ލީގްގައި ކުޅެން އޮތް އެންމެ ފަހުގެ ދެ މެޗަށް ހާޒިރު ނުވެ އެވެ. ރާއްހޭގެ 19 އަހަރުން ދަށުގެ ޓީމުގައި ވިކްޓަރީގެ ހަތަރު ކުޅުންތެރިޔަކު ހިމެނުމުން އެ ޓީމު ވާދަ ކުރި މުބާރާތްތަކުން އަންނަން ދެން ވިކްޓަރީގެ މެޗުތަކުގެ ޝެޑީއުލް ބަދަލު ކޮށްދޭން ވިކްޓަރީން އެދުނެވެ. ވިކްޓަރީ އެކަމަށް ހުށަހެޅުމުން އެފްއޭއެމުން ބުނެފައި ވަނީ ފުރަތަމަ ޑިވިޝަން އެހެން ޓީމުތަކުގައިވެސް 19 އަހަރުން ދަށުގެ ކުޅުންތެރިން ހިމެނޭއިރު ހަމައެކަނި ވިކްޓަރީގެ މެޗުތަކަށް ބަދަލު ގެނައުމަކީ އިންސާފެއް ކަމަށް ނުވާނެ ކަމަށެވެ.

ސުޒޭން ބުނީ، ވިކްޓަރީން ކުރިން ދެއްކީ އެފްއޭއެމުން އެ ޓީމުގެ މެޗެއްގެ ޝެޑިއުލް ބަދަލު ނުކޮށްދިން ވާހަކަ ކަމަށާއ އަންޑާ 19 ޓީމު މާލެ އައުމުންވެސް ޓީމު ހަމަ ނުކުރެވި ދިއުމުން މިހާރު އެ ޓީމުން ވާހަކަ ދައްކާ އަޑެއް ނީވޭ ކަމަށެވެ.

"ވަރަށް ބޮޑަށް ހިތާމަ ކުރަން ވިކްޓަރީގެ ޗެއާމަންގެ ގޮތުގައި ވިކްޓަރީގެ ހޯމްގެ ގޮތުގައި ބެލެވޭ ކެނެރީގެ ބޭފުޅެއް ހަވާލު ވެގެން ހުރެ ވިކްޓަރީ މިހާލަތަށް ވެއްޓިގެން ދިއުން،" ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު އަށް އިޝާރާތް ކުރައްވައި ސުޒޭން ބުންޏެވެ. "މިއީކީ ބަލައިގަނެވޭނެ ކަމެއް ނޫން، އެ ކުލަބު ހަލާކު ކޮށްނުލައި އެ ކުލަބަށް ރަނގަޅު ގޮތެއް ވާނެ ގޮތެއް ހައްދަވާށޭ، ނުވަންޏާ ކޮންމެ ބޭފުޅަކު ކަމުގައިވިޔަސް (އިސްތިއުފާ ދީފަ) ވަޑައިގަންނަވާށޭ."

ވިކްޓަރީ އެންމެ ފަހުން ކުޅެން އޮތް ދެ މެޗަށްވެސް އެ ޓީމު ހަމަ ނުކުރެވުނެވެ. އެކަމެއްގެ އަދަބެއްގެ ގޮތުން، އެ މައައްސަލަ ތަކުރާރު ވަމުން ދާތީ އެފްއޭއެމުން ވަނީ ވިކްޓަރީގެ އަދަބު ބޮޑުކޮށް 120،000 ރުފިޔާއިން އެ ޓީމު ޖޫރިމަނާ ކޮށްފަ އެވެ. މި ސީޒަންގައިވެސް އެ ޓީމުން ވަނީ ތިން މެޗު ނުކުޅެ ދޫކޮށްލާފަ އެވެ. ސުޒޭން ބުނީ، ވަކި އާއިލާއެއްގެ ބޭފުޅަކު ވިކްޓަރީއަށް ބޭނުން ނުވާ ކަމަށާއި ވިކްޓަރީ އަށް ބޭނުން ވަނީ ހާލަތު ރަނގަޅުކޮށް މަސައްކަތް ކުރެވޭނެ ބޭފުޅެއް ކަމަށެވެ.

"މީގެ ކުރިންވެސް ވިކްޓަރީއަށް އެކި ނަންނަން ކިޔާ ޗެއާމަނުން ވަޑައިގެން ވަރަށް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައި އޮތް ވަރަށް ރަނގަޅު ކުލަބެއް ވިކްޓަރީ އަކީ،" ސުޒޭން ވާހަކަ ދެއްކި އެވެ. "ކޮންމެހެން ނުޖެހޭ ވިކްޓަރީ ހިންގަން ހުންނަން ޖެހޭނީ ވަކި އާއިލާއެއްގެ ވަކި މީހަކަށް ވާކަށް، ވިކްޓަރީ އޭގެ ގޮތުގައި ހިންގީމަ ނިމުނީ."

މި ވަގުތު ފުޓްބޯޅައިގައި ނެތް ނިއު ރޭޑިއަންޓްގެ އިތުރުން ވިކްޓަރީގެ މާޒީގެ ވާހަކަ ދައްކައިގެން ހިތްހަމަޖެހުމެއް ލިބިދާނެ ކަމަށާއި އެހެންނަމަވެސް މިހާރު އޮތް ހާލަތުގެ ވާހަކަ ދެއްކުމުން ކުރެވެނީ ހިތްދަތި އިހްސާސް ކަމަށް ސުޒޭން ބުންޏެވެ.

"ފުޓްބޯޅައަށް އައި ނިކަމެތި ކަމުގައި ހަމަ ޔަގީނުންވެސް ވިކްޓަރީ ނިއު ރޭޑިއަންޓް ނިކަމެތި ވެގެން ދިއުމަކީ ވަރަށް ދެރަ ކަމެއް،" ސުޒޭން ޝުއރޫފާޅު ކުރި އެވެ. "ވިކްޓަރީގައި މިހާރު އޮތް މެނޭޖުމެންޓްގެ ކިބައިން އަޅުގަނޑު ވަރަށް ބޮޑަށް އެދެން ވިކްޓަރީއަށް އަވަހަށް ގޮތެއް ހޯދައިދޭން، ޓީމުވެސް ހަމަވާނެ، އެހެން ކަންތައްތައްވެސް ކުރެވޭނެ ކުޅުންތެރިންނާ ރަނގަޅަށް މުއާމަލާތުކޮށްގެން މިކަން ކުރަން އުޅެފިއްޔާ."