ކުޅިވަރު

ސުޒޭންގެ ތުހުމަތުތަކަށް ސާންތީގެ ވަރުގަދަ ރައްދެއް

Jul 5, 2017
4

މިދިޔަ ހަފުތާގައި ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗުގެ ކުރިން، ވިކްޓަރީގެ ކުޅުންތެރިންގެ މޯރަލް ނަގާލުމަށް، އީގަލްސްއިން، ވިކްޓަރީގެ ބައެއް ކުޅުންތެރިނާނާ ޓްރާންސްފާގެ ވާހަކަ ދައްކާފައިވާ ކަމަށް، ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނުމުން، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ސުޒޭނަށް ވަރުގަދަ ރައްދެއް ދީފި އެވެ.

ވިކްޓަރީ އޮތީ މި ވަގުތު މާލީ ގޮތުން، އުނދަގޫ ހާލަތެއްގަ އެވެ. ކުޅުންތެރިންނަށް ތިން މަހުގެ މުސާރަ ނުދެވި އޮތްއިރު، އެ ޓީމުގެ ކުޅުންތެރިން ވަނީ ޕްރެކްޓިހަށް ނިކުތުން ވެސް ހުއްޓާލާފަ އެވެ. މި ހާލަތުގައި ވިކްޓަރީގެ ތިބި ކުޅުންތެރިން ގެންދިއުމަށް ކުޅުންތެރިންނަށް ޓްރާންސްފާގެ ހުށަހެޅުންތައް ހުށަހަޅައި އެހެން ޓީމު ތަކުން އެކަމުގެ ފައިދާ ނަގަން މަސައްކަތް ކުރޭތޯ ސުވާލު ކުރުމުން ސުޒޭން ދިން ޖަވާބު މިއޮތީ އެވެ.

"ޓްރާންސްފާއާ ގުޅިގެނެއް ނޫން ކުޅުންތެރިންނާ އެ ވާހަކަ ދައްކަނީ އެއް، އެންމެ ފަހުން [އީގަލްސްއާ ދެކޮޅަށް ކުޅުނު] މެޗުގައި ވެސް ދިމާވީ ވެސް އެކަންތައް، އެމެޗުގައި [އިދިކޮޅަށް] ކުޅޭ ޓީމުން މި ވާހަކަ ދައްކަނީ ޓްރާންސްފާގައި އެ ކުޅުންތެރިޔާ ގެންދަން، މިހާރު އޭނައަކަށް ހީއެއް ނުވޭ އެކަމުގެ އެއްވެސް ޚަބަރެއް ވާހެނެއް،" ސުޒޭން ބުންޏެވެ. އެހެންވީމަ މިކަހަަލަ އަން ޕޮރޮފެޝަނަލް ކަންތައްތަކެއް އަޅުގަނޑުމެންނަށް މި ފެނުނީ އަސްލު، މި ރާއްޖޭގެ ބޯޅައިގައި މަސައްކަތް ކުރި މީހުންނަށް އެނގޭނެ އެ މެޗުގައި އެމީހުން ހޭވި ހަޑި، އެ މެޗުގެ ކުރިން ކުޅުންތެރިން ގެންގޮސް ޓްރާންސްފާގައި ގެންދިއުމަށާއި އެކަހަލަ ކަންތައްތަކާ ވާހަކަ ދައްކާ އެކަންކަން ކޮށްފަ ހުރީ."

އީގަލްސްއަށް ނިސްބަތްކޮށް ސުޒޭން ބުނީ ކުޅުންތެރިޔާ ގެންދިއުމަށް ވާހަކަ ދެއްކި ކަމަށާއި އެކަން ކުރަނީ ކުޅުންތެރިޔާ މެޗަށް ދޭ ސަމާލުކަން ގެއްލުވާލަން ކަމަށެވެ.

"ޔަގީން އެއްކަމެއް އެބައޮތް ޓްރާންސްފާގައި ކުޅުންތެރިޔާ ގެންދަން ވާހަކަ ދައްކާފަ ހުރީ، އެ ވާހަކަ ދެއްކީކީ ޓްރާންސްފާގައި ގެންދާކަށް ނޫން ކުރިއަށް އޮތް މެޗު އޮތީމަ އެ މެޗުގެ ކޮންސަންޓްރޭޝަން ގެއްލުވާލައި އެމެޗަށް، އެ ކުލަބަށް އެ ކުޅުންތެރިޔާގެ ސަމާލުކަން ގެއްލުވާލުމަށް ދައްކާފައި ހުރި ވާހަކަތައް މިއީ." ސުޒޭން ބުންޏެވެ.

ސާންތީގެ ރައްދު

ސުޒޭންގެ ތުހުމަތުތަކަށް ސާންތީ ރައްދު ދެމުން ބުނީ ކުލަބު އީގަލްސްގެ މެނޭޖްމެންޓުންވެސް، އަދި ޓީމުގެ އޮފިޝަލަކުވެސް އެއްވެސް ޓީމެއްގައި ހުރި ކުޅުންތެރިޔަކު ގެނައުމަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އީގަލްސް އަކީ ކުޅިވަރުގެ ތެރެއަށް ހަޑި ހުތުރު ކަންތައްތައް ވައްދާނެ ކުލަބެއް ނޫން ކަމަށެވެ.

"ކޯޗެއްގެ ހައިސިއްޔަތުން އެއްވެސް އިރެއްގައި އެކަހަލަ ކަމެއް ކުރާ މީހެއް ނޫން އަޅުގަނޑަކީ، ތިކަހަލަ ވާހަކައެއް އަޑުއެހިތާނގައި އަޅުގަނޑު މިހުރީ، ކުޅުންތެރިންގެ މޯރަލް ގެއްލުވާލުމަށް ތިކަހަލަ ކަންކަން ކުރެވޭ ފެންވަރު ހުރި ކޯޗެއްވެސް ނޫން އަޅުގަނޑަކީ އެއަށްވުރެ ބޮޑަށް ޓީމެއްގެ މޯރަލް ގެއްލުވާލުމަށް އަޅުގަނޑު ބަލަނީ ދަނޑު މަތީގައި އެ ކަމަށް ކުރަން ޖެހޭ މަސައްކަތް ކުރެވޭތޯ، ކުޅުންތެރިޔާ ގޮވައިގެން ކޮފީއަށް ގޮސް ކުޅުންތެރިނާ އެކަހަލަ ވާހަަކަ ދައްކަ މީހެއް ނޫން އަޅުގަނޑަކީ،" ސުޒޭންގެ ވާހަކަތައް ދޮގު ކުރަމުން ސާންތީ ބުންޏެވެ.

މާލީގޮތުން ވެސް މިހާރު އީގަލްސް އޮތީވެސް އެހެން ޓީމެއްގައި ތިބި ކުޅުންތެރިން ގެނެވޭނެ ފެންވަރެއްގައި ނޫން ކަމަށާއި ވިކްޓަރީގެ އެއް ވެސް ކުޅުންތެރިޔަކާ އީގަލްސްއިން ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ.

"ކުޅުންތެރިންގެ މޯރަލް ގެއްލުވާލުމަށްޓަކައި، މާ ކުރިން މީހުން ކޮށް އުޅުނު ކަމެއް ތީ އެ ކުޅުންތެރިޔެއްގެ ގޭދަށަށް ވެލި އަޅައި ފެން އަޅައި ބޫގަލް ހަދާ ވާހަކަ އަކީ ތަންކޮޅެއް ކުރީގެ ވާހަކައެއް، ތި ވާހަކަ އަކީ މުސްކުޅި ވިސްނުމެއްގައި ހުރެ ދެއްކި ވާހަކަ އަކަށް ވެދާނެ،" ސުޒޭނަށް ނިސްބަތްކޮށް ސާންތީ ބުންޏެވެ.

"އީގަލްސް އަކީ އެހެން ޓީމެއްގެ ކުޅުންތެރިންގެ މޯރަލް ގެއްލުވާލުމަށް، އެއްވެސް އިރެއްގައި (އެ ކުޅުންތެރިޔަކާ) ވާހަކަ ދައްކާނެ ބައެއް ނޫން އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ކުރީގެ ވިސްނުމެއްގައި ދައްކާފައި ހުރި ވާހަކައަކަށް ވެދާނެ، އީގަލްސްގައި އަޅުގަނޑު ހުރެގެނެއް އަޅުގަނޑެއް ފުރުސަތެއް ނުދޭނަން އެހެން ޓީމެއްގެ ކުޅުންތެރިންނާ އެގޮތަށް ވާހަކަ ދައްކާކަށް، އެއީ ކުޅީވަރާ މުޅިން ހިލާފް ކަންކަން ކުޅިވަރުގެ އެއްވެސް ކަމެއްގައި ކުޅިވަރުގެ ރީތި އާދަތައް ނަގާލަކަށް އަޅުގަނޑެއް ފުރުސަތެއް ނުދޭނަން."