ކުޅިވަރު

ވިކްޓަރީ އަޑިގަނޑަކަށް ވެއްޓި ސުޒޭނަށް ބޮޑު ގޮންޖެހުމެއް

Jun 28, 2017
2

މިއަހަރުގެ ފުޓްބޯޅަ، ސީޒަން ވިކްޓަރީ ފެށީ، އުނދަގޫ ހާލަތެއްގެ ތެރެއިން ނެވެ. ސީޒަން ފެށެން ކުޑަ ދުވަސް ކޮޅަކަށް ވެފައި އޮއްވައި، އެޓީމުން ވަނީ އޭރު ކޯޗަކަށް ހުރި ޝާޒްލީ މުހައްމަދު (ޝާޒް) ކޯޗް ކަމުން ދުރުކޮށް، މިހާރުގެ ކޯޗް އަލީ ސުޒޭން އާ ކޯޗްކަން ހަވާލު ކޮށްފަ އެވެ. މާލޭ ލީގްގައި ވެސް، ވިކްޓަރީއަށް ފެށުން ރަނގަޅެއް ނުވި އެވެ. ނަމަވެސް، ލީގަށް ބްރޭކެއް އައި ވަގުތު އެކަމުގެ ފައިދާ ނަގައި، ސުޒޭން ވަނީ ވިކްޓަރީ ކޮޅަށް ޖަހާފަ އެވެ. މި ސީޒަނަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި، މާޒިޔާވެސް، ފުރތަމަ ބަލި ކުރި ދިވެހި ޓީމަކީ ވިކްޓަރީ އެވެ.

ވިކްޓަރީގެ ހާލަތު ރަނގަޅުވެ، ގަދަ ހަތަރެއްގެ ތެރެއަށް، އެ ޓީމު ދެމިގަންނާނެ ކަމަށް، ގިނަ ބަޔަކު ލަފާ ކުރި އެވެ. ނަމަވެސް ގައުމީ ޓީމަށް ލީގް މެދު ކަނޑަލުމަށްފަހު، ކުޅުން އަލުން ފެށިއިރު، ވިކްޓާރީގެ ހާލަތު ބަދަލު ވެއްޖެ އެވެ. ޓީމުގެ މުހިންމު ކުޅުންތެރިން ޕްރެކްޓިހަކަށް ނުދެ އެވެ. މިއަދު ހަވީރު، އީގަލްސްއާ ދެކޮޅަށް ވިކްޓާރީ ކުޅެން އޮތް އިރު، ގިނަ ކުޅުންތެރިން ދަނޑަށް އަންނާނެ ކަމުގެ ޔަގީން ކަމެއް ސުޒޭނަކަށް ނެތެވެ.

"މިއަދު ހަވީރު މެޗު އޮތްއިރު، ގިނަ ކުޅުންތެރިން ދަނޑަށް އަންނާނެ ކަމުގެ ޔަގީން ކަމެއްވެސް ނެތް، ވަރަށް އުނދަގޫ ހާލަތެއްގައި މިއޮތީ." ކަންބޮޑުވުންތަކާއެކު ސުޒޭން ބުންޏެވެ.

ވޭތުވެދިޔަ ފަސް އަހަރަކީ، ވިކްޓަރީ، ދަށްކޮށް ފެނުނު ފަސް އަހަރެވެ. ނަަމަވެސް މިފަދަ ހާލަތެއް ވިކްޓަރީއަށް ދިމާވެފައެއް ނުވެ އެވެ. ކުޅުންތެރިން ޕްރެކްޓިހަށާއި ދަނޑަށް ހާޒިރު ނުވުމުގެ މައްސަލަ ގުޅިފައި ވަނީ ފައިސާ އެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ކަންކަން ހަމަނުޖެހި އޮތުމުން ނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ނަމަކަށް، މިހެން ދިމާވެ، އެ ކުލަބަށް ދެން ވާނެ ގޮތަކާ މެދު ސުވާލު ފެންމަތިވެފައިވާއިރު، ސުޒޭން ހުރީ އޭނާގެ ދެ ވަނަ ހޯމްގެ ގޮތުގައި ދެކެމުން އަންނަ ކުލަބު ދޫކޮށްލާކަށް ނޫނެވެ.

މީގެ ކުރިން ވެސް، ވިކްޓަރީ އަޑިގަނޑަކަށް ވެއްޓުނު އިރު، ކޯޗެއްގެ ގޮތުގައި ހުރެވެސް، އޭނާ ވަނީ މެނޭޖްމެންޓް ސައިޑުން މަސައްކަތްކޮށްފަ އެވެ. އޭނާ މިއަދުވެސް ހުރީ އުންމިދުގަ އެވެ.

"މިހާލަތަުން އަރައިގަނެވޭނެ، އެހެން ނަމަވެސް ވަގުތު ކޮޅެއް ނަގާނެ [ވިކްޓަރީގެ ޗެއާމަން] އިބްރާހިމް ނަޒީމް މިވަގުތު ހުންނެވީ މެލޭޝިއާގައި ވަޑައިގެންވުމުން މަޝްވަރާ ކުރާނަން." ސުޒޭން ބުންޏެވެ.