ވާހަކަ

ކުރު ވާހަކަ: ޝާއިރެއްގެ މަރު

ހޭޅިފަށުން ހުދު ވެލީގެ ގޮނޑުދޮށަށް ފައިބައިފައިވާ ފެންފެހަނޑަ ވެޔޮގެ ދަނބުކުލައިގެ މަލުގެ ތެރޭގައި ފާއިޒާ އޮތީ އުޑުތިލަމަތިންނެވެ. މަޑު ދުވެއްޔެއްގައި މާ މަތިން ދައުރުކުރަމުން ދިޔަ ވައިދުންޏަކަށް ބަރޯސާވެ، ކަޅު ފެހިކުލައިގެ ފަންވަތުން ވިޔެ، މަޑު ރީނދޫ ކުލައިގެ އިލޮށްޓަކަށް ތޮރުފާފައިވާ ބުރަފަތި ކަނާތު ކޮޅަށް ނަގައިގެންނެވެ.

ހަތަރު ފިޔަލީ އެ ބުރަފަތި ދެ ކޮޅަށް އެނބުރި، އެނބުރިފައި ބުރަކި ޖެހެމުންދެ އެވެ. ފާއިޒާ އުފާކޮށްދެވޭ ވަރަކަށް ނޫނެވެ. ހިތްހަމަޖެހޭ ވަރަށް ވައެއް ވެސް ނުޖެހެ އެވެ. އޮށޯވެގެން އޮތްއިރު، ނަޒަރުގެ ވަށް ބުރުން ފެންނަން ހުރި ދޮންރުކުގެ ފަނެއް ވެސް ހެލިނުލަ އެވެ.

ފާއިޒާގެ މޫނު މައްޗަށް ހިނިތުންވުމެއް ބަންޑުންވެ އުޖާލާވެގެން ދިޔައީ ކައިރީގައި އޮށޯވެލައިގެން އޮތް ހުސޭނު ފުރޮޅިގެން އައިސް އޭނާގެ ގައިގައި ބައްދައިގަތުމުންނެވެ. އަތުގައި އޮތް ފެންފެހަނޑަ މަލުގެ ފިޔަތަކުން ފާއިޒާގެ ކަރުވަޅުގައި ހުސޭނު ކުޅެން ފެށުމުން އެރި ހީލިގަނޑަކާ އެކު ފާއިޒާގެ އަތުން ފަންވަތުގެ ބުރަފަތި ވިއްސައިގެން ގޮސް ވެލިގަނޑު މައްޗަށް ވެއްޓިއްޖެ އެވެ.

އިރުއޮއްސެނީ އެވެ. ގަދަ ރަތްކުލަ އާއި ރަން ރީނދޫ ކުލައިގެ ވިލާތަކުގެ ސިފަ އާއި ކުލަ އޮޅެމުން ދަނީ އެވެ. ގޮނޑުދޮށަށް ވެއްޓިފައި އޮތް ދޮން ރުކުގެ ފަންވަތާ ކުޅެމުން ދިޔަ ރާޅުތައް އުފައްދަމުން ދިޔަ ރާގަކީ ބަރުހެލި ލަސް ރާގެކެވެ. ފާއިޒާ އާއި ހުސޭނު ވެސް ދެން ކުޅެން ފެށީ އެ ފާޑުގެ ރާގެކެވެ.

ގެނބިގެން ދިޔަ ޝަހުވަތުގެ ކޯރުން އަރައި ފާއިޒާ އާއި ހުސޭނަށް ހަމަ ނޭވާލެވުނުއިރު ދުނިޔެ މައްޗަށް އަނދިރިކަން ވެރިވެއްޖެ އެވެ. ކަރުވަޅުގެ އަރާމުން ބަނޑުފުރާލައިގެން ހުސޭނު ފާއިޒާއާ ދުރަށް ފުރޮޅިގަތެވެ. ވަރުބަލިކަން ފޮޅާލާފައި ފާއިޒާ ތެދުވިގަތެވެ. އަދި ގަސްތަކާ ދިމާލަށް އެނބުރިހުރެގެން ލިބާސް ގަޔަށް ހެޔޮވަރުކޮށް ވެލި ފޮޅާލި އެވެ.

ފަންވަތުގެ ބުރަފަތި އޭރު އޮތީ އޭނާގެ ފިޔަވަޅާ އެކު މަޑު ވެލިގަނޑު ތެރެއަށް ވަދެ، ކޯއްޗެއްކަން ނޭނގޭ ވަރަށް ފޮރުވިފަ އެވެ. ކައިރީގައި ދެން އޮތީ އޭނާގެ ފެހި ވަދު ޖެހި ފެންފައިވާނުގެ ދެ ކިބަ އެވެ. ފެންފެހަނޑަ ވެޔޮގެ ފަތްތަކާއި މާތަކަށް ވެސް ލިބިފައިވާ ގެއްލުން ކުޑައެއް ނޫނެވެ.

ފަރުވާތެރިކަމާ އެކު ގުދުވެލާފައި ފައިވާނުގެ ދެ ކިބަ އަތަށް ނަގައިގެން ލިބާހުގެ ފަސްބައި ކަކުލާ ހަމަ އަށް ހިއްލައިގެން ފާއިޒާ ހިނގައިގަތީ ރަށު ތެރެއަށެވެ. އަނގައިން ނުބުނެ އޮތްގޮތަށް އޮށޯވެލައިގެން ހުސޭނު އޮތީ އެވެ. އަނދިރިކަމުގެ ތެރެއިން ފާޅުވެ، ކުދި މުތްތަކެއް ހެން ފިޔަ ޖަހަމުންދާ ތަރިތަކަށް ގެއްލި ހިތްފުރިފަ އެވެ.

ދެން އިވުނީ ފަހަތުގައި ހުރި ބޯށި ގަސްތަކުގެ ތެރެއިން މުރުމުރުލައްވަމުން ފިޔަވަޅެއް ނެގި އަޑެވެ. ފަހަތުން މީހަކު ދުވެފައި އަންނަހެން ހީވެގެން ހުސޭނު އެނބުރުނު ވަގުތު އޭނާގެ ހަރަކާތްތައް ހުއްޓުވާލީ ކަރަށް އެރި ކަތިވަޅީގެ ހަމަލާއެކެވެ. ދުނި ޖަހާފައި ލޭ ފައިބައިގަތެވެ. ތުރުތުރު އަޅަމުން ގޮސް ހުސޭނު އަނގަވަތަށް ވެއްޓިއްޖެ އެވެ.

*** *** ***

ހުސޭނާއި ފާއިޒާގެ ވާހަކަ ފެށެނީ ދެ ވެލި ބެދުނު ހިސާބުންނެވެ.

ފާއިޒާ އިނީ އެ ހިސާބުގައި އޮތް ރުއްގުޅިއެއްގައި ފޫކޮޅު ޖައްސާލައިގެންނެވެ. ހީނާފަތް އަޅައި ރަތްކޮށްފައިވާ އޭނާގެ ދެ ފައިތިލަ، ހިމުން މަޑު ވެލިގަނޑުގެ ތެރެއަށް ވަދެ ކޮންމެވެސް ވަރަކަށް ފޮރުވިފަ އެވެ. އޭނާގެ ފެންފައިވާން އާދައިގެ މަތިން ފަޔަކު ނެތެވެ. ބުލީޗް އަޅައިގެން ދޮވެ ހުދުކޮށްފައި އޮތް ދެ ކިބަ އޮތީ އެއްފަރާތެއްގަ އެވެ.

އާ ދުވަހެކެވެ. ނިކަން ނަލަ ދުވަހެކެވެ. ހުކުރު ދުވަހެއްގެ ފިނި ހަވީރެކެވެ.

ވިޔެމުން ދިޔަ ފަންވަތުގެ ބުރަފަތި ފާއިޒާގެ އަތުން ދޫވެގެން ވެއްޓުނީ ފަހަތުން އައި ފިރިހެން ވަންތަ އަޑެއް ކަންފަތުގައި ޖެހުނު ހިސާބުންނެވެ. އަވަސް އަވަހަށް ކޮނޑުމަތިން ބޯ އެއްލައި ފަހަތް ބަލައިލިއިރު ފަހަތުގައި ހުއްޓިލައިގެން ހުރީ ހުސޭނެވެ.

އޭނާގެ ބޮލުގައި އޮތް ފަން އިސްތަށިގަނޑު އޮތީ ވައަތުން ފަޅާލައިގެން ގޮސް ކަނާއަތަށް އަޅައި ތަތްކޮށްފަ އެވެ. ފުނަލުގެ ދަތްތައް ދުއްވައިގެން އޮމާންކަންމަތީގައި ހެދިފައިވާ މަގުތައް ނިކަން ރީއްޗަށް އެނގެ އެވެ. ލޮލުގައި އަޅާފައި އޮތީ ރަންކުލައިގެ ދުނިލީ، ލޯ ބޮޑު އަވި އައިނެކެވެ. ދިގު ރޮނގު ދެމި އަތް ދިގު ގަމީހުގެ ދެ އަތް އުޅަބޮށްޓާ ހަމަ އަށް އޮޅައި ފައިކުރިއަށް ފަލަ ކަޅު ކުލައިގެ ފަޓްލޫނުގައި އަޅާފައިވާ ލެދަރު ބެލްޓުގެ ކޮޅުގައި ގަމީހުގެ ފަސްބައިގެ އެއް އަރިމަތި އަޅުވައި "ސައިޑް ބެގީ" ޖަހައިފަ އެވެ.

ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތް ވެސް ކަތިލެވޭ ވަރަށް ނަލަވެގެންނެވެ.

"ފެން ވަދެ، ފީވަމުންދާ ރުއްގުޅިއެއްގެ މަތީގައި އެކަނިމާއެކަނި ތި އިނިއްޔޯ،" ހުސޭނުގެ ވާހަކައިން ފާއިޒާގެ ތުންފަތް މަތީގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ.

ހުސޭނުގެ ވާހަކަ ހުންނާނީ އަބަދުވެސް އެހެންނެވެ. އެއީ ޝާއިރެކެވެ.

ކުއްލިއަކަށް ކޮނޑުމަތިން މޫނު ދަމައިގަނެގެން ފާއިޒާގެ ޖަޒުބާތުތައް ހުސޭނަށް ފޮރުވީ އެވެ. އެކި ވަރުގެ ހަންޑިކުޑަ ނަގައި ހިސާބަކަށް ފެހި ޖަހާފައިވާ ރުއްގަނޑުގައި ގޮސް ހުސޭނު ވެސް އިށީނެވެ. ފާއިޒާ އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. އަދިވެސް ލަދުގެންފަ އެވެ.

އޭނާއާ ގާތަށް ހުސޭނު ޖެހިލި އެވެ. އާތްވެގެން ގޮސް ހުސޭނާ ތަންކޮޅެއް ދުރަށް ފާއިޒާ ޖެހިގަތެވެ.

"ތި ގަހުގައި ފޮޅިފައި ހުރި ލަދުމާ ބިނދެލިޔަސް އެންމެ ރަނގަޅުތަ،" ލުއި ރާގެއްގައި ގޮސް ހުސޭނުގެ ކަނާއަތް ފާއިޒާގެ ވާއަތް މަތީގައި ބާއްވާލި އެވެ.

ރުއްގަނޑާއި ހުސޭނުގެ އަތްތިލައާ ދެމެދު ތާށިވެފައި އޮތް މަޑު އަތްތިލަ ފާއިޒާ ދަމައިގަތަސް ހުސޭނު އެ އަތުގައި ހިފެހެއްޓުމުން ފާއިޒާ އަށް ދެން ހެލިލަން ވެސް ނުކެރުނެވެ. ލަދުރަކި ހިނިތުންވުމެއް ބަންޑުންކޮށް އިސް ދަށަށް ޖަހައިގެން ހުރީ އެވެ. ފާއިޒާގެ އަތުގެ ބަނޑުފުށުގައި އިނގިލިތައް ދުއްވަމުން "ވަރަށް ލޯބިވާ" ވާހަކަ އަކުރުތަކުން އެޅުމަށް ފަހު ހުސޭނު ދިއްކޮށްލީ މަޑު ފިޔާތޮށިކުލައިގެ ފިނިފެންމަލެކެވެ.

އެއީ ހުސޭނުގެ ވައްތަރެވެ. އޭނާ އަކީ ޝާއިރެކެވެ.

ނަމަވެސް ފިނިފެންމާ ވާދީގޭ ހުސެން ޝާއިރަކަށް ރުއްޖެހިގޭ ފާއިޒާ އިބްރާހީމުގެ ހިތް ހިބައިން ލިބޭ ގޮތެއް ނުވި އެވެ. ފިނިފެންމާ ވާދީގައި މާތައް ފޮޅި، ފާއިޒާގެ ހިތުގައި ހުސޭނު ޝާއިރަކަށް ބަދަލުވިޔަސް ރުއްޖެހިގޭ އިބްރާހީމަށް ހުސޭނު ކަމުދާ ގޮތް ނުވީ އެވެ.

"ބަލަ ބައްޕަގެ ހިތް ހަލާލެއް ނޫނޭ އަހަރެން ހުސޭނާ އިންނާކަށް،" އިންނަން ކެރޭނެ ހެއްޔޭ ހުސޭނު އެހި ދުވަހު ފެންކަޅިވެފައިވާ ދެ ލޮލާ އެކު ފާއިޒާ ރަށު ތެރެއަށް ދުއްވައިގަތީ މިހެން ބުނެފަ އެވެ.

ފީވެފައި އޮތް ރުއްގުޅި މަތީގައި ބަސް ހުއްޓި، ހަރަކާތް ހުއްޓިފައި ހުރިގޮތަށް ހުސޭނަށް ހުރެވުނީ އެވެ.

ހުސޭނުގެ ބަގީޗާގައި ފޮޅުވި މާތަކުން ފާއިޒާ އިބްރާހީމުގެ ވަސް ކެނޑިގެން ދިޔަ ހިސާބަކީ މިއީ އެވެ. ނަމަވެސް ފާއިޒާގެ ހިތް ހުސޭނަށް ހަލާލު ނަމަ ބަހާރު މޫސުމް އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ހުސޭނަށް އޭރު ވެސް އޮތެވެ.

*** *** ***

ހުސޭނުގެ ހަޔާތަށް ބަހާރު މޫސުމް އެނބުރި އައީ އޭގެ ހަ މަސް ފަހުންނެވެ. ބައްދަލުކުރަން އާދޭސްކޮށް ފޮނުވި ސިޓީއަކަށް ފާއިޒާ އެންމެފަހުން އެއްބަސްވީ އެވެ. ހުސޭނުގެ ޝާއިރީ ސިޓީތަކާ އެކު އެންމެފަހުން ފާއިޒާގެ ހިތް އޭނާއާ ދިމާލަށް އަނެއްކާވެސް ފުރޮޅިގަތީ އެވެ.

ހުސޭނަށް އާނ ބަސް ބުނެ ފާއިޒާ އެދުނީ، ނާލުބައްތެއްޔަށް ކާށްޓާއި ދޮންކެޔޮ ބަރުކޮށް ރިޔާ ނަގައިގެން ދޮން މުހައްމަދު މާލެ ފުރަންދެން މަޑުކުރުމަށެވެ. ދޮން މުހައްމަދަކީ ފާއިޒާގެ ފިރިމީހާ އެވެ. ޒުވާން ފާއިޒާ އަކީ އޭނާގެ ހަގު އަންބެވެ. ފާއިޒާގެ ބައްޕަ އަށް ދޮން މުހައްމަދު ކަމުދިޔައީ ނާލުބައްތެއްޔެއް އޮތީމަ އެވެ.

"ދެން މަގޭ ލަދު މަލަށް އެ މުސްކުޅި މީހާ ކަމުދިޔައީ ކީއްވެގެންނޯ،" ހުސޭނު އޮތީ ފާއިޒާގެ އުނގުގައި ބޯ އަޅާލައިގެންނެވެ.

ދެ މީހުން ތިބީ އަތިރިމަތީގައި ހެދިފައި ހުރި ތިރި ޖޭމު ގަހެއްގެ ހިޔަލުގަ އެވެ. އިރުމެދުޖެހޭ ގަޑީގައި އެކަކު ވެސް ރަށުގެ އެ ހިސާބަށް ނާންނާނެކަން ދެ މީހުންނަށް ވެސް އެނގޭތީ އެވެ.

"އަހަރެމެން ދެ މީހުންގެ ލޯތްބަކީ ފަތްކެޔޮ ގަހެއްގެ މިސާލު ދޯ ފާއިޒާ. މެދުން ބުރިކޮށް އުފުރާލިޔަސް މަރެއް ނުވާނެ ދޯ،" ފާއިޒާގެ އުނގުގައި އޮވެ ހުސޭނުގެ މޮޅު ވާހަކަތައް ފެށި އެވެ.

"އަދިވެސް ހަމަ އެ ވައްތަރަށް ދޯ. ހަ މަސް ފަހުން ވެސް ޝާއިރެއް ދޯ،" ފާއިޒާ ވެސް ކޮށްލީ ސަމާސާއެކެވެ.

ދެ މީހުންގެ ބަހާރު މޫސުމް އާންމުކޮށް ދެމިގެންދާނީ މަސް ދުވަހަށެވެ. އެއީ މާލެ އަށް ގޮސް ރަށަށް އެނބުރި އައުމަށް ދޮން މުހައްމަދުގެ ބައްތެއްޔަށް ނަގާ މުއްދަތެވެ.

އެނބުރި އައިސް އޭނާ އަބަދުވެސް އެންމެ ފުރަތަމަ ރޭކުރާނީ މުސްކުޅި އަނބި، މަރީނާ ގާތުގަ އެވެ. ދޮން މުހައްމަދުގެ ހަޔާތަށް ފާއިޒާ އައިފަހުން މަރީނާގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ރެއަކީ މިއީ އެވެ. އެހެންވެ ފާއިޒާއޭ ކިޔައިގެން ދޮން މުހައްމަދުގެ ބޮލަށް ވިހަލުމަށް އޭނާ ހުންނަނީ އަބަދުވެސް ތައްޔާރަށެވެ. ފުށްޖަހާލައިގެން ނަލަ ހެދިލައިގެންނެވެ.

ޖޭމު ގަހުން ޖޭމު ބިނދެ، އުނގުގައި އޮތް ހުސޭނުގެ އަނގައަށް ފާއިޒާ ފިތާލި މަންޒަރު ރުކުގައި އޮތް ރާބެއަށް ފެނުނު ހިސާބުން މަރީނާ ހުރީ ދޮން މުހައްމަދާ ބައްދަލުކުރަން ކެތްމަދުވެފަ އެވެ. ރާބެއަކީ މަރީނާގެ އެންމެ ވަފާތެރި ޖާސޫސެވެ.

ނަމަވެސް ރާބެ ގެނެސްދިން އުފާވެރި ޚަބަރު ދޮން މުހައްމަދަށް ދޭން މަރީނާ ކުރި އިންތިޒާރު ދިގުލައިގެން ގޮސް ނިމުނީ ހިތާމަވެރި ޚަބަރަކުންނެވެ. ހުޅަނގު މޫސުމުގެ ގަދަ ވިލާގަނޑެއްގައި ޖެހި ދޮން މުހައްމަދުގެ ބައްތެލި ބަންޑުން ޖަހާލީ އެވެ. މުހައްމަދާއި އޭނާގެ ފަޅުވެރިން މާ ކަނޑަށް ގެއްލުނީ އެވެ.

"މިއީ ހައްތަހާ ވެސް މިހިރަ ގޮތްކުޑަ އަންހެނާގެ ސުންޕާކަމޭ،" ފާއިޒާ ގޭގައި ހުއްޓައި މަރީނާ ގޮސް އޭނާއާ ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވާލާފައި ނުކުމެގެން ދިޔައީ އެވެ.

*** *** ***

ފާއިޒާގެ ހިތް އަނެއްކާވެސް ހުސޭނުގެ އުނގަށް ބަންޑުންވީ އެވެ. ދެ މީހުންގެ މާފޮޅުވުން އަލުން ފެށީ ދޮން މުހައްމަދުގެ މަރާ ގުޅިގެން ވެރިވި ހިތާމަ އަށް ވަގުތު ދިނުމަށް ފަހު ނިކަން ވެސް ސިއްރުންނެވެ. ދެ މީހުންނާ ގުޅުވައިގެން ރަށު ތެރޭގައި އޭރު ވެސް ފާޑުފާޑުގެ ވާހަކަތައް ދެކެވޭތީ އެވެ.

އެހެންވެ ދެ މީހުން ދެން ބައްދަލުކުރަން ފެށީ ރަށުގެ އެންމެ އެކަހެރި ހިސާބުންނެވެ. އެއީ ފެންފެހަނޑަ ވަލެވެ. ދޮންހިޔަލަ އާއި އަލިފުޅު ފަދައިން ރަށަށް މަޝްހޫރުވި ސަންޕާ އާއި ހުސެންތަކުރު ވެސް ލޯބީގައި ގުރުބާންވެ ނިމިދިޔަ ވަލެވެ.

"އަހަރެމެން ދެ މީހުން ވެސް ނިމިގެންދާނީ މި ވަލަށްތޯއްޗެއް،" ހުސޭނު އޮތީ ފެންފެހަނޑަ ވެޔޮ މަތީގައި އުޑުތިލަމަތިންނެވެ.

އޭނާ ކައިރީގައި އޮތް ފާއިޒާ އޮތީ މާ މަތިން ދައުރުކުރަމުން ދިޔަ ވައިދުންޏަކަށް ގެއްލިފަ އެވެ. އަތުގެ ކޮޅަށް ނަގައިގެން އޮތް ފަންވަތުގެ ބުރަފަތި އެނބުރޭ ގޮތާ މެދު ހިތްހަމަނުޖެހިފަ އެވެ.

އެހެން އޮތްވައި ހުސޭނު ކުއްލިއަކަށް ފުރޮޅިގެން ގޮސް ފާއިޒާގައިގައި ބައްދައިގަތީ އެވެ. ދެން ކުޅެން ފެށި ލޯބީގެ ރާގު ނިމުމަކަށް އައުމުން ފާއިޒާ އެތަނުން ތެދުވެ، ހެދުން ގަޔަށް ހެޔޮވަރުކޮށް، ވެލި ފޮޅާލައިގެން ވަލު މަގުން ރަށު ތެރެއަށް ހިނގައިގަތީ އެވެ.

މިސްކިތް މަގުން ގޮސް އޭނާ ގެއާ ދިމާލަށް މިސްރާބުޖެހިއިރު އިޝާ ނަމާދުގެ ބަންގި ގޮވަން މުދިމު ތައްޔާރުވަމުންދާ މަންޒަރު ފެނެ އެވެ. ކުރު ފިޔަވަޅުތަކެއް ޖަހަމުން ގޮސް ފާއިޒާ ގެއަށް ވަދެ، ފުޅި ބައްތިއެއް ރޯކޮށްލައިގެން ގިފިއްޔަށް ވަދެ ދޮރުގައި ތަންޑު އެޅުވީ އެވެ.

ލިބާސް ލައިގެން ބޮލުގައި ތެތް ތުވާލި އޮޅާލައިގެން ފުޅި ބައްތިއާ އެކު ގިފިލިން ނުކުތް ފާއިޒާގެ ހަރަކާތް ހުއްޓުނީ ދޮރު ހުޅުވާލާފައި ގޮނޑިތައް އުކަމުން ހަރުކަށިކަމާ އެކު ހިޔަންޏެއް ފަދައިން ގޭތެރެއަށް ވަދެގެން އައި މީހާ ފެނިފަ އެވެ. ފުޅި ބައްތީގެ އަލި އޭނާގެ މޫނަށް އެޅި، ލެއިން ތަތްތެޅިފައިވާ އެ މޫނު ފެނުމާ އެކު ވެގެން އުޅޭ ގޮތް ފާއިޒާ އަށް ސާފުވި އެވެ.

ނަމަވެސް ބުނާނެ އެއްޗެއް ދުލަށް ނައިސް ދެ ލޯ ބޮޑުކޮށްލައިގެން ހުއްޓައި އެމީހާ އައިސް ފާއިޒާގެ ފުރާނަ ޖަހައިގަތީ އެވެ. ނިއްކުރީގެ މެދުން ބޮލަށް އެރި ބާރުގަދަ ހަމަލާއިން ފުރާނަ ހުސްވެގެން ފާއިޒާ ވެއްޓުނުއިރު ކަތިވަޅި ހުރީ ބޮލުގެ ނާށިގަނޑު ތެރެއަށް ވަދެ ތާށިވެފަ އެވެ.

އޭނާ އަތުން ހޫރިގެން ގޮސް ދޫވި ފުޅި ބައްތި ހިރިގަލުގެ ފާރުގައި ޖެހި ތަޅައިގެން ގޮސް ގިފިލީގެ ދޮރުފަތުގައި އަލިފާން ރޯވެ އަނދަން ފެށީ އެވެ.

ރަށުގެ ކުދިބޮޑު މީހުން މިސްކިތުން ފޭބިއިރު ރުށްޖެހިގެއާ ދިމާލުން އޮލަ ދުންގަނޑެއް ފެނެ އެވެ. ހިސާބުގަނޑަށް އެއްވެފައި ތިބި އަންހެންވެރިންތައް ހޯބޯ ލައްވަމުން ގެންދަނީ އެވެ. މިސްކިތުން ފޭބި ފިރިހެންވެރިންނަށް އެހިސާބަށް ދެވުނުއިރު ހުޅުގަނޑު ނުކުމެ ބޮޑުވެއްޖެ އެވެ.

ރުށްޖެހިގޭ އަނދައި ހުލިވީ އެވެ. އެއަށް ފަހު ދެން ފެނުނީ އަނދައި ދެއްޔަށް ވެފައި އޮތް ދެ މީހެއްގެ ހަށިގަނޑެވެ. އެއީ ފާއިޒާ އާއި އޭނާގެ ބައްޕަ އިބްރާހީމުގެ ހަށިގަނޑު ހެއްޔެވެ؟

މަންޒަރު ބަލަން އެއްވެ ތިބި މީހުންގެ ކަންފަތްދޮށުގައި އެނބުރެމުން ދިޔަ ސުވާލަކީ އެއީ އެވެ.

އެރި އިރާ އެކު އެހެން މަރެއްގެ ވާހަކަ ރަށު ތެރެއަށް ފެތުރި މީހުންތައް ފިތްކަނޑައިގެން ދިޔައީ އެވެ. އެއީ ޝާއިރެއްގެ މަރެވެ. ފިނިފެންމާ ވާދީ، ހުސެން ޝާއިރުގެ ރަހުމްކުޑަ މަރެވެ.