- ޔުގެންޑާ މިރުސް 100ގ. ލިބެނީ 10-15 އަށް
- ކަނޑޫ މިރުސް 100ގ. 60ރ. އަށް
- ތޮޅި މިރުސް 100ގ. 10ރ. ވަރަށް ލިބޭ
ކުރިން އަޑު އިވެނީ ކާށިދޫ "ރާބިއާ މިރުހާއި" ކަނޑޫދޫ "ކުޅި ގަދަ އަލިފާން" މިރުހެވެ. ނަމަވެސް މި ރޯދަ މަހު މި ވަނީ އެކަން ބަދަލުވެފަ އެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ ޔުގެންޑާ އިން ރާއްޖެއަށް މާ މަޝްހޫރު މިރުހެއް އެތެރެކޮށްފި އެވެ. މިހާރު މުޅި މާރުކޭޓު "ކުޅިކޮށްލާފައި" މި އޮތީ މި މިރުހުންނެވެ.
"މިހާރު ހުރިހާ ގޮޅިއެއްގައި ވެސް މި އޮންނާނެ. އުކާލާ ވަރަށް މި މިރުސް ރާއްޖެ މިވަނީ އެތެރެކޮށްފައި،" މާރުކޭޓު ގޮޅިއެއްގައި ހުރި މީހަކު މިއަދު ބުންޏެވެ.
މާރުކޭޓުގެ ގޮޅިތަކަށް ބަލާއިރު ފެންނަނީ މިރުސް ތިޔާގި ތަނެވެ. މި ތިޔާގިކަން ފެންނަނީ މި އަހަރު ޔުގެންޑާ މިރުސް ގެނެސް ބާޒާރަށް އަޅައިލުމުންނެވެ. މި މިރުހަކީ މިހާރު ހޫނު ގުޅަ ވިކޭ ގޮތަށް އަތުފަތު ނުޖެހި ވިކޭ އެއްޗަކަށް މިވަނީ ވެފަ އެވެ. ބާޒާރުގައި އާއްމުކޮށް ގިތެޔޮ މިރުސް ވިއްކަނީ 100ގ. 30-60ރ. އަށެވެ. ނަމަވެސް ޔުގެންޑާ މިރުސް ވިއްކަނީ 100ގ. 10-15ރ. އަށެވެ.
"އަގު ހެޔޮވާނެތާ މި ވަރަށް އެތެރެކޮށްގެން އުޅެންޏާ. ދެން ކަލޭ ވެސް މާގިނަ ވާހަކަ ނުދައްކާ މި ގަނޭ،" ގޮޅީގައި ހުރި މީހާ ބުންޏެވެ.
ކަނޑޫދޫ ކުޅިގަދަ އަލިފާން މިރުސް ދުލެއް ނުދޭ!
މިރުހުގެ ވާދަވެރިން މާރުކޭޓުގައި މަތިވެ ޔުގެންޑާ މިރުސް ވަކި "ހިއްޕާލާފައި" ވީ ނަމަވެސް އަދިވެސް ގިނަ ބައެއްގެ ހިތްތައް ކުޅިކުރަމުން ދަނީ ތ. ކަނޑޫދޫ މިރުހެވެ. ރަހައިގެ ގޮތުން މި މިރުހާ ވާދަކުރެވޭނެ ދެވަނަ މިރުހެއް އަދި ވެސް ބާޒާރުގައި ނެތް ކަމަށް ދަނޑުވެރިން އެއްބަސްވެ އެވެ.
"ޔުގެންޑާ މިރުހުގައި ދޭނީ ތަންކޮޅެއް ހިތި ރަހައެއް. އެކަމަކު މި މިރުސް [ކަނޑޫދޫ މިރުހު] ގެ ރަހަ ވަރަށް މީރުވާނެ،" އެހެން ދަނޑުވެރިއަކު ބުންޏެވެ.
ތ. ކަނޑޫދޫ އިން ވިއްކާ ކުޅިގަދަ އަލިފާން މިރުހުގެ އަގު ވެސް އުޅެނީ ވަރަށް މަތީގަ އެވެ. މީގެ މިރުސް 100ގ. ވިއްކަނީ 60ރ. އަށެވެ.
މީގެ އިތުރުން ބާޒާރުގައި މިހާރު ހުރި މިރުހުގެ ވައްތަރުތަކުގެ ތެރޭގައި ފިއްތި ގިތެޔޮ މިރުހާއި ތޮޅި މިރުސް ހިމެނެ އެވެ.
ކޮންމެއަކަސް މި ރޯދަ މަހު މިރުހުގެ ބާޒާރުގައި އެންމެ ނަން ހިނގަނީ ޔުގެންޑާ ގިތެޔޮ މިރުހެވެ. މުޅި މާރުކޭޓު "ކުޅިކޮށްލާފައިވަނީ" ވެސް ހަމަ މި މިރުހުންނެވެ.