ދުނިޔެ

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ހުއްދަ އަށް އޮބާމާ އެދިވަޑައިގެންފި

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހުއްދަ ހޯއްދެވުމަށް އެމެރިކާގެ ރައީސް ބަރަކް އޮޮބާމާ ކޮންގްރެސް އަށް ހުށަހަޅުއްވައިފި އެވެ.

މިއީ މިދިޔަ 13 އަހަރު ތެރޭ ހަނގުރާމައެއްގެ ހުއްދަ އަށް އެދި އެމެރިކާގެ ކޮންގްރެސް އަށް ހުށަހެޅި ފުރަތަމަ ފަހަރެވެ. އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ކޮންގްރެސް މެދުވެރިކޮށް މިކަން ކުރުމުން ހަނގުރާމާގައި އެމެރިކާގެ ބާރުވެރިކަން ގަދަވާނެ ކަމަށާއި އައިއެސް އަށް އޮތީ ނާކާމިޔާބު ކަމަށެވެ.

"މިއީ އުނދަގޫ ހަނގުރާމައަކަށް ވާނެ. މި އުނދަގޫކަމުގެ ތެރޭގައި ދުވަސްކޮޅެއް ހޭދަވާނެ. އެކަމަކު އަހަރެމެންގެ ބައިވެރިން ދަނީ އައިއެސްގެ ފަހަތުން. އައިއެސް އަށް ޖެހިފައި ވަނީ ސަލާމަތް ވާން މަސައްކަތްކުރަން،" ނޫސްވެރިންގެ ބައްދަލުވުމުގައި އޮބާމާ ވިދާޅުވި އެވެ.

ނައިބު ރައީސް ޖޯ ބައިޑެން އާއި ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އާއި ޑިފެންސް ސެކްރެޓަރީ ޗަކް ހޭގަލްއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވަމުން އޮބާމާ ވިދާޅުވީ ކޮންގްރެސް އަށް ހުށަހެޅުއްވި ބިލްގައި މަައިގަނޑު ގޮތެއްގައި ވާނީ އައިއެސް ނިކަމެތިކޮށްލުމަށް ކުރަންޖެހޭ ކަންކަން ކަމަށެވެ. އޮބާމާ ވިދާޅުވީ ހަނގުރާމަ އަށް ހުއްދަ ލިބުނެއް ކަމަކު އޭގެ މާނަ އަކީ އައިއެސްގެ ބާރު ގަދަކޮށްފައިވާ ސީރިއާ ނުވަތަ އިރާގުގައި އެމެރިކާ ސިފައިންގެ ފައުޖުތައް ރުކުރުވާލުން ނޫން ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެމެރިކާ ސިފައިން އަލުން މެދުއިރުމަތީގެ ގައުމަކަށް އަރައި ގާއިމުވެ ތިބެގެން ހަނގުރާމަ ކޮށްގެން ނުވާނެ ކަމަށް ... އައިއެސް ބަލިކުރަން އެއީ ކުރަންޖެހޭ ކަމެއް ވެސް ނޫން،" އޮބާމާ ވިދާޅުވި އެވެ.

ހަނގުރާމައިގެ ހުއްދަ އަށް އެދުނު ނަމަވެސް މިހާރުވެސް އެމެރިކާ އިން ދަނީ އިރާގާއި ސީރިއާގައި އައިއެސްގެ އަމާޒުތަކަށް ވައިގެ މަގުން ހަމަލާ ދެމުންނެވެ.