ފިނިޕޭޖް

މި ކުއްޖާގެ އާދަޔާހިލާފު އަޑުން ޝަމްރާހު ވެސް ހައިރާންކޮށްލައިފި

މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުގައި ޑރ. އަހުމަދު ޝަމްރާހު، "މޫނު ބުރުގާ ނެގީމާ މިރޭ" ޕާފޯމްކުރި ރެއަކީ ދިވެހިން އުފަލުން ރޮއްވާލި ދުވަހެކެވެ. އޭނާގެ ހުނަރު ފެނި ޖަޒުބާތުތައް ނުހިފެހެއްޓުނީ އެވެ. އެއަށް ފަހު އިއްޔެ އަކީ އަނެއްކާވެސް ޝަމްރާހުގެ އެ ލަވައެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ނިކަން ގަދަ އަށް ދެކެވުނު ދުވަހެކެވެ.

ނަމަވެސް އެއާދަޔާހިލާފު އަޑުގެ ވެރިޔަކީ މިފަހަރަކު ޝަމްރާހެއް ނޫނެވެ. އޭނާއާ ނިކަން ގާތްކުރާ ފަދަ ހުނަރުވެރިކަމެއް ދައްކައި އަލުން ދިވެހިންގެ ޖަޒުބާތުތައް މި ލަވައަކަށް ބަންޑުންކުރުވި އަޑުގެ ވެރިޔަކީ ފ. ނިލަންދޫ އަށް ނިސްބަތްވާ 14 އަހަރުގެ އަހުސަން ނަސީރެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ސޯޝަލް މީޑިއާގެ ޖަޒުބާތުތައް މި ކުއްޖާގެ ހުނަރުވެރިކަމަށް ބަންޑުންވި ގޮތެވެ. އެންމެ ފުރަތަމަ މި ވީޑިއޯއެއް އާންމުވެ ދައުރުވާން ފެށުމާ އެކު އާދައިގެ މަތިން ވަރަށް ގިނަ ބަޔަކު އެ ކުއްޖާ އަށް ކުރީ މަލާމާތެވެ. ފުރައްސާރައިން ތަޅައި ކަތިލަން ފެށީ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އެ ކުއްޖާގެ މި ހުނަރުވެރިކަން ފެށި އާޝޯހުވި އެކަކު އެބަހުއްޓެވެ. އެއީ މި ވީޑިއޯގައި އެ ކުއްޖާ "މޫނު ބުރުގާ ނެގީމާ މިރޭ" ލަވަ ކިޔަން މަސައްކަތްކޮށްފައިވާ ގޮތަށް މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖުގައި އެ ލަވަ ހުށަހަޅައިދިން އާދަޔާހިލާފު ލަވަކިޔުންތެރިޔާ ޝަމްރާހެވެ.

"އަވަސް" އަށް ދިން އިންޓަވިއުއެއްގައި ޝަމްރާހު ބުނީ ބަޔަކަށް އެ ކުއްޖާގެ ލަވަކިޔުން "މަޖަލަކަށް ވިޔަސް" އެކުއްޖާގެ ހުނަރުން ހައިރާންކޮށްލި ކަމަށާއި އެއީ ކުޑައިރުގެ ހަނދާންތައް ވެސް އާކޮށްލަ ދިން ހުނަރުވެރިއެއް ކަމަށެވެ.

"އަޅުގަނޑު އެ ވީޑިއޯ ބެލީ ހިނިތުންވުމަކާ އެކު. ބައެއް މީހުންނަށް (އޭނާ) މަޖާވެދާނެ އަދި ބޭނުން ގޮތަކަށް (މި ވީޑިއޯއެއް) މާނަ ވެސް ކުރެވިދާނެ. އެކަމަކު އަޅުގަނޑު ހުރީ އުފާވެފައި. އަޅުގަނޑު ބޮޑަށް ޝައުގުވެރިވީ (އެ ލަވައިގެ) ޓެކްނިކްތައް އެގޮތުގައި ގެނެސްދިނުމަށް އޭނާ މަސައްކަތްކޮށްފައިވާތީ،" ދަ ވޮއިސްގެ ރަޝިއަން ވާޝަންގައި މީގެ ކުރިން ބައިވެރިވެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޝަމްރާހް ބުންޏެވެ.

މި މޭރުމުން އެ ކުއްޖާ އަށް ތައުރީފު އޮއްސަމުން ޝަމްރާހު ބުނީ އެ ކުއްޖާ އަކީ އާދަޔާހިލާފަށް ހުނަރުވެރި ކުއްޖެއްކަން ފާހަގަކުރެވޭ ކަމަށާއި ލަވަކިޔުމުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ ޕިޗިން ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވުނު ކަމަށެވެ.

"ސަމާލުކަން ދީގެން އަޑުއަހައިފި ނަމަ މި ވީޑިއޯ އިން އަޅުގަނޑުމެންނަށް ފާހަގަކުރެވޭނެ ލަވަކިޔުމުގެ ކޮންޓްރޯލިން އާއި ޕިޗިން އޭނާގެ ވަރަށް ރަނގަޅުކަން. އެ ހުނަރު އެބަހުރިކަން. ދެން އަނެއްކޮޅުން މިއީ ވަރަށް ކުޑަ ކުއްޖެއް އަދި،" ތައުރީފުކުރަމުން ޝަމްރާހް ބުންޏެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ހީކުރީ ވެސް މިއީ މަޖަލަކަށް އެ ކުއްޖާ ކިޔާލާފައިވާ ލަވައެއް ކަމަށް އެކަމަކު ފަހުން ފާހަގަކުރެވޭނެ އޭނަ އެ ލަވަކިޔަނީ ވަރަށް ސީރިއަސްކޮށްކަން. ވަރަށް ވެސް ހައިރާންކުރުވަނިވި ކަމެއް މިއީ."

މޯލްޑިވިއަން އައިޑޮލްގައި ޝަމްރާހް "މޫނު ބުރުގާ ނެގީމާ މިރޭ" ޕާފޯމްކޮށްފައި ވަނީ އެއަށް "އޮޕެރާ" ގެ ރަހަގަނޑެއް ވެސް އިތުރުކޮށްލައިގެންނެވެ. އެއީ ކުރީގެ މަޝްހޫރު އޮޕެރާ ލަވަކިޔުންތެރިޔާ ޕަވަރޮއްތީގެ ފޭނަކަށްވުމުން ކޮށްލި އެކްސްޕެރިމެންޓެއް ކަމަށް ޝަމްރާހް ކުރިން ބުނެފައިވެ އެވެ.

"މި ކުއްޖާގެ ލަވަ އަޑުއަހަމުންދިޔައިރު އަޅުގަނޑުގެ ހަނދާނަށް އައީ ވަަރަށް ކުރީގެ، އަޅުގަނޑުގެ ކުޑައިރުގެ ހަނދާންތަކެއް. ޕަވަރޮއްތީ ލަވަކިޔާ ގޮތަށް ލަވަކިޔައި އުޅޭ ހަނދާން. ކުޑައިރުއްސުރެން ފެށިގެން ވެސް އަޅުގަނޑަކީ އޮޕެރާގެ ބޮޑު ފޭންއެއް،" ޕްލާސްޓިކް ސާޖަރީގެ ދާއިރާ އިން ސްޕެޝަލައިޒްވަމުން އަންނަ ޑޮކްޓަރު އަދި ޕާޓްޓައިމް ލަވަކިޔުންތެރިޔާ ބުންޏެވެ.

އަހުސަންގެ މި ވީޑިއޯ އަށް ވަނީ މިހާތަނަށް ފޭސްބުކްގައި 47،500 އަށް ވުރެ ވިއުސް ލިބިފަ އެވެ. އަދި އެތައް ސަތޭކަ ބަޔަކު ދަނީ އޭނާގެ މި ވިޑިއޯ ޝެއާކުރަމުންނެވެ.

އެއީ ބަލި ކުއްޖެއް ނޫން، މިއީ އޭނާގެ ހުނަރުވެރިކަމުގެ ކުޑަ މިންވަރެއް!

ސޯޝަލް މީޑިއާގައި އަހުސަންގެ ވީޑިއޯ ދައުރުވާން ފެށުމާ އެކު އެންމެ ފުރަތަމަ ނިކަން ގަދަ އަށް ފުރައްސާރަ އާއި މަލާމާތް އޭނާ އަށް އަމާޒުވި އެވެ. އެހެން ނަމަވެސް ފަހުން ފެތުރުނު އެހެން ޚަބަރަކާ އެކު ވަރަށް ގިނަ މައިތިރިވެ ފިލީ އެވެ. އެއީ ބައެއް ކޮމެންޓްތައް ކުރަމުން ދިޔަ މީހުން މި ކުއްޖާ ބަލި ކުއްޖެއްގެ ގޮތުގައި ސިފަކުރަން ފެށުމުންނެވެ.

ބައެއް މީހުން ކޮށްފައިވާ ކޮމެންޓްސްތަކުގައި ބުނެފައި ވަނީ އަހުސަން އަކީ އޯޓިޒަމްގެ ބަލި ހުންނަ ކުއްޖެއް ކަމަށެވެ. ނަމަވެސް މިއަދު އަވަސް އަށް ދިން އިންޓަވިއުއެއްގައި އަހުސަންގެ މަންމަ އަމީނާ ބުނީ އޭނާގެ ދަރިފުޅުގެ ކިބައިގައި އެފަދަ އެއްވެސް މައްސަލައެއް ހުރިކަން އެނގިފައިނުވާ ކަމަށެވެ.

"އެކަހަލަ އެއްވެސް މައްސަލައެއް ނުހުންނާނެ. ޖިންމާނީ ނަފުސާނީ ހުރިހާ ކަމެއް ވެސް ރަނގަޅު އިރާދަކުރެއްވިޔާ އަޅުގަނޑުގެ ދަރިފުޅުގެ. އަޅުގަނޑަށް ވަރަށް އުނދަގޫ ވެސްވި ބައެއް މީހުން އެގޮތަށް ވާހަކަ ދެއްކީމަ،" ރަށުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން އަމީނާ ބުންޏެވެ.

އެއަށް ފަހު އޭނާ ބުނީ އެއް މިނެޓް 52 ސިކުންތުގެ އެ ވީޑިއޯގައި އެ ފެންނަނީ އަހުސަންގެ ހުނަރުވެރިކަމުގެ ނިކަން ކުޑަ މިންވަރެއް ކަމަށެވެ.

އަމިއްލަ އަށް މަޖަލަކަށް ކޮށްލި ކަމެއް އެއީ. އައިޕެޑް ނަގައިގެން ކޮޓަރިއަށް ވަދެ. މަންމަ ހީނހީ ބިނދޭނެއެ ކިޔާފައި އައިސް އަޅުގަނޑަށް ވެސް އެ ވީޑިއޯ އެންމެ ފުރަތަމަ ދެއްކީ. އަޅުގަނޑަކަށް އޭގެ ކުރިއަކުން ނުވެސް އެނގޭ ލަވައެއް އެގޮތަށް ރިކޯޑްކުރި ކަމެއް،" އަމީނާ ބުންޏެވެ.

"ވަަރށް ޝައުގުވެރިކަން ހުންނާނެ މިކަހަލަ ކަންކަމަށް. މިއީ ހަމަ އޭނާގެ ޓެލެންޓްގެ ކުޑަ މިންވަރެއް އަދި. މޯލްޑިވިއަން އައިޑޮލް އިން މި ލަވައެއް އަޑުއިވުނު ފަހުން އޭނާ އަށް ވަރަށް ކަމުގޮސްގެން އުޅޭ ލަވައެއް މި ލަވަ އަކީ."

ސަކަ މިޒާޖެއްގެ މި ދަރިވަރު މިހާރު ތައުލީމު އަދާކުރަމުން އަންނަނީ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް އަށެއްގަ އެވެ. ސްކޫލްގައި ވެސް އޭނާ އަކީ މި އާދަޔާހިލާފު ހުނަރަށް މަޝްހޫރު ދަރިވަރެކެވެ. އެގޮތުން މަދަހަ މުބާރާތްތަކުން ތަކުރާރުކޮށް ވަނަ ގެންދިއުމާއި ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ މީހުން ހައިރާންކޮށްލުމަކީ ވެސް އޭނާގެ ކަމެކެވެ.

ނަމަވެސް އަހުސަންގެ މަންމަ ބުނީ ލަވަކިޔުމަކީ އާއިލާއިން އެހާ ހިތްވަރުދޭ ކަމަކަށް ނުވާތީ އެކަމުގެ ތެރޭގައި އެހާ ބޮޑަކަށް އޭނާ ވެސް ނޫޅޭނެ ކަމަށެވެ.

"ވަރަށް ހުނަރުވެރި ކުއްޖެކޭ އަޅުގަނޑު ބުނާނީ އަހުސަން އަކީ އެކަމަކު އަޅިގަނޑު އެހާ ތައުރީފުކުރާ ކަމެއް ނޫން ލަވަކިޔުމަކީ. އެކަމަކު މަދަހަ މުބާރާތްތަކުގައި ބައިވެރިކުރުމަށާއި ގުރުއާން ކިޔެވުމުގެ މުބާރާތްތަކުގައި ބައިވެރިވެގެން ވަނަތައް ލިބޭނެ،" ރަށު ސްކޫލްގައި އިސްލާމް މުދައްރިއްސެއްގެ ވަޒީފާ އަދާކުރަމުން އަންނަ ތިން ކުދިންގެ މަންމަ، އަމީނާ ބުންޏެވެ.

އަމީނާގެ ދެން ތިބި ކުދިންނަކީ ވެސް ހަމަ މިވަރަށް ހުނަރުވެރި ކުދިންނެވެ.