ހަބަރު

ޝިނާންއަށް ސްޓެލްކޯ ޗެއާމަންކަން، ނަޒީމްއަށް ޑެޕިއުޓީ މިނިސްޓަރުކަން

Jun 13, 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ބޯޑުން އިއްޔެ ވަކިކުރި ސިނާން އަލީ ސްޓެލްކޯގެ ޗެއާމަންކަން، އަދި އެމްއާރުޑީސީގެ އެމްޑީ ކަމުން ވަކި ކުރި އިބްރާހިމް ނަޒީމް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަކިކުރި ސިނާން އަލީ ސްޓެލްކޯގެ ޗެއާމަންގެ މަގާމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ކަމުން އިއްޔެ ވަކިކުރި އަބްދުއްރައްޒާގު ހަލީމް އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވެސް މިއަދު ވަނީ ހަމަޖައްސައިފި އެވެ. އެމްއާރުޑީސީގެ އެމްޑީ ކަމުގައި ހުންނެވި، އިބްރާހިމް ނަޒީމް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކި ކުރި އިރު، އެމްއާރުޑީސީގެ ތެރެއިން ހިންގި އެތައް މިލިއަން ރުފިޔާއެއްގެ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އޭސީސީ އިން ވަނީ ޕީޖީގައި އެދިފަ އެވެ.

ސަރުކާރު ކުންފުނިތަކުގެ ބޯޑްތަކަށް އިއްޔެގެނައި ބަދަލުގެ ތެރޭގައި، އެމްޓީސީސީގެ ބޯޑް މެންބަރެއްގެ ގޮތުގައި ހުންނެވި، ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވެސް ވަނީ ބޯޑުން ވަކިކޮށްފަ އެވެ އޭނާ ބޯޑުން ވަކިކުރި ސަބަބެއް ނޭނގެ އެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމު ހުސްވެފައި ވީ ނަމަވެސް އެ މަގާމަށް އަދި ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.